ބޭރު ކުޅިވަރު

ސެލްްޓިކްގެ އެޓޭކް ވަރުގަދަވާނެ: ބާސެލޯނާ

ދުނިޔޭގެ އެންމެ ވަރުގަދަ ފޯވަޑް ލައިން އޮތީ ބާސެލޯނާގެ އެވެ. ނަމަވެސް ޗެމްޕިއަންސް ލީގުގައި މިރޭ ސެލްޓިކާ ދެކޮޅަށް ނުކުންނައިރު ސެލްޓިކް ފޯވަޑްލައިނާމެދު ފަރުވާތެރިވާން ޖެހޭ ކަމަށް އެ ޓީމުން ބުނެފި އެވެ.

"ސެލްޓިކްގައި ހުނަރުވެރި ކުޅުންތެރިން އެބަތިބި. މޫސާ ޑެމްބޭލާ ވަނީ ރޭންްޖާސް ކޮޅަށް ހެޓްރިކް ހަދާފައި. ސްކޮޓް ސިންކްލެއާ އާއި ރޮބަޓްސް އަކީ ވަރަށް މޮޅު ކުޅުންތެރިން އއަހަރުމެންނަށް އެމީހުންގެ ފުށުން މައްސަލަތަކެއް ދިމާވެދާނެ،" ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ ބުންޏެވެ.

އޭނާ ބުނީ ޕްރީ ސީޒަނުގައި ސެލްޓިކް ފަސް ޑިފެންޑަރުން ލައިގެން ކުޅެފައިވާކަން އެނގޭ ކަމަށާއި ނަމަވެސް އެ ޓީމު ފަހަތަށް ޖެހޭނެ ކަމަށް އޭނާ ގަބޫލުނުކުރާ ކަމަށެވެ.

"ސްޕެނިޝް ލީގުގައި އަލަވެސް ހެދިގޮތަށް ފަހަތަށް ޖެހޭނެހެން ހިޔެއްނުވޭ. ކޯޗު ރޮޖާސް އަކީ އެ ޓޭކިން ފުޓްބޯޅަ އަށް އިސްކަންދޭމީހެއް. އެކަމަކު މި މެޗުގައި އެމީހުން އެތުރޭނެގޮތް އެއީ ކޯޗުގެ ކަމެއް. އަހަރެން އެމީހުންގެ ސިސްޓަމާމެދު ހާހެެއްނުވޭ،" އެންރީކޭ ބުންޏެވެ.

ޓީމާ އަލަށް ކުޅުނު ކުޅުންތެރިންނަށް 100 މިލިއަން ޕައުންޑް ހަރަދުކޮށްފައިވާއިރު އެކުޅުންތެރިން ޓީމަށް ހޭނެން ވަގުތު ބޭނުންވާ ކަމަށް ވެސް އެންރީކޭ ބުންނެވެ. އަދި މިރޭގެ މެޗު ކުޅޭ ސެލްޓިކްގެ ދަނޑަކީ ދުނިޔޭގައި ސަޕޯޓަރުންގެ ހަރަކާތްތަކަށް ބަލާއިރު އެންމެ ރަނގަޅު މާހައުލު އޮންނަ އެއް ދަނޑު ކަަމަށް ވެސް އޭނާ ފާހަގަކުރި އެވެ.

މި ސީޒަނުގައި ލުއިސް ސުއަރޭޒާއި ލަޔޮނަލް މެސީ އަދި ނޭމާ އެއްކޮށް މެޗެއް ކުޅެފައިނުވި ނަމަވެސް މިރޭގެ މެޗުގައި އެމީހުން އެކުގައި ފެންނާނެ އެވެ. އަދި މިއީ އަލަވެސް އަތުން ބަލިވި ބަލިވުން ހަނދާން ނައްތާލާފައި އާފެށުމަކުން ފަށަން ކޮންމެހެން މޮޅުވާންޖެހޭ މެޗެއްކަން ވެސް ކޯޗު ފާހަގަކުރި އެވެ.

"އެ މެޗުގެ ސަބަބުން ޓީމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ކަމަށް އަހަރެން ބަލަނީ. އެކަމަކު ޔަގީންކޮށް ބުނަން އެނގޭނީ މި މެޗަށް ފަހު،" އެންރީކޭ ބުންޏެވެ.

މެެޗާ ބެހޭ ގޮތުން ސެލްޓިކްގެ ކޯޗު ރޮޖާސް ބުނީ ލުއިސް އެންރީކޭ އަކީ އެޓޭކަށް އިސްކަންދޭނެ އަދި ކުޅުންތެރިންްނަށް ދިމާވާ މައްސަލަތަކުގައި އަމިއްލަށް އިސްނަގާ ކޯޗެއް ކަމަށާއި ބާސެލޯނާ ބަލިކުރުމަކީ ފަސޭހަކަމެއްނޫން ކަމަށެވެ.