ރާއްޖެ ކުޅިވަރު

ނިއު - ވިކްޓަރީގެ މެޗުން ދިވެހި ލީގު މާދަމާ ފަށަނީ

ނިއުރޭޑިއަންޓާއި ވިކްޓަރީ މާދަމާ ހަވީރު ކުޅޭ މެޗުން އުރީދޫ ދިވެހި ޕްރެމިއާ ލީގު މާދަމާ އަލުން ފަށަން ނިންމައިފި އެވެ.

މި މެޗަށް ފަހު މާދަމާ ރޭ ކުޅޭނީ ޓޭބަލުގެެ އެއްވަނާގައިވާ މާޒިޔާ އާއި ވެލެންސިއާ އެވެ. ބުރާސްފަތި ދުވަހު ހަވީރު ކުޅޭނީ ޔުނަައިޓެޑް ވިކްޓަރީ އާއި ބީޖީ އެވެ. އެރޭ ކުޅޭނީ އީގަލްސް އާއި ޓީސީ އެވެ.

ލީގު އަލުން މި ފަށަނީ ގައުމީ ޓީމު އޭޝިއަން ކަޕް ކޮލިފައިންގައި ލާއޯސްއާ ވާދަކުރަން ތައްޔާރުވާން މިދިޔަ މަހު މެދުކަނޑާލުމަށްފަހު އެވެ.

ތިން ބުރު ކުޅޭ ލީގުގައި ކޮންމެ ޓީމަކަށް ބާކީ ހަ މެޗު އޮތްއިރު އެއްވަނާގައި މާޒިޔާ އޮތީ 34 ޕޮއިންޓާއެކުގަ އެވެ. ދެ ވަނާގައި އީގަލްސް އޮތީ 28 ޕޮއިންޓް ލިބިގެންނެވެ. ތިން ވަނާގައިވަނީ ޓީސީ އެވެ. އެ ޓީމަށް 27 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ ހަތަރުވަނާގައިވަނީ 20 ޕޮއިންޓާއެކުގަ އެވެ.

ގަދަ ހަތަރަކަށް ވާދަކުރަން ފަސް ވަނާގައި ޔުނައިޓެޑް ވިކްޓަރީ އޮތީ 18 ޕޮއިންޓާއެކުގަ އެވެ. ނިއު އަށް 16 ޕޮއިންޓް ލިބިފައިވާއިރު ވިކްޓަރީ އޮތީ 10 ޕޮއިންޓާއެކުގަ އެވެ. އެންމެ ފުލުގައި އޮތް ބީޖީ އަށް ލިބިފައިވަނީ އަށް ޕޮއިންޓެވެ.

ލީގު ނިމޭއިރު އެންމެ ފުލަށްދާ ޓީމު ރެލިގޭޓްވާނެ އެވެ. ހަތް ވަނަ ޓީމު ޖެހޭނީ ދެ ވަނަ ޑިވިޝަނުގެ ދެ ވަނަ ޓީމާއެކު ޕްލޭއޯފް މެޗެއް ކުޅޭށެވެ.