ބޮލީވުޑް

ޔޫއެންގައި ޝޫޓްކުރި ފުރަތަމަ ހިންދީ ފިލްމަކަށް "ހާފް ގާލްފްރެންޑް"

Sep 12, 2016

ޝްރަދާ ކަޕޫރާއި އަރްޖުން ކަޕޫރު އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމު، "ހާފްގާލްފްރެންޑް" ގެ ދިއްލީގައި ނަގާ މަންޒަރުތައް ނިންމާލުމަށްފަހު މިހާރު އަންނަނީ ނިއުޔޯކްގައި ނަގަންޖެހޭ މަންޒަރުތައ ނަގަމުންނެވެ.

ޗޭތަން ބަގަތް ލިޔެފައިވާ ވާހަކަ ފޮތް "ހާފްގާލްފްރެންޑް" ގެ އަސްލަކަށް ބަލައިގެން ހަމަ އެނަމުގައި އުފައްދާ މި ފިލްމުގެ ލަވައެއްގެ މަންޒަރުވަނީ ނިއުޔޯކްގައި ހުންނަ ޔޫއެންގެ ހެޑްކުއާޓާސްގައި ނަގާފަ އެވެ. މިއާއެކު މިފިލްމު މިވަނީ ޔޫއެންގައި ޝޫޓްކުރި ފުރަތަމަ ހިންދީ ފިލްމަށް ވެގެން ގޮސްފަ އެވެ.

ހޮނިހިރު ދުވަހު ހަވީރު މިލަވައިގެ މަންޒަރުތައް ޔޫއެންގައި ނަގާފައިވާ ކަމަށް ޗޭތަން ކުރި ޓްވީޓެއްގައި ވަނީ ބުނެފަ އެވެ.

ޗޭތަންގެ އިތުރުން ފިލްމުގެ ދެތަރިން ކަމަށްވާ އަރްޖުން އާއި ޝްރަދާ ވެސް ވަނީ މިލަވައިގެ ޝޫޓިންގެ ބައެއް ފޮޓޯ ތަކާއި ލަވައިގެ އިތުރުން ނިއުޔޯކްގައި ފިލްމުގެ އެހެން މަންޒަރުތައް ނަގަނިކޮށް ވެސް ފޮޓޯތައް އާންމުކޮށްފަ އެވެ.

ޔޫއެންގެ ހެޑްކުއާޓާސްގައި މިލަވަ ނަގާފައިވަނީ މިފިލްމުގައި އަރްޖުން އަކީ ޔޫއެންގައި މަސައްކަތްކުރާ މީހަކަށްވެ، އޭނާގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދާ ޝްރަދާ ހޯދުމަށްކުރާ ނިއުޔޯކްގައި ކުރާ މަސައްކަތުގެ ތެރެއިންނެވެ.

އަރްޖުން އާއި ޝްރަދާ ޔޫއެންގައި ނެގި މަންޒަރުތަކާ ގުޅިގެން ކުރި ޓްވީޓްތަކުން އެނގޭ ގޮތުގައި މިލަވަ އަކީ އިންޑިއާގެ ސަގާފީ ނެށުމުގެ ހަރަކާތްތަށް ފެނިގެންދާނެ ލަވަ އެކެވެ.

ލޯބީގެ ވާހަކައެއްގެ މައްޗަށް އުފައްދާ މިފިލްމަކީ އިންޑިއާގެ ވަރަށް ރަށްފުށު ސަރަހައްދަކަށް ނިސްބަތްވާ ފިރިހެން ކުއްޖަކާއި ދިއްލީއަށް ނިސްބަތްވާ ވަރަށް ޒަމާނީ އަންހެން ކުއްޖަކާއި ދެމެދު އޮންނަ ލޯބީގެ ގުޅުން ފެނިގެންދާނެ ފިލްމެކެވެ.

މޯހިތު ސުރީ ޑައިރެކްޓްކުރާ މިފލްމު އަންނަ އަހަރުގެ އެޕްރީލް މަހުގެ ފަހުކޮޅު ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.