ކުޅިވަރު

ސިޓީ އިން ލަދުވެތި ގޮތަކަށް ޔުނައިޓެޑް ބަލިކޮށްފި

އިނގިރޭސި ޕްރިމިއާ ލީގުގައި މެންޗެސްޓާ ސިޓީ އިން މިރޭ 3-6 ގެ ލަދުވެތި ނަތީޖާއަކުން ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފި އެވެ.

ބޮޑު މޮޅެއް ހޯދި މެޗުގައި ސިޓީގެ އާލިން ބްރައުޓް ހާލަންޑާއި ފިލް ފޯޑެން ވަނީ ހެޓްރިކް ހަދައިފަ އެވެ. މުޅި މެޗުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ސިޓީ އިން ވަނީ ތަނަވަސްކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ސިޓީން ނިންމާލީ ހަތަރު ގޯލު ކުރީގައި އޮވެގެންނެވެ. ފުރަތަމަ ލަނޑު ބެނާޑޯ ސިލްވާ ނަގައިދިން ހުރަހަކުން އެއްފަހަރުން ޖަހައި ގޯލު ކާމިޔާބުކުރީ ފޯޑެން އެވެ. ފުރަތަމަ ހާފުގެ ފަހު 11 މިނެޓުގައި ސިޓީ އިން އިތުރު ތިން ގޯލު ޖެހި އެވެ. ސިޓީގެ ދެ ވަނަ ލަނޑާއި ތިން ވަނަ ލަނޑު ހާލަންޑް ޖެހީ ކެވިން ޑި ބްރޭނާގެ އެހީތެރިކަމާ އެކު އެވެ. ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ސިޓީގެ ހަތަރު ވަނަ ލަނޑު ހާލަންޑުގެ އެހީތެރިކަމާ އެކު ކާމިޔާބުކުރީ ފޯޑެން އެވެ.

ފުރަތަމަ ހާފުގެ 40 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ޑިފެންޑަރު ރަފައެލް ވެރާން އަށް އަނިޔާވެގެން ބަދަލުގައި ވިކްޓަ ލިންޑެލޯފް ވަނީ ކުޅެން އަރުވައިފަ އެވެ. އަދި ދެ ވަނަ ހާފު ޔުނައިޓެޑުން ފެށީ ޓައިރެލް މަލާސިއާގެ ބަދަލުގައި ލޫކް ޝޯ ކުޅެން އަރުވައިގެންނެވެ. އަނެއްކޮޅުން ސިޓީގެ ކައިލް ވޯކާ އަށް އަނިޔާވުމުން ދެ ވަނަ ހާފަށް ޕެޕް ގާޑިއޯލާ ވަނީ ސާޖިއޯ ގޮމޭޒް ކުޅެން އަރުވައިފަ އެވެ.

ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗުގެ 56 ވަނަ މިނެޓުގައި ކާމިޔާބުކޮންދިނީ ބްރެޒިލްގެ އެންތަނީ ސަންތޯސް އެވެ. އޭރިޔާ ބޭރުން ސަންތޯސް ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މި ގޯލަށް ފަހު ޔުނައިޓެޑަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް ސިޓީން އިތުރު ދެ ލަނޑު ޖެހި އެވެ. ސިޓީގެ ފަސް ވަނަ ލަނޑު ގޮމޭޒްގެ އެހީތެރިކަމާ އެކު ޖަހައި ހާލަންޑް ހެޓްރިކް ފުރިހަމަ ކުރިިއިރު އޭގެ އިރުކޮޅެއް ފަހުން ހާލަންޑް ދިން ބޯޅައަކުން ފޯޑެން ވެސް ހެޓްރިކް ފުރިހަމަކުރި އެވެ.

މެޗުގެ ފަހުކޮޅު ޔުނައިޓެޑުން ވަނީ ކުރިއަށް ޖެހިގެން ކުޅެ އިތުރު ދެ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ. މި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މާޝިއަލް އެވެ. މާޝިއަލް ފުރަތަމަ ލަނޑު ބޮލުން ޖެހިއިރު ފަހު ލަނޑު ފަހު މިނެޓުގައި ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

މިއީ ހާލަންޑް ޕްރިމިއާ ލީގުގައި ސިޓީގެ ދަނޑުގައި ޖެހިޖެހިގެން ހެޓްރިކް ހެދި ތިންވަނަ މެޗެވެ. މިއާއެކު ހާލަންޑް ވެފައިވަނީ ލީގުގައި އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ތިން މެޗުގައި ހެޓްރިކް ހެދި ފުރަތަމަ ކުޅުންތެރިޔާއަށެވެ. ލީގުގައި ކުޅުނު ފުރަތަމަ 8 މެޗުގައި ހާލަންޑް ވަނީ 14 ލަނޑު ޖަހައިފަ އެވެ.

މިރޭގެ މޮޅާ އެކު ސިޓީ އޮތީ 20 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އެއްވަނައިގައި އޮތީ 21 ޕޮއިންޓް ހޯދާފައިވާ އާސެނަލެވެ. ހަތް މެޗުން ލިބުނު 12 ޕޮއިންޓާ އެކު ޔުނައިޓެޑް މިހާރު ވަނީ ތާވަލުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ.