ކުޅިވަރު

ޔުނައިޓެޑުން ފަހަތުން އަރައި ވަރުގަދަ ސިޓީ ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ސިޓީ މޮޅުވާން ދަނިކޮށް ފަހަތުން އަރައި ޖެހި ގޯލުތަކާ އެކު މެންޗެސްޓާ ޔުނައިޓެޑް 1-2 އިން މޮޅުވެއްޖެ އެވެ.

ވާދަވެރި ދެޓީމުގެ ކުރިމަތިލުން ކާމިޔާބުކޮށް ޔުނައިޓެޑް މިހާރު ވަނީ ދެވަނައިގައި އޮތް ސިޓީއާ ޕޮއިންޓަކަށް ކައިރިކޮށްފަ އެވެ. ސިޓީ އަށް 18 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު ޔުނައިޓެޑް ތިން ވަނައިގައި އޮތީ 18 މެޗުން ލިބުނު 38 ޕޮއިންޓާ އެކު އެވެ. ލީގުގެ އެއްވަނައިގައި އޮތީ 17 މެޗުން 44 ޕޮއިންޓް ހޯދާފައިވާ އާސެނަލް އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން ވަނީ މޮޅަށް ކުޅެ ގޯލު ޖަހާނެ ފުރުސަތު ތަނަވަސްކޮށްފަ އެވެ. މި ހާފުގައި ބްރޫނޯ ފެނާންޑޭސް އަށް ލިބުނު ހުސް ބޯޅަ ގޯލަށް ފޮނުވާލުމުން ދިޔައީ އަރިމަތިން ބޭރަށެވެ. އޭގެފަހުން މާކަސް ރަޝްފާޑަށް ގޯލު ޖަހާނެ ހުސް ދެ ފުރުސަތު ލިބުނެވެ. ފުރަތަމަ ފުރުސަތުގައި ސިޓީގެ ގޯލްކީޕަރު އެޑަސަން ކަޓުވާފައި ގޯލަށް ފޮނުވާލި ބޯޅަ ސިޓީގެ ކުޅުންތެރިއަކު ގޯލު ރޮނގު ކައިރިން ސާފުކޮށްލީ އެވެ. އޭގެފަހުން ލިބުނު ފުރުސަތު ފޮނުވާލުމުން ކީޕަރު އެޑަސަން ވަނީ ސޭވްކޮށްފަ އެވެ. މި ހާފުގައި ސިޓީ އިން އުފެއްދި ހަމައެކަނި ހަމަލާ ކައިލް ވޯކާ ފޮނުވާލުމުން ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

ދެވަނަ ހާފު ޔުނައިޓެޑުން ފެށީ އެންތަނީ މާޝިއަލްގެ ބަދަލުގައި އެންޓޮނީ ކުޅެން އަރުވައިގެންނެވެ. މި ހާފު ފަށައިގެން ސިޓީ އިން ވަނީ މޮޅަށް ކުޅެ މެޗުގެ ކޮންޓްރޯލް ހޯދާފަ އެވެ. މޮޅަށް ކުޅެމުން ގޮސް ސިޓީ އިން މެޗުގައި ލީޑު ނެގީ 60 ވަނަ މިނެޓުގައި ޖެކް ގްރީލިޝް ޖެހި ލަނޑުންނެވެ. ކެވިން ޑި ބްރޭނާ އަރިމަތިން ނަގައިދިން ހުރަސް ގްރީލިޝް ގޯލަށް ވައްދާލީ ބޮލުން ޖަހަ އެވެ.

ފަހަތުގައި އޮވެ ޔުނައިޓެޑުން ވަނީ ހިތްވަރުކޮށް ފަހަތުން އަރައި ދެ ގޯލު ޖަހައިފަ އެވެ. އެޓީމުގެ ފުރަތަމަ ގޯލު 78 ވަނަ މިނެޓުގައި ޖެހީ ފެނާންޑޭސް އެވެ. ފެނާންޑޭސް މި ގޯލު ޖެހިއިރު މާކަސް ރަޝްފާޑް އޮފްސައިޑް މަގާމެއްގައި ހުރެފައި ހަރަކާތް ކުރުމުން ރެފްރީ ފުރަތަމަ ނިންމީ އެއީ އޮފްސައިޑް ގޯލެއް ކަމަށެވެ. އެކަމަކު ރެފްރީންގެ ޓީމާ މަޝްވަރާ ކުރުމަށް ފަހު ނިންމުން ބަދަލުކޮށް ގޯލަކަށް ހެދީ އެވެ.

އެ ފޯރީގައި ޔުނައިޓެޑުން ވަނީ ދެވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލު 82 ވަނަ މިނެޓުގައި ޖެހީ ރަޝްފާޑް އެވެ. އިހަންދްރޯ ގާނާޗޯ ނަގައިދިން ބޯޅަ ހުސްކޮށް ހުރެ ރަޝްފާޑް ވަނީ ގޯލަށް ވައްދާލާފަ އެވެ.

މެޗުގެ ފަހުކޮޅު ޔުނައިޓެޑް ކުޅުނީ މުޅި ޓީމު ފަހަތަށް ޖެހިގެންނެވެ. ސިޓީ އިން މެޗުގެ ބާކީ ބައިގައި ގިނަ ބޯޅަތަކެއް ޔުނައިޓެޑްގެ އޭރިޔާ ތެރެއަށް ހުރަސްކުރި އެވެ. އެކަމަކު ސިޓީ އިން ގޯލެއް ޖެހިޔަނުދީ ޔުނައިޓެޑުން ވަނީ މެޗު ނިންމާލާފަ އެވެ. މުޅި މެޗުގައި ވެސް ސިޓީގެ ނުރައްކާތެރި ފޯވާޑް އާލިން ބްރައުޓް ހާލަންޑް ހުއްޓުވުމުގައި ޔުނައިޓެޑްގެ ކުޅުންތެރިން މޮޅު ކުޅުމެއް ދެއްކި އެވެ.

މި ސީޒަނުގެ ކުރީކޮޅު ސިޓީގެ ދަނޑުގައި ޔުނައިޓެޑް ވަނީ 3-6 ގެ ލަދުވެތި ނަތީޖާއަކުން ބަލިވެފަ އެވެ. އެކަމަކު މި މެޗަށް ނުކުތްއިރު ޔުނައިޓެޑް އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެޓީމު އެންމެ ފަހުން ކުޅުނު 19 މެޗުގެ ތެރެއިން ބަލިވީ އެންމެ މެޗަކުންނެވެ.