ވިޔަފާރި

މިމަހު 23 ގައި ރާއްޖެއަށް އައިފޯން 7 ލޯންޗުކުރަނީ

Sep 10, 2016
2

މި މަހު 23 ވަނަ ދުވަހު އައިފޯން 7 އަދި އައިފޯން 7 ޕްލަސް ރާއްޖެއަށް ލޯންޗުކުރަން ނިންމައިފި އެވެ. މި ފޯނު ރާއްޖެއަށް ތައާރަފްކުރަނީ އެޕަލްގެ ރީޖަނަލް ޑިސްޓިބުއުޓާ އެންޑް ސްޓޮކިސްޓް ކަމަށްވާ ސޮފްޓް ޓަޗް މޯލްޑިވްސްއިންނެވެ.

ސޮފްޓް ޓަޗް މޯލްޑިވްސްއިން ބުނެފައިވާ ގޮތުގައި މިމަހުގެ 23 ވަނަ ދުވަހު ރާއްޖެއަށް އައިފޯން 7 އަދި އައިފޯން 7 ޕްލަސް ތައާރަފްކުރާނެ އެވެ.

މިހާރު ވެސް ސޮފްޓް ޓަޗް މޯލްޑިވްސްއިން ޕްރިއޯޑާ ނަގަން ފަށާފައިވާއިރު، ފޯނުގެ އަގުތައް ފެށެނީ 14500 ރުފިޔާއިންނެވެ. އަގުތަކުގެ ތަފްސީލު އަދި އެ ފިހާރައިން ހާމަކޮށްފައެއް ނުވެ އެވެ.

އައިފޯން އެންމެ ފުރަތަމަ ބާޒަރަށް ނެރެން ހަމަޖެހިފައިވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ. އެއަށްފަހު ދެވަނަ ލޯންޗިން އޮންނާނީ 23 ވަނަ ދުވަހު އެވެ.

އައިފޯން 7 އަށް އަވަސް ކަޅިއެއް

މި ފޯނަކީ އެޕަލްއިން މިހާތަނަށް ނެރޭ ފުރަތަމަ ވޯޓާ ރެސިސްޓެންސް ނުވަތަ ފެން ނުވަންނަ ގޮތަށް ޑިޒައިން ކޮށް ފަރުމާ ކުރެވިގެން ނެރެވޭ ފޯނެކެވެ.

ފޯނުގެ އެންމެ ހާއްސަ ކަމަކީ މިފަހަރު އެޕަލްއިން މުޅިން އަލަށް ލޯންޗްކުރި ތަފާތު ދެ ކުލައެވެ. އެގޮތުން އައިފޯން 7 ވިއްކުމަށް ހަމަޖެހިފައިވާ ފަސް ކުލައިގެ ތެރެއިން މުޅިން އަލަށް ނެރުނު ކުލަތަކަކީ ޖެޓްބްލެކް ގެ ނަމުން ނެރުނު ގޮލެސީ ކުލައެއްގެ އިތުރުން މެޓް ބްލެކް ކުލައެވެ. މި ދެކުލައިގެ އިތުރުން އެޕަލްއިން ކުރިންވެސް ނެރެމުން ދިޔަ އައިފޯން ތަކުގައި ހިމެނޭ ގޯލްޑް،ރޯސް ގޯލްޑް އަދި ސިލްވާ ކުލައިގެ އައިފޯންގެ 7 ގެ އެޑިޝަންތަށް ވެސް ވިއްކުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންމެ އައިފޯނެއްގައި ވެސް އެންމެ ބޮޑު ބަދަލެއް އައަންނީ އެ ފޯނެއްގެ ކެމެރާއަށެވެ. އެގޮތުން އެޕަލްއިން ދައްކާލި އައިފޯން 7 ގެ ވެސް ކެމަރާތަކުގެ ފީޗާސްތަކަށް ވަނީ މޮޅު އަދި ބޮޑު ބަދަލުތަކެއް ގެނެސްފައެވެ. ކެމެރާތަކުގެ ފީޗާސްތަކަށް ބަލާލާއިރު މި ކެމެރާގައި 1.8 ގެ އެޕާޗަރ އެއް ވަނީ ޑިޒައިން ކުރެވިފައެވެ. އަދި އޭގެ އިތުރުން މި ފޯންގެ ކެމެރާއަކީ 12 މެގަޕިކސެލްގެ ކެމެރާއެކެވެ. މި ކެމެރާއަކީ މަޝްހޫރު ޓެކްނޮލޮޖީއެއް ކަމުގައިވާ އޮޕްޓިކަލް އިމޭޖް ސްޓެބަލައިޒޭޝަން ވެސް ހިމެނިގެން ފަރުމާކުރެވިފައިވާ ޕްރޮފެޝަނަލް ކެމެރާއެކެވެ.

އަައިފޯން 7 އެއް ވެގެންދާނީ ދުނިޔޭގެ އެންމެ ބާރުގަދަ ޗިޕް އެ ސްމާޓްފޯނެއްގައި ހިމެނޭ ފުރަތަމަ ފޯނަށެވެ. މި ފޯނުގައި ވަނީ އޭ 10 ގެ ފުޝަށް ޗިޕް ހިމެނިފައެވެ. މި އާއި އެއްކޮށް މި ފޯން ވެގެންދާނީ އަައިފޯން 6 އަށް ވުރެ ދެގުނަ ފާސްޓް ފޯނަކަށެވެ.

މިފޯނުގައި ދެން އެންމެ ފާހަގަ ކޮއްލެވޭ ފީޗާއަކަށް ވެފައިވަނީ ހެޑްސެޓް ޖަހަން ވަކި ޕްލަގް އެއް މިފޯނުގައި ހިމެނިފައި ނުވުމެވެ. އޭގެ ބަދަލުގައި މި ފޯނުގައި ވަޔާ ހެޑްސެޓް ފަރުމާ ކުރެވިފައިވާނީ ލައިޓެނިންގެ ޗާޖާގެ ޕްލަގް އިންނަ ގޮތަށެވެ.

އައިފޯން 7ގެ ޑިސްޕްލޭއަށް ވެސް ވަނީ ފުދޭ ވަރެއްގެ ސަޅި ބަދަލު ތަކެއް ގެނެސްފައެވެ. މި ފޯނުގެ ޑިސްޕްލޭ ވެގެންދަނީ އެންމެ އަލިގަދަ އަދި އެންމެ ކުލަގަދަވެސް އައިފޯނަށެވެ. އައިފޯން 6އެސް ގައިވެސް ހިމެނުނު ފަދައިން މި ފޯނުގައިވެސް 3ޑީ ޓަޗް ހިމެނިފައިވާނެއެވެ.