ބޭރު ކުޅިވަރު

ސަސްޕެންޑްކޮށްފައި ހުއްޓަސް ޔޫއޭފާގެ ކޮންގްރެސްގައި ޕްލެޓިނީ ވާހަކަ ދައްކަނީ

ފުޓްބޯޅައިގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފައި ހުއްޓަން ޔޫއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ އަށް އެޖަމާއަތުގެ ކޮންގްރެސްގައި ވާހަކަ ދައްކަން ފުރުސަތު ދީފި އެވެ.

ޔޫރަޕުގެ ފުޓްބޯޅައިގެ މައި ޖަމާއަތުން މި ގޮތަށް ނިންމީ މާދަމާ ބާއްވާ ކޮންގްރެސް އަކީ އޭނާގެ ބަދަލުގައި ޔޫއޭފާ ހިންގާނެ ރައީސަކު ހޮވްނަ ބާއްވާ ކޮންގްރެސް އަށް ވުމުންނެވެ. އަދި މިކަމަށް ބޭނުންވާ ހުއްދަތައް ވެސް ފީފާގެ އެތިކްސް ކޮމިޓީން ވަނީ ހޯދައިފަ އެވެ.

ޔޫއޭފާއިން ބުނީ ފީފާގެ ކުރީގެ ރައީސް ސެޕް ބްލެޓާއާއެކު ރިޝަވަތުގެ ތުހުމަތުގައި ހަތަރު އަހަރަށް ސަސްޕެންޑްކޮށްފައި ހުރި ޕްލެޓިނީ ކޮންގްރެސް އަށް ގެންދަން ފީފާއިން ހުއްދަދީފަައިވަނީ އެއްވެސް ޝަރުތެއްނެތި ކަމަށެވެ. މި ހުއްދަދީފައިވާއިރު ފީފާގެ ރައީސްކަމުގައި މިހާރު ހުންނެވީ ޕްލެޓިނީގެ ދުވަސްވަރު ޔޫއޭފާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވި ޖިއާނީ އިންފަންޓީނޯ އެވެ. އޭނާ ފީފާގެ ރައީސް ކަމަށް ވާދަކުރެއްވީ ޕްލެޓިނީ ސަސްޕެންޑްކުރުމުންނެވެ.

ފްރާންސްގެ ކުރީގެ ކެޕްޓަން އަދި ކޯޗު ސަސްޕެންޑްކުރީ ފީފާގެ ރައީސް ކަމަށް ވާދަނުކުރަން އެއްބަސްވެ ބްލެޓާ ދެއްވި 1.3 މިލިއަން ޕައުންޑްގައި ހިފި މައްސަލާގަ އެވެ. ނަމަވެސް ދެ ބޭފުޅުން ވެސް ވިދާޅުވަނީ މިކަމުގައި ގޯސްކަމެއް ނެތް ކަމަށެވެ.

ސަސްޕެންޑްކޮށްފައި ހުރުމުން ޕްލެޓީނީ ވަނީ މިދިޔަ ޖޫން މަހު ފްރާންސްގައި ބޭއްވި ޔޫރޯގެ މެޗުތައް ވެސް ބޮއިކޮޓްކޮށްފަ އެވެ. އެއީ އޭނާ އަށް މެޗުތައް ބަލަން ދިއުމުގެ ހާއްސަ ހުއްދައެއްދީފައިވަނިކޮށެވެެ.

ޔޫއޭފާގެ ރައީސް ކަމަށް ވާދަކުރައްވަނީ ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް މައިކަލް ވެންޕްރާގާއި ސލޮވީނިއާގެ އެފްއޭގެ ރައީސް އެވެ.