ވިޔަފާރި

ގުޅިފަޅުގައި ފައްތިޔާ ވިއުގައެއް، އިތުރު ވަސީލަތްތައް ގާއިމް ކުރަނީ

  • ގުޅިފަޅުގައި 98 ފައްތިޔާގެ ވިއުގައެއް
  • މުދާ އަރުވާ ބޭލޭނެ އިންތިޒާމު ހަމަޖައްސަނީ
  • 80 ޕަސެންޓް ބިން ކުއްޔަށް ހިފައިފި

ގުޅި ފަޅުގައި އުޅަނދު ފަހަރު އަޅަން ފައްތިޔާ ގާއިމްކޮށްފައިވާ ކަމަށާއި، އިތުރު ވަސީލަތްތައް ގާއިމް ކުރަން މަސައްކަތް ކުރަމުންދާ ކަމަށް ގުޅިފަޅު އިންވެސްޓްމަންޓުން ބުނެފި އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ގުޅިފަޅު އިންވެސްޓްމަންޓުގެ މެނޭޖިން ޑިރެކްޓަރު، އަބްދުﷲ ފަޒީލް ވިދާޅުވީ ސަފާރީތަކާއި ދޯނިފަހަރު އެޅުމަށްޓަކައި 98 ފައްތިޔަ ގުޅިފަޅުގައި ގާއިމުކޮށްފައިވާ ކަމަށާއި، އެ ފައްތިޔާ ބޭނުންވާ އުޅަނދު ފަހަރަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ގުޅިފަޅުން ފައްތިޔާ ދޫކުރާނެ އަގެއް އަދި ނުބުނެ އެވެ.

"އެމްއެންޑީއެފުން މިހާރު މިވަނީ 98 ފައްތިޔާ އަޅައި ދީއީ ވިއުގައެއް ހަދައިދީފައި. މިތަނުގައި ސަފާރީތަކާއި މަސް ދޯނި ފަހަރު އަދި ރަށްރަށް ދަތުރުކުރާ ދޯނި ފަހަރުވެސް އެޅޭނެ. މިތަނަށް ޑިމާންޑް އަންނަ މިންވަރަކުން އިތުރު ފައްތިޔާ އެޅުމުގެ މަސައްކަތް ކުރާނަން،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީގެ އިތުރުން ފައްތިޔަތައް ކުއްޔަށް ދޭއިރު، މިހާރު ކުރާ މަސައްކަތްތައް ނިމޭއިރު، ގުޅިފަޅުން ފެނާއި ތެޔޮ އަދި އައިސް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

"މި ވަސީލަތްތައް [ތެލާއި، ފެން އަދި އައިސް] ލިބޭނެ އިންތިޒާމު ހަމަޖެހުމުން ހިއެއްނުވޭ ދެން މާލެ އަންނަން ޖެހޭނެ ހެނެއް،" ފަޒީލް ވިދާޅުވި އެވެ.

"ގުދަންތައް ދިނީމަ، ގުޅިފަޅުން މުދާ އެރުވޭނެ"

ގުޅިފަޅު ކުރިން އޮތީ މީހުން ދިރިއުޅޭ ރަށެއްގެ ގޮތުގަ އެވެ. ނަމަވެސް މިތަނުގައި ފްލެޓް ލިބިފައި ތިބި މީހުންނަށް ހުޅުމާލެ އިން ފްލެޓް ދިނުމަށް ސަރުކާރުން ނިންމައި، މިރަށް މިވަނީ ސިނާއީ ރަށަކަށް ބަދަލުކޮށްފަ އެވެ. މި މަސައްކަތާއެކު ގުޅިފަޅުން ދަނީ ގުދަން ފަދަ މަސައްކަތްތަކަށް ބިން ކުއްޔަށް ދެމުންނެވެ.

އެމްޑީ ފަޒީލް ވިދާޅުވީ މިހާރު މަސައްކަތް ކުރަމުންދަނީ ރަށަރަށް ދަތުރުކުރާ ބޯޓު ފަހަރަށް ބޭނުންވާ މުދާ ގުޅިފަޅުން އެރުވޭނެ ވަސީލްތްތައް ގާއިމް ކުރަން ކަމަށެވެ.

"ގުޅިފަޅުން މުދާ އެރުވޭނެ އިންތިޒާމު ހަމަޖެއްސުމަށް މި ދަނީ އެމްޕީއެލްއާ ވާހަކަ ދައްކަމުން. ވަރަށް ޕޮޒިޓިވްކޮށް ތިއްބެވީ އެބޭފުޅުން ވެސް،" ފަޒީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުޅިފަޅުގައި ގިނަ ގުދަންތަކެއް ހަދަމުންދާ ކަމަށާއި، ގުޅިފަޅު ބިމުގެ 80 ޕަސެންޓް މިހާރުވެސް އެކަމަށް ހާއްސަވެފައިވާ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މި ބަދަލަނީ މި އަހަރު ވެސް ބަދަލުތަކެއް ފެންނާނެ ކަމަށް. އަސްލު މި ޕްލޭން އެއްކޮށް ނިމޭއިރު މި ބަލަނީ ކުލި ވެސް ދަށަށް ދާނެ ކަމަށް،" ފަޒީލް ވިދާޅުވި އެވެ.