ދުނިޔެ

ރޮބޮޓެއްގެ އެހީގައި ފުރަތަމަ ފަހަރަށް ލޮލުގެ އޮޕަރޭޝަނެއް ކާމިޔާބުކޮށްފި

Sep 11, 2016

ދުނިޔޭގައި ފުރަތަމަ ފަހަރަށް، ފެނުން ދަށްވެފައިވާ މީހެއްގެ ލޮލުގެ އެތެރެ އޮޕަރޭޝަން ކުރުމަށް ރޮބޮޓެއް ބޭނުންކޮށް، އޮޕަރޭޝަން ކާމިޔާބުކޮށްފި އެވެ. ރޮބޮޓެއްގެ އެހީގައި އެ އޮޕަރޭޝަން ކާމިޔާބުކުރީ އޮކްސްފޯޑްގެ ޖޯން ރެޑްކްލިފް ހޮސްޕިޓަލްގެ ޑޮކްޓަރުންގެ ޓީމަކުންނެވެ.

"ޖޯއިސްޓިކް" ނުވަތަ ހަރަކާތްތަކަށް ކޮމާންޑްދޭ ރިމޯޓަކުން އޮޕަރޭޓް ކުރާ މެޝިނެއްގެ އެހީގައި ކުރި އެ އޮޕަރޭޝަނުގައި، ލޮލުގެ ކަޅު ކަޅީގައި ހުންނަ 100 މިލިމީޓަރަށްވުރެ ވެސް ތުނި ދުލިފަށެއް ވަނީ ނައްޓާފަ އެވެ. އެ އޮޕަރޭޝަން ކުރި ޓީމްގެ މާހިރުން އެކަން ސިފަ ކުރަނީ، ތުއްތު ކުދިންގެ "ހިޔާލީ ވާހަކަ" އެއްހާ ގަބޫލު ކުރަން ދަތި ކަމެއްގެ ގޮތުގަ އެވެ.

އޮކްސްފޯޑްގެ އެ ޓީމަށް އިތުބާރުކޮށް އޮޕަރޭޝަނަށް އެއްބަސްވި ބަލި މީހާއަކީ އެ ހޮސްޕިޓަލުން ލޮލަށް ފަރުވާ ހޯދަމުން ދިޔަ ބިލް ބީވާ ނަމަކަށް ކިޔާ 70 އަހަރުގެ ފިރިހެނެކެވެ. ޓެކްނޮލޮޖީއަށް އިތުރު ކުރިއެރުމެއް ގެނެސްދިން އެ އޮޕަރޭޝަން ކާމިޔާބު ވުމުން ބީވާ ވަނީ ދެ ގުނައަށް އުފާވެފަ އެވެ.

"އަހަންނަށް މިހާރު ރީތިކޮށް ފެނޭ. ހީވަނީ މި އުޅެވެނީ ހިޔާލީ ދުނިޔެއެއްގަ ހެން. އެންމެ އުފާވަނީ މިކަން ފުރަތަމަ ތަޖުރިބާކޮށްލަން ފުރުސަތު ލިބުނީމަ،" ފުރަތަމަ ފަހަރަށް ރޮބޮޓެއް ބޭނުންކޮށްގެން ލޮލުގެ އެތެރޭގެ ސާޖަރީއެއް ހެދުމަށް ކުރި ރިސްކު ބޮޑު އޮޕަރޭޝަނަށް ފަހު ބީވާ ބުނެފައިވެ އެވެ.

އެ އަޖައިބުކުރުވަނިވި އޮޕަރޭޝަނަށްފަހު އެކަމަށް އިސްނެގި ޓީމުގެ ޕްރޮފެސަރު، ރޮބާޓް މެކްލެރެން ވިދާޅުވީ، ލޮލުގެ އެންމެ އެތެރެ އޮޕަރޭޝަން ކުރުމަކީ އެއްވެސް ލޮޅުމެއް ނެތި ވަރަށް ފަރުވާތެރިކަމާއެކު އަވަހަށް ނިންމަންޖެހޭ ކަމެއް ކަމަށެވެ. ރޮބޮޓް ސިސްޓަމެއް މެދުވެރިކޮށް ކަޅުކަޅީގެ އެ ހިމަ ލޯވަޅުން އެތެރެއަށް އެއްޗެއް ވައިދައިގެން އެހެން ތަނަކަށް ގެއްލުމެއް ނުދީ އެކަން ކުރުމަކީ އެންމެ ބޮޑު ޗެލެންޖް ކަމަށެވެ.

"އޮޕަރޭޝަން ތަކުގައި އެހީތެރިއެއްގެ ގޮތުން ރޮބޮޓް ސިސްޓަމް ބޭނުން ކުރުމަކީ މީގެ ކުރިން ވެސް ކުރާ ކަމެއް. އެކަމަކު ނާޒުކު ގުނަވަނެއްގެ އެތެރެ ރޮބޮޓެއް ލައްވައި އޮޕަރޭޝަން ކުރި މީ ފުރަތަމަ ފަހަރު، އާންމުކޮށް އޮޕަރޭޝަން ތިއޭޓަރު ތަކުގައި ގެންގުޅެނީ ވަރަށް ބޮޑު އޮޕަރޭޓިން ސިސްޓަމްތަކެއް. އެކަމަކު މިއީ ސައިޒުގެ ގޮތުން ވެސް ކުޑަ ރޮބޮޓް ސިސްޓަމެއް،" ޕްރޮފެސަރު ވިދާޅުވި އެވެ.

ލޯ އޮޕަރޭޝަން ކުރުމަށް އޮކްސްފޯޑްގެ ޓީމުން ބޭނުންކުރި ރޮބޮޓް އުފައްދާފައިވަނީ ޑަޗް ކުންފުންޏެއް ކަމަށްވާ އެއިންދަވޮން ޔުނިވަސިޓީ އޮފް ޓެކްނޮލޮޖީ އިންނެވެ. ކަޅު ކަޅީގެ ތެރެއަށް ކަށި ވެއްދުމަށް ކޮމާންޑް ދޭން ބޭނުންކޮށްފައިވަނީ ޖޯއިސްޓިކަކާއި އޭގައި އިންސްޓޯލްކޮށްފައިވާ ސްކްރީނެކެވެ.