ބޮލީވުޑް

ޝާހްރުކްގެ ބަތަލާ އަކަށް ކެޓްރީނާ ހަމަޖެއްސުމުން ދިޕިކާ ރަތަށް

Sep 9, 2016
1

ސުޕަސްޓާ ޝާހްރުކް ޚާން ޑްވާފެއްގެ ރޯލުން ފެނިގެންދާ ޑައިރެކްޓަރު އަނަންދަ އެލް ރާއީގެ ފިލްމުގެ ބަތަލާއަކަށް އެންމެ ފުރަތަމަ ހަޖައްސަން އާނަންދް ބޭނުންވީ މަޝްހޫރު ބަތަލާ ދިޕިކާ ޕަދުކޯން އެވެ. ނަމަވެސް ދިޕިކާގެ އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމުގައި ބިޒީވުމުން ޑައިރެކްޓަރު އަނަންދް ވަނީ ޝާހްރުކް އާއެކު ފެނިގެންދާނެ އެހެން ބަތަލާއެއް ހޯދުމުގެ މަސައްކަތް ފަށާފަ އެވެ.

ދެހާސް އަށާރަވަނަ އަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރުމަށް ހަމަޖެހިފައިވާ މިފިލްމުގެ ޝާހްރުކްގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާ ބަތަލާ އަކަށް "ކުއީން" ގެ ތަރި ކަންްގަނާ ހަމަޖައްސަން އުޅުނު ނަމަވެސް މީގެކުރިން އޭނާ އާއެކު އަނަންދް އުފައްދާފައިވާ ފިލްމުތަކުގެ ޝޫޓިންގައި ކަންގަނާގެ އަމަލުތައް ހުންނަ ގޮތުން ދިމާވި ދަތިތަކުގެ ސަބަބުން އޭނާއާ އެކު އިތުރު ފިލްމެއްގައި މަސައްކަތްކުރާކަށް ބޭނުމެއްނުވެ އެވެ.

އެހެންކަމުން އަނަންދް ވަނީ މިރޯލު ކެޓްރީނާ އަަށް ހުށަހަޅާފަ އެވެ. މިރޯލަކީ ދިޕިކާ އަށް ވަގުތު ނުވުމުން ދޫކޮށްލި ފިލްމެއްކަން ކެޓްރީނާ އަށް އެނގުމުން ވަނީ ވަގުތުން ފިލްމު ކުޅެން އެއްބަސްވެފަ އެވެ.

ހޮލީވުޑްގެ ފިލްމަށް ވަގުތުދޭން ވެގެން ދިޕިކާ އެއްވެސް ބޮލީވުޑްގެ ފިލްމެއް ކުޅެވެން ނެތް ކަމަށް ބުނަމުން އައި ދުވަސްކޮޅު ލިބުނު މިފިލްމު އޭނާ އަށް ކުޅެވޭނެ ކަމުގެ ޔަގީންކަން ދޭންް އެވަގުތު ނެތް ކަމަށް ބުނުމުން، އެންމެ ބޮޑު ވާދަވެރި ކަމެއް އޮންނަ ކެޓްރީނާ އަށް ލިބިދާނެ ކަމަކަށް ކުޑަކޮށްވެސް ދިޕިކާގެ ހިތަކަށް ނާރަ އެވެ.

ނަމަވެސް މިފިލްމުގެ ބަތަލާގެ ރޯލަށް ކެޓްރީނާ ހަމަޖެއްސި ކަމުގެ އަޑުތައް އަރަން ފެށުމުން، ދިޕިކާ ވަނީ ވަގުތުން ޑައިރެކްޓަރު އަނަންދް އަށް ގުޅައި، މިފިލްމުގެ ބަތަލާ ހަމަޖެއްސުމުގެ ކުރިން އޭނާ ކުރެން އެކަމާ ގުޅޭގޮތުން އަހާފައިނުވަނީ ކީއްވެގެން ތޯ ވަރަށް ހިތްހަމަނުޖެހިގެން އަހާފަ އެވެ. އަދި އޭނާ ހޮލީވުޑް ފިލްމުގެ ޝޫޓިންވެސް ނިންމާލިތާ އެތަކެއް ދުވަހެއް ވެފައިވާ ކަމަށާއި އެހެންކަމުން ބަތަލާގެ ރޯލު ކެޓްރީނާ އަށް ދިނުގެ ކުރިން އޭނާއާ އެކަމާ ގުޅިގެން ވާހަކަދައްކައި އެރޯލު އަލުން އޭނާ އަށް ހުށަނޭޅީ ކީއްވެގެންކަމާ މެދު ފޯނުން ގުޅައިގެން ޝަކުވާކޮށްފަ އެވެ.

ދިޕިކާ މިކަމާ ޝަކުވާކުރި ނަމަވެސް އަނަންދް ވަނީ ދިޕިކާގެ ހޮލީވުޑްގެ ފިލްމާއި އެހެން ފިލްމުތަކުގެ ޝެޑިއުލް އޭނާ އަށް ނޭނގޭ ކަމަށް ބުނެފަ އެވެ.

ދިޕިކާ އާއި ރަންބީރު ލޯބީގެ ގޮތުން ގުޅިގެން އުޅެނިކޮށް، ރަންބީރަށް ކެޓްރީނާ ފެނިގެން އޭނާ އާއި ލޯބީގެ ގޮތުން ގުޅުމަށް ދިޕިކާއާ ރުޅިވި ހިސާބުން މިދެތަރިންނަކީ ބޮލީވުޑްގެ އެންމެ ބޮޑު ވާދަވެރިކަމެއް އޮންނަ ދެތަރިންނެވެ. އެގޮތުން ދިޕިކާ ދޫކޮށްލި ފިލްމެއް އޭނާގެ ވާދަވެރިޔާ ކެޓްރީނާ އަށް ލިބުމުން އެކަން ހަޖަމުކުރަން މިފަހަރު ދިޕިކާ އަށް ތަންކޮޅެއް އުނދަގޫވީ އެވެ.

މިފިލްމު އިތުރުންވެސް އެކަކު އަނެކަކަށް ހުށަހެޅުން ލިބޭ ފިލްމުތައް ދޫކޮށްލުމުން، އެފިލްމެއް އަތުލުމަކީ މިދެތަރިން ވަރަށް ގިނައިންކުރާ ކަމެކެވެ.

ޝާހްރުކް އާއި ކެޓްރީނާ އެކުގައި ފެނިގެންދާ މިފިލްމަކީ 2012 ވަނަ އަހަރު ނިކުތް "ޖަބްތަކް ހޭ ޖާން" އަށް ފަހު މިދެތަރިން އެކުގައި ފެނިގެންދާ ދެވަނަ ފިލްމެވެ.