ބޭރު ކުޅިވަރު

ކުޅުންތެރިންގެ މެދުގައި މައްސަލައެއްނެތް: އެންރީކޭ

ބާސެލޯނާގެ ކުޅުންތެރިންގެ މެދުގައި އެއްވެސް މައްސަލައެއްނެތް ކަމަށާއި ހުރިހާ ކުޅުންތެރިން ވެސް ވިސްނަނީ ޗެމްޕިއަންސް ލީގުގައި މިރޭ ސެލްޓިކް އަތުން މޮޅުވާން ކަމަށް އެ ޓީމުން ބުނެފި އެވެ.

ކޯޗު ލުއިސް އެންރީކޭ މިހެން ބުނީ ސްޕެނިޝް ލީގުގައި އަލަށް ޕްރޮމޯޓްވި އަލަވެސް އަތުން ހޮނިހިރު ދުވަހުގެ ރޭ ބާސެލޯނާ ބަލިވި މެޗަށް ފަހު ކުޅުންތެރިންނާއި ކޯޗިން ޓީމު އަރައިރުންވެފައިވާ ކަމަށް ސްޕޭނުގެ ނޫސްތަކުގައި ޖެހުމުންނެވެ.

އެނޫހުން ބުނާ ގޮތުގައި އެ މެޗުގައި އަށް ކުޅުންތެރިން ބަދަލުކޮށްގެން ކުޅުމުން ބައެއް ކުޅުންތެރިން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފަ އެވެ.

"އަހަރުމެން ކޮންމެ މެޗަކަށް ފަހު ވެސް ކުޅުންތެރިންނާ ވާހަކަ ދައްކަން. ރަނގަޅު ކުރަންވީ ކޮންކަމެއްތޯ އޮޅުން ފިލުވުން. އެއީ ކޯޗިން ސްޓާފުންނާއި ކުޅުންތެރިންނަށް މުހިންމު މީޓިންއެއް. ރަނގަޅު ކުރަންވީ ކަންތައްތައް ކިޔާދެން. އެކަމަކު އެއީ ބަރާބަރު ސައިންސެއްނޫން (ކިޔާދެނީ). އެންމެނަށް ފެންނަ ހިޔާލެއް ހުށަހަޅަނީ،" އެންރީކޭ ބުންޏެވެ.

އޭނާ ބުނީ އާ ކުޅުންތެރިންތަކެއް ޓީމާ ގުޅި ބާސެލޯނާ ބަދަލުވަމުން އަންނަ ދުވަސްވަރެއްގައި ލީގުގެ ކުރީކޮޅު ބަލިވުމަކީ ކުޅުންތެރިންނަށް ވެސް ރަނގަޅެއް ކަމަށާއި މީގެ ސަބަބުން ޓީމު ރޫހު ވަރުގަދަވެ އަމާޒަށް ވާސިލްވާން އިތުރަށް މަސައްކަތް ކުރެވޭނެ ކަމަށް ގަބޫލުކުރާ ކަމަށެވެ.