ބޮލީވުޑް

އުފަންދުވަސް ފާހަގަކުރަން އަކްޝޭ އާއިލާ އާއެކު ރާއްޖޭގައި

Sep 10, 2016
1

ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރުގެ 49 ވަނަ އުފަންދުވަސް ފާހަގަކުރުމަށް އާއިލާ އާއެކު ޗުއްޓީއެއް ހޭދަކުރުމަށް ރާއްޖެ ވަނީ އައިސްފަ އެވެ.

އަންހެނުން ޓްވިންކަލް ކަންނާ އާއި ދެކުދިން ކަމަށްވާ އާރަވް އާއި ނިތާރާ އާއެކު އަކްޝޭ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ކަމަށް އިންޑިއާގެ ނޫސްތަކުން ވަނީ ބުނެފަ އެވެ.

އަކްޝޭގެ އަންހެނުން ޓްވިންކަލް އޭނާ އަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވަމުން އިންސްޓަގްރާމަށް ލާފައިވާ ފޮޓޯއެއްގައި ފެންނަނީ އެދެތަރިން ޔޮޓެއްގެ ދިރުނބާ ކޮޅުގައި ތިބެގެން ނަގާފައިވާ ފޮޓޯ އެކެވެ. ވަށައިގެން ސާފު ރީތި ކަނޑު ފެންނަން އޮތް ނަމަވެސް އަކްޝޭމެން ތިބީ ރާއްޖޭގައި ކަމަށް އެމީހުން ހާމަކޮށްފައެއް ނުވެ އެވެ.

ޓްވިންކަލްގެ އިތުރުން އަކްޝޭ ވެސް އޭނާގެ ތިން އަހަރުގެ ދަރިފުޅު ނިތާރާ އާއެކު ޔޮޓްގައި ސަކަރާތް ޖަހަނިކޮށް ނަގާފައިވާ ފޮޓޯ އެއް އިންސްޓަގްރާމަށް ލާފައިވާއިރު ވަނީ ވަށައިގެންވާ ހިތްގައިމު މާހައުލުގައި މިއީ އޭނާ ފާހަގަކުރާ ވަރަށް އުފާވެރި އުފަންދުވަހެއް ކަމަށް ބުނެފަ އެވެ.

މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި އަކްޝޭ އާއިލާ އާއެކު ތިބޭނެ ކަމަށް ބުނެފައިވާއިރު، ރާއްޖެ އަށް އެމީހުން އައިސްފައިވަނީ ކޮން ދުވަހެއްގައި ކަމެއް އަދި ޗުއްޓީ ހޭދަކުރަން ދަނީ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެ އެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު 10 އެކްޓަރނުންގެ ތެރޭގައި ހިމެނޭ އަކްޝޭގެ ތިން ފިލްމެއް ރިލީޒްވެފައިވާއިރު، އެތިން ފިލްމަށްވެސް ވަނީ ބޮޑު ކާމިޔާބީ އެއް ލިބިގެން ގޮސްފަ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައިވެސް އަކްޝޭ ވަނީ އާއިލާ އާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފަ އެވެ. އެފަހަރު އަކްޝޭ ޗުއްޓީ ހޭދަކޮށްފައިވަނީ ރަންދެލި ރިސޯޓްގަ އެވެ.