ވިޔަފާރި

ގުޅިފަޅު ބަނދަރަށް 300 މިލިއަން ޑޮލަރު، ލޯނު ދެނީ އިންޑިއާއިން

ގުޅިފަޅު ބަނދަރަށް ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ފަސް ބިލިއަން ރުފިޔާ) ހޭދަވާނެ ކަމަށާ، އެ ފައިސާ ލޯނުގެ ގޮތުގައި ދެނީ އިންޑަން އެގްޒިމް ބޭންކުން ކަމަށް ސަރުކާރުން ބުނެފި އެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް (އެފްޑީއައި) ގަވާއިދާބެހޭ ގޮތުން މައުލޫމާތު ދޭން މާގިރި ހޮޓެލްގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވީ ގުޅިފަޅަށް ވިޔަފާރި ބަނދަރު ބަދަލު ކުރުމުގެ ގޮތުން ހަދަން ޖެހޭ ދިރާސާތައް މިހާރު ކުރަމުންދާ ކަމަށެވެ. ބަނދަރު ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މި އަހަރުގެ ފަހު ކްއާޓަރުގައި ފަށާނެ ކަމަށެވެ.

"އިރާދުކުރެއްވިއްޔާ މިހާރު ޑިޒައިންގެ މަސައްކަތް ކުރިއަށް އެބަދޭ. އިންޑިއަން އެގްޒިމް ބޭންކުން މި ފަންޑު މި ކުރަނީ. އެއަށް ލާން ޖެހޭ ޕްރޮޖެކްޓް ރިޕޯޓް މި މަސް ނިމެން ވާއިރަށް ދޭނެ. އުންމީދަކީ އަހަރުގެ މެދުތެރޭގައި ކޮންޓެކްޓަރާ ހަވާލު ކުރުން." ފައްޔާޒު ވިދާޅުވި އެވެ.

ޒަމާނީ ބަނދަރަށް ވާނެ

މިނިސްޓަރު ވިދާޅުވީ ބަނދަރަށް ހޭދަވާނެ ކަމަށް އަންދާޒާ ކުރެވެނީ ގާތްގަނޑަކަށް 300 މިލިއަން ޑޮލަރު ކަމަށާއި ބަނދަރުވާނީ ޒަމާނީ ފެންވަރުގެ ބަނދަރަކަށް ކަމަށެވެ. އަދި މި ލޯނު ފައިސާއަކީ ސީދާ މި މަޝްރޫއަށް ދޭ ފައިސާ ކަމަށެވެ.

"މި ސަރަހައްދުގައި ވާދަ ކޮށްލެވޭ ތަނަކަށް ވެގެންދާނެ. އުންމީދު ކުރަނީ މަސައްކަތް ބުރިޖާއެކު ނިމިގެންދާއިރު ގުދަންތައް ވެސް ބަދަލު ކުރަން. އޭރުން މުދަލުގެ އަގު ހެޔޮ ވެގެން ދާނެ... ޓްރާންޝިޕްމަންޓް ފުރުސަތުތަކެއް ހުޅުވިގެން ދާނެ،" ފައްޔާޒު ވިދާޅުވި އެވެ.

މި ސަރުކާރުން ގުޅިފަޅުގައި ބަނދަރު ހެދުމުގެ މަސައްކަތް ފަށާއިރު، މިދިއަ ސަރުކާރުން ބަނދަރު ބަދަލު ކުރުމުގެ މަސައްކަތް ކުރަން އުޅުނީ ތިލަފުށީގަ އެވެ.

ގުޅިފަޅަށް ބަނދަރު ބަދަލުކުރި ސަބަބާ ބެހޭ ގޮތުން މިނިސްޓަރު ވިދާޅުވީ އެގޮތަށް ނިންމީ މާލެ ސަރަހައްދުގެ ކުނީގެ މައްސަލަ އާއި ބަނދަރު ބޮޑު ކުރެވޭނެ އޮޕްޝަން ތަކަށް ބަލައިގެން ކަމަށެވެ.

