ބޭރު ކުޅިވަރު

ޒަވީ އަށް މަލާމާތްކޮށް، ރޮނާލްޑޯ ވަރުގަދަ ރައްދެއްދީފި

ސްޕޭނަށް ވޯލްޑް ކަޕާއި ދެ ފަހަރެއްގެމަތީން ޔޫރޯ ކާމިޔާބުކޮށްދީފައިވާ ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހަނާންޑޭޒަށް މަލާމާތްކޮށް ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ ވަރުގަދަ ރައްދެއްދީފި އެވެ.

ޒަވީ އަށް ވަރަށް ބޮޑަށް ރޮނާލްޑޯ ފާޑުކިޔާފައިމިވަނީ އޭނާއަށްވުރެ ހުރިހާ ގޮތަކުން ވެސް މޮޅީ ބާސެލޯނާގެ ލަޔޮނަލް މެސީ ކަމަށް ޒަވީ ބުނިތާ ދެތިން ދުވަސް ފަހުންނެވެ.

"އެންމެގިނައިން އިންޓަނެޓްގައި ސާޗްކުރާ ނަމަކީ އަހަރެންގެ ނަން. އެހެންވީމާ އަހަންނާ ބެހޭ ގޮތުން ވާހަކަ އެދައްކަނީ ނޫސްތަކުގެ ބޭރުގަނޑުން ފުރުސަތުހޯދަން. މަޝްހޫރުވާން،" ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާ އަތުން 5-2އިން މޮޅުވި މެޗަށް ފަހު ރޮނާލްޑޯ ބުންޏެވެ.

"ޒަވީއާ މެދު އަހަރެން ނުވިސްނަން. ޒަވީ އެކުޅެނީ ކޮންތާކު؟ ގަތަރުގައި. ނޫނީ ކޮންމެވެސް ތަނެއްގައި. އަހަންނަކަށް ނޭނގެ. އޭނާ ހުރިހާ (ކާމިޔާބީތައް) ހޯދައިފި (ކަމަށްވަނީ). އެކަމަކު (ދުނިޔޭގެ) މޮޅު ކުޅުންތެރިޔާގެ މަގާމު (ބަލޮންޑީއޯ) ނުލިބޭ. އަހަރެން ތިން ފަހަރު ހޯދައިފިން،" ރޮނާލްޑޯ ބުންޏެވެ.

ބާސެލޯނާގައި ހަތަރު ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޒަވީ އަށް މިހާބޮޑަށް ރޮނާލްޑޯ ރައްދުދީފައިވާއިރު މީގެ ތިން ދުވަސްކުރިން އޭނާ ބުނެފައިވަނީ ރޮނާލްޑޯ އަކީ ނަސީބުދެރަ ކުޅުންތެރިއެއް ކަމަށެވެ.

"ރޮނާލްޑޯ އަކީ މޮޅު ކުޅުންތެރިއެއް. އެކަމަކު މެސީއާ އެއްދުވަސްވަރެއްގައި ކުޅެން ޖެހުމަކީ އޭނާގެ ނަސީބުދެރަކަން. ރޮނާލްޑޯ އަށްވުރެ ހުރިހާ ގޮތަކުން ވެސް މޮޅީ މެސީ. މެސީ އަށްވުރެ ރޮނާލްޑޯ މޮޅުކަމަށް ބުނާނީ ހަމައެކަނި ރެއާލް މެޑްެރިޑުގެ ސަޕޯޓަރުން. އެހެން އެންމެންނަށް މޮޅީ މެސީ،" ޒަވީ، 36، ބުންޏެވެ.

މެސީ އާއި ޒަވީ އަކީ ބާސެލޯނާގެ ޔޫތު އެކަޑަމީން ތަމްރީނުވެ މިދިޔަ އަހަރާ ހަމައަށް އެކުގައި ކުޅުނު ދެ ކުޅުންތެރިންނެވެ.