ކުޅިވަރު

ޔުނައިޓެޑަށް ހަނި މޮޅެއް، އެވަޓަން އިން ސިޓީ ހިފަހައްޓައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު މެންޗެސްޓާ ޔުނައިޓެޑުން ރަށުން ބޭރުގައި ވުލްވްސް 1-0 އިން ބަލިކުރިއިރު އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑުން މިއަދު ނެރުނު ފުރަތަމަ އެގާރައިގައި މާކަސް ރަޝްފާޑް ހިމަނާފައެއްނުވެ އެވެ. ރަނގަޅު ފޯމެއްގައި ހުރި ރަޝްފާޑް ޓީމުގައި ނުހިމެނީ އަހުލާގީ މައްސަލައެއްގައި ކަމަށް ކޯޗު އެރިކް ޓެން ހާގް ވަނީ ބުނެފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެވެ. ދެވަނަ ހާފުގައި ވެސް ގޯލު ޖަހާނެ މާ ހުސް ފުރުސަތެއް ތަނަވަހެއް ނުކުރެވުނެވެ. އެކަމަކު ބެންޗުން ކުޅެން އަރައި ރަޝްފާޑް ވަނީ 76 ވަނަ މިނެޓުގައި ޔުނައިޓެޑަށް ލީޑު ނަގައިދީފަ އެވެ. ބްރޫނޯ ފެނާންޑޭސް ދިން ބޯޅަ ހޯދުމަށް ފަހު ރަޝްފާޑް ގޯލަށް ވައްދާލީ ތިރިތިރިން ޖަހަ އެވެ.

މިއީ މި ސީޒަނުގައި ރަޝްފާޑް 22 މެޗުގައި ޖެހި 11 ވަނަ ގޯލެވެ. ފަހަކަށް އައިސް ޔުނައިޓެޑްގައި އެންމެ މޮޅު ކުޅުމެއް ދައްކަމުން އަންނަނީ ވެސް ރަޝްފާޑެވެ. މެޗުގެ ފަހުކޮޅު ރަޝްފާޑް އިތުރު ގޯލެއް ޖެހި އެވެ. އެކަމަކު ގޯލު ޖެހި ވަގުތު އަތުގައި ބޯޅަ ޖެހުމުން ވީއޭއާރުގެ އެހީ ހޯދުމަށް ފަހު ރެފްރީ ވަނީ އެ ގޯލު ކެންސަލްކޮށްފަ އެވެ.

މެޗުގައި ވުލްވްސް އިން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ޔުނައިޓެޑްގެ ގޯލްކީޕަރު ޑޭވިޑް ޑެހެއާ ވަނީ މަތަކޮށްފަ އެވެ.
ލީގުގައި ސިޓީ އިން މިރޭ އެވަޓަންއާ އެއްވަރުވުމުން އެޓީމަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ. އެއްވަނައިގައި އޮތް އާސެނަލާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ބޭކާރުވެ ލީގު ހޯދުމުގެ ރޭހުގައި އެޓީމު މިހާރު ވަނީ ފަހަތަށް ޖެހިފަ އެވެ.

ސިޓީ މެޗުގެ ފުރަތަމަ ގޯލު 24 ވަނަ މިނެޓުގައި ޖެހީ އާލިން ބްރައުޓް ހާލަންޑް އެވެ. މިއީ މި ސީޒަނުގެ ލީގުގައި ހާލަންޑް ޖެހި 21 ވަނަ ގޯލެވެ. ސީޒަނުގެ 27 ވަނަ ގޯލެވެ. ސިޓީ ލީޑުގައި އޮއްވައި އެވަޓަންގެ ޑިމާރީ ގްރޭ ވަނީ ގޯލު ޖަހައި ނަތީޖާ ހަމަހަމަކޮށްފަ އެވެ.

އެވަޓަން އިން އެއްވަރުކުރުމުން ސިޓީގެ މުޅި ޓީމު ކުރިއަށް ޖެހި ލީޑު ލިބޭތޯ މަސައްކަތްކުރި އެވެ. އެކަމަކު ލިބުނު ފުރުސަތުތަކުގެ ބޭނުމެއް އެޓީމަށް ނުހިފުނެވެ.

މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ކްރިސްޓަލް ޕެލެސް އިން ވަނީ 2-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. ފުލަމް އިން އަމިއްލަ ދަނޑުގައި 1-2 އިން ސައުތެމްޓަން ބަލިކުރިއިރު ރަނގަޅު ފޯމެއްގައި އޮތް ނިއުކާސަލް ޔުނައިޓެޑް ވަނީ އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅެ ގޯލެއް ނުޖެހި އެއްވަރުވެފަ އެވެ.

ލީގުގައި ސިޓީ މިހާރު އޮތީ 36 ޕޮއިންޓާ އެކު ދެވަނައިގަ އެވެ. އަހަރު ނިންމާލިއިރު 34 ޕޮއިންޓާ އެކު ނިއުކާސަލަށް ލިބުނީ ތިން ވަނަ އެވެ. ޔުނައިޓެޑް ވަނީ 32 ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. ފަސް ވަނައިގައި އޮތީ 30 ޕޮއިންޓް ލިބިފައިވާ ޓޮޓެންހަމް ހޮޓްސްޕާ އެވެ.