މިހާތަނަށް އެންމެ އަގުބޮޑު މެޗު ކަމަށްވާ ޕްރެމިއާ ލީގުގައި މެންޗެސްޓާގެ ޓީމު ވާދަކޮށް، ޔުނައިޓެޑް 2-1އިން ބަލިކޮށް ޕެޕް ގާޑިއޯލާގެ މެންޗެސްޓާ ސިޓީ ޓޭބަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
ވާދަވެރި ދެ ޓީމު ޔުނައިޓެޑުގެ އޯލްޑް ޓްރެފަޑުގައި ކުޅުނު މެޗުގެ ފުރަތަމަ ދެ ގޯލު ޖެހީ ސިޓީންނެވެ. އެއީ ފުރަތަމަ ހާފުގަ އެވެ. ޔުނައިޓެޑުގެ ޑިފެންސުން ހެދި މިސްޓޭކްތަކުގެ ފައިދާ ނަގައި ފުރަތަމަ ލަނޑު ޖެހީ ކެވިން ޑެބްރޫނޭ އެވެ. އަދި ފުރަތަމަ ހާފުގައި ގޭމް ކޮންޓްރޯލްކުރި ސިޓީގެ ދެ ވަނަ ލަނޑު ޖެހީ 38 ވަނަ މިނިޓްގައި ޅެނާޗިއޯ އެވެ. އެއީ ޑެބްރުނޭ ޖެހި ބޯޅަ ދަނޑީގައި ޖެހިފައި ނުކުތްވަގުތު ގޯލް އޭރިޔާތެރޭގައި މުޅިން ހުސްކޮށް ހުރެފަ އެވެ.
ޔުނައިޓެޑުގެ ހަމައެެކަނި ލަނޑު ޖަހައިދިނީ ފުރަތަމަ ހާފު ނިމެން ދެ މިނިޓަށްވީ ފަހުން ސްވިޑްގެ ފޯވަޑް ޒްލަޓާން އިބްރަހިމޮވިޗެވެ. ފުރަތަމަ ފަހަރަށް ސިޓީ އަށް ކުޅުނު ބާސެލޯނާގެ ކުރީގެ ކީޕަރު ކްލައުޑިއޯ ބްރާވޯ އަތުން ދޫވި ބޯޅަ އިބްރަހިމޮވިޗް ގޯލަށް ވައްދާލީ އެއްފަހަރުން ޖަހަ އެވެ. މި މެޗުގައި ޗިލީގެ ގައުމީ ކީޕަރު ބްރާވޯ އަތުން ގިނަ ގޯސްތަކެއް ވެސް ފެނިގެންދިޔައިރު ރަނގަޅު ސޭވްތަކެއް ވެސް އޭނާކުރި އެވެ. ޕެނަލްޓި އޭރިޔާ ތެރެއިން ރޫނީގެ ފަޔަށް ކުރި ޓެކްލް އަށް ޕެނަލްޓީ ދޭންޖެހޭ ކަމަށް އިނގިރޭސި ގައުމީ ކެޕްޓަން ވަރަށް ބޮޑަށް ރެފްރީގާތުގައި މައްސަލަޖެއްސި އެވެ.
މި ސީޒަން ފެށުމުގެ ކުރިން 100 މިލިއަން ޕައުންޑް ދީފައި ޔުނައިޓެޑަށް ގަތް ޕައުލް ޕޮގްބާއާއެކު ދެ ޓީމުގައި ތިބި ކުޅުންްތެރިންގެ އަގު 565 ޕައުންޑަށް އަރާ މި މެޗަކީ ބާސެލޯނާގެ ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އެ ދެކުލަބު ދޫކޮށްލި ފަހުން އެކަކު އަނެކަކާ ދެކޮޅަށް ނުކުތް ފުރަތަމަ ފަހަރެވެ. ބާސެލޯނާގައި މޮރީނިއޯގެ މައްޗަށް ކާމިޔާބު ހޯދި ގޮތަށް މިއީ އަނެއްކާ ވެސް ގާޑިއޯލާ އަށް ލިބުނު ބޮޑު ކާމިޔާބީއެކެވެ. އަދި މިއީ ޔުނައިޓެޑާ ހަވާލުވި ފަހުން މޮރީނިއޯ ބަލިވި ފުރަަތަމަ މެޗުވެސްމެ އެވެ.
މި މޮޅާއެކު ސިޓީ އެއްވަނާގައިވަނީ ޔުަނައިޓެޑަށްވުރެ ތިން ޕޮއިންޓް އިތުރަށް ހޯދައިގެންނެވެ. ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސިޓީ އަށް 12 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑަަށް ލިބިފައިވަނީ ނުވަ ޕޮއިންޓެވެ.