"ކެބިނެޓުގައި މަޝްވަރާ ކުރުމަށްފަހު ނިންމީ މިގޮތަށް. ތިލަފުއްްޓަކީ މިހާރުވެސް އިންޑަސްރިއަލް ރަށެއް. އަނެއްކާ ކުނީގެ މައްސަލަ މި ސަރަހައްދުގައި 100 އަހަރަށް ވިސްނާފަ މި ނިންމުން ނިންމީ،" ފައްޔާޒު ވިދާޅުވި އެވެ.

ކުރީ ސަރުކާރުން ޗައިނާ ބަޔަކާއެކު އެމްއޯޔޫ ހެދި

މިނިސްޓަރު ފައްޔާޒު ވިދާޅުވީ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލު ކުރަން ކުރީ ސަރުކާރުން "ޕްރިމިލިނަރީ ރިޕޯޓް" ތަކެއް ހަދާފައި އެބަހުރި ކަމަށެވެ.

"ބޭރުގެ ފަރާތް ތަކަށް އިންވެސްޓް ކުރަން ދޫކޮށްލަން، ޗައިނާގެ ދެ ޕާޓީއަކާއެކު އެމްއޯޔޫ ހަދާފަ އެޑްވާންސް ފައިސާ ވެސް ނެގި. ނަމަވެސް އެ ފައިސާ މިހާރު ހަވާލުވެސް ކޮށްފިން،" ފައްޔާޒު ވިދާޅުވި އެވެ.

ޕޯޓު ހިންގާނީ އެމްޕީއެލް އިން

އިކޮނޮމިކް މިނިސްޓަރު ވިދާޅުވީ ގުޅިފަޅު ޕޯޓު ހިންގާނީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ކަމަށެވެ.

"އަޅުގަނޑުމެންގެ ނެތް އެހެން ބަޔަކަށް ދިނުމުގެ ވިސްނުމެއް. ނަމަވެސް މެނޭޖުމަންޓް ކޮންސެލްޓެންޓުންގެ ގޮތުގައި ބޭރު މީހުން ހޯދަން ވިސްނަން. ސަބަބަކީ އަޅުގަނޑުމެން މި ޓާގެޓް ކުރަނީ ހަމައެކަނި ރާއްޖެއަކަށް ނޫން. ރާއްޖެ މި އޮންނަ ރޫޓުގެ ފައިދާ ނަގަން ވެސް ވިސްނަން،" ފައްޔާޒު ވިދާޅުވި އެވެ.

ގުޅިފަޅުގައި ބަނދަރު ހެދުމުގެ ގޮތުން ސަރުކާރުން ވަނީ ބިޑަށް ނުލައި ގުޅިފަޅު ހިއްކަން 53 މިލިއަން ޑޮލަރަށް ބޮސްކާލިސް އަށް ހަވާލުކޮށްފަ އެވެ. ގުޅީފަޅު އިންޓަނޭޝަނަލް ޕޯޓް ޑިވްލޮޕްމަންޓަށް ކޮންސެލްޓެންސީ ދިނުމަށް ހަވާލު ކޮށްފައިވަނީ ނިރާސް ކުންފުންޏާއި މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަންސް (އެމްޓީބީއެސް) އަދި ސަބް ކޮންސެލްޓެންސީގެ ގޮތުގައި ހަރަކާތްތެރިވާނީ ވޯޓާ ސޮލިއުޝަން އާއި ކްލިއާރެއިން މޯލްޑިވްސް އަދި ބީޗްރޮކް ވެންޗާ އެވެ.މި މަޝްރޫއު ހަވާލު ކޮށްފައިވާ ނިރާސްއަކީ ޑެންމާކުގެ ކުންފުންޏެވެ. އަދި މި މަސައްކަތުގައި ހަރަކާތްތެރިވާ މެރިޓައިމް ޓްރާންސްޕޯޓް ބިޒްނަސް ސޮލިއުޝަން (އެމްޓީބީއެސް) އަކީ ހޮލެންޑުގެ ކުންފުންޏެވެ. ދެން މި މަސައްކަތުގައި ބައިވެރިވަނީ ރާއްޖޭގެ ވޯޓާ ސޮލިއުޝަން އާއި ކްލިއަރިއަން މޯލްޑިވްސް އަދި ބީޗް ކޮން ވެންޗާ އެވެ.