ދިވެހި ސިނަމާ

އެންމެ ބިޒީ އަދި އަގުބޮޑީ ވެސް ސުނީތާ!

Sep 12, 2016
2

ނަށައި ފޫހިނުވި މީހަކީ ސުނީތާ އަލީ އެވެ. އަދި އެ ނެށުންތެރިޔަކަށް ފޫހިނުވި ބަޔަކީ އަހަރެމެން ދިވެހިންނެވެ. -- ހިތާއި ހިތުގެ މި ގުޅުމެއްވީ އިތުރަށް ވަރުގަދަ އެވެ. އަދި މިފަދަ ކޮންމެ އީދަކާ އެކު ދަނީ އިތުރަށް ގަދަފަދަވަމުންނެވެ.

އީދުގެ ފޯރިގަދަ ހަރަކާތްތަކުން ރާއްޖޭގެ އެކި ހިސާބުތައް ގުގުމަމުން އަންނައިރު ކޮންމެ ސްޓޭޖަކުން ފެންނާނެ އެއް މޫނަކަށް ސުނީތާ ވެފައި ވަނީ މި ސަބަބާ ހެދި އެވެ. މާލޭގައި ރޭ ޝޯ ދިނުމަށް ފަހު އޭނާ އެ ފުރަނީ ކ. ދިއްފުށީގައި އޮތް އީދު ޝޯއަކަށެވެ.

އެހިސާބުން އަދި ނިމުނީކީއެއް ނޫނެވެ. އެއަށް ފަހު މާދަމާ ރޭ އޭނާ އަރާނީ ށ. ފުނަދޫގެ ސްޓޭޖަށެވެ. އެއަށް އަނެއްކާވެސް މާލެ އަށް އެނބުރި އައިސް ކާނިވަލުގެ ސްޓޭޖުގައި ޕާފޯމްކުރުމަށް ފަހު ފުރައިގެންދާނީ އެންމެ ފޯރިގަދަކޮށްލައިގެން އުޅޭ ލ. އަތޮޅަށެވެ.

ލ. އަތޮޅުގައި ސުނީތާ ޕާފޯމްކުރަން ހަމަޖެހިފައި ވަނީ ގަމުގަ އެވެ. މިއިން ކޮންމެ ޝޯއެއް އޭނާ ކުޅެދޭ އަގަކީ، 10،000ރ. އެވެ. އެހެންވީމަ ސޯލޯ ޕާފޯމާއަކަށް ބަލާއިރު ޔަގީނަށް ވެސް އެންމެ އަގުބޮޑު އެކަކަކަށް ސުނީވާނެ އެވެ.

މިފަހަރުގެ ޕާފޯމެންސްތަކުގައި ކޮންމެ ރަށަކަށް ސަޕްރައިޒެއް އޮންނާނެ ކަމުގެ އުފާވެރި ޚަބަރު ވެސް ސުނީތާ ދެ އެވެ.

ނެށުންތެރިއެއްގެ ގޮތުގައި ސުނީތާ ވަނީ ރާއްޖޭގައި އާއުސްމިންތަކެއް ގިރާކޮށް ސަގާފަތާއި އާދަކާދައިގެ ގޮތުން ދިވެހިން ތެރޭގައި އޮތް ނުބައި އާދަތަކަކަށް ވެސް ފިލާވަޅުތަކެއް ނަގައިދީފަ އެވެ. އެގޮތުން ސުނީތާ އަށް ކުރިން މަލާމާތްކުރި އެތައް ބަޔަކު މިހާރު ވަނީ އޭނާގެ އެންމެ ވަފާތެރި ފޭނުންނަށް ބަދަލުވެފަ އެވެ.

ނެށުންތެރިއެއްގެ ގޮތުގައި އޭނާ މުޖުތަމައުގައި ކުޅެމުންދާ ރޯލަކީ، އަންހެނުންގެ މިނިވަންކަމާއި ބާރުވެރިކަމަށް ވެސް ދޭ ނިކަން ރަނގަޅު ބޯނަހެއްކަން ވެސް ފާހަގަކޮށްލަން ޖެހެ އެވެ.

ސްޓޭޖަށް އަރައި މިހާރު ކޮން ފަދަ ވައްތަރެއް ޖައްސަން ކެރުނަސް ސުނީތާ އަކީ އެންމެ ކުރިން ވަރަށް ވެސް ލަދުރަކި އަންހެނެކެވެ. އާންމުންގެ ތެރެއަށް ނުކުމެ އޭނާ ފުރަތަމަ ނެށީ 1995 ވަނަ އަހަރުގެ ގެލެކްސީ ޝޯގެ ތެރެއިންނެވެ. އޭނާ ބުނީ ލަދުކަނޑާލާފައި ސްޓޭޖަށް އެރީ، ލަވައަކަށް ނަށާލާނެ ކުއްޖަކު ނުލިބިގެން މީހަކު އާދޭސްކުރުމުންނެވެ.

އެހިސާބުން، ނެށުންތެރިޔާ ސުނީތާ އަލީ އުފެދުނީ އެވެ. ދެން އޭނާ މަޝްހޫރުކަން ހޯދީ އޭރުގެ ހަފުތާ ބަންދުގައި ކުރިއަށް ގެންދިޔައ "ހަފުތާ ނިންމާ" ޝޯތަކުންނެވެ. ބައެއް މީހުން އޭނާ އަށް ދައުވަތު ދީގެން ރަށްތަކަށް ގެންގޮސް ގެން ވެސް ނެއްޓުވި އެވެ.

އޭނާ ބުނީ އާމްދަނީއެއް ލިބޭ މަސައްކަތަކަށް، ހަޔާތުގައި މި ނޫން އެހެން ކަމެއް ނުކުރާ ކަމަށެވެ. "ހަފުތާ ނިންމާ" ޝޯތަކުގައި އޭނާ އޭރު ޕާފޯމްކޮށް ދިނީ މަހެއްގެ މައްޗަށް 3000ރ. އަށެވެ. މިހާރު އެންމެ ޝޯއަކުން ވެސް އޭނާ އެއަށް ވުރެ ގިނައިން އެބަ ނަގަ އެވެ.