ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް އެ ކޯޓުން ދެ ފަނޑިޔާރަކު ވަކިކުރަން ޖެހޭ ގޮތަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ރޭ ފާސްކޮށްފި އެވެ.
މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ހުށަހެޅުއްވި އެ ބިލް ދިރާސާ ކުރުމަށް ފަހު މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ރޭ ނިންމީ ޝަރީފް ހުށަހެޅުއްވި ބިލުގައި ވެސް އޮތްގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ އުއްތަމަ ފަނޑިޔާރާ އެކު ފަސް ފަނޑިޔާރުން ކަމަށެވެ. ނަމަވެސް ޝަރީފް ހުށަހެޅުއްވި ބިލުގައި ބަޔާންކޮށްފައި ނެތް ބައެއް ކަންތައްތައް ކޮމެޓީން ވަނީ ހިމަނައިފަ އެވެ.
މިހާރު ހަތް ފަނޑިޔާރުން ތިއްބެވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ފަހަކަށް މަދުކުރުމަށް އަމަލުކުރަންޖެހޭ ގޮތަށް ޝަރީފް އެ ބިލް ހުށަހެޅުއްވިއިރު ހިމަނާފައި ނުވި ނަމަވެސް ކޮމެޓީން ވަނީ އެ ކޯޓުން ފަނޑިޔާރުންގެ އަދަދު މަދުކުރަން އަމަލުކުރަންޖެހޭ ގޮތް އެ ބިލުގައި ހިމަނައިފަ އެވެ.
އެގޮތުން އެ ބިލުގެ ބޭނުމަށް ނަމަވެސް ސުޕްރީމް ކޯޓުން ފަނޑިޔާރަކު ވަކިކުރެވޭނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ހުށަހެޅުމަކަށް މަޖިލީހުން ކަމަށް އެ ބިލުގައިވެ އެވެ. އަދި އެ ބިލް ގާނޫނަކަށް ވާތާ ތިން ދުވަހުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރަން ޖޭއެސްސީން ހުށަހަޅާ ނަންތައް މަޖިލީހަށް ފޮނުވަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ. އެގޮތަށް ޖޭއެސްސީން ނަންތައް ފޮނުވުމުން އެ ނަންތަކާ މެދު ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަން އެ ބިލް ލާޒިމް ކުރެއެވެ.
މީގެ އިތުރުން އެ ބިލްގެ ބޭނުމަށް ސުޕްރީމް ކޯޓުން ވަކިކުރެވޭ ދެ ފަނޑިޔާރުން ފިޔަވައި އެ ކޯޓުގެ އެހެން ފަނޑިޔާރުންތައް މަގާމުގައި ދެމިތިބޭނެ ކަމަށް ވެސް ކޮމެޓީން ގެނައި އިސްލާހުތަކުގައި ހިމެނެ އެވެ. އަދި ވަކިކުރެވޭ ފަނޑިޔާރުންނަށް ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން އިނާޔަތް ލިބޭނެ އެވެ.
އެމްޑީޕީއަށް ނިސްބަތްވާ މެމްބަރަކު އެ ބިލް ހުށަހެޅި ނަމަވެސް އެމްޑީޕީން ވަނީ އެ ބިލަށް ތާއީދު ނުކުރާނެ ކަމަށް ބުނެފަ އެވެ. އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ އެ ބިލަށް ތާއީދު ނުކުރާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ޕީޕީއެމުން ވަނީ އެ ބިލަށް ތާއީދުކޮށްފަ އެވެ.
ޝަރީފް ހުށަހެޅުއްވި އެ ބިލްގައި ހައި ކޯޓުގެ ދެ ގޮއްޕެއް ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަންޖެހޭ ގޮތަށް ހުށަހަޅާފައި ހުރި އިސްލާހުތަކަށް އެއްވެސް ބަދަލެއް ގެނައުމެއް ނެތި ކޮމެޓީން ވަނީ ފާސްކޮށްފަ އެވެ.
އެ ބިލްގައިވާ ގޮތުން ހައި ކޯޓުގެ ދެ ގޮއްޕެއް ސުޕްރީމް ކޯޓުގެ ލަފައާ އެކު ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމް ކުރަންޖެހޭނެ އެވެ. އަދި އެ ގޮފިތަކުން ބަލާނީ އެ ގޮފިތައް ހިމެނޭ ސަރަހައްދުތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުން ނިންމާ މައްސަލަތައް އެކަނި ކަމަށް ވެސް އެ ބިލުގައިވެ އެވެ.
އެ ބިލް ގާނޫނަކަށްވުމާ އެކު ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން ތިން ފަނޑިޔާރަކު އެއިން ކޮންމެ ގޮއްޕަކަށް އައްޔަންކުރަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.