ޗެމްޕިއަންސް ލީގުގައި ރޭ ހަތް ލަނޑު ޖަހައިގެން ބާސެލޯނާ އިން ސެލްޓިކް ލަދުގަންނުވާލައިފި އެވެ.
ނޯކޭމްޕްގައި ކުޅުނު މެޗުގެ ފުރަތަމަ ލަނޑު ޖެހީ ތިން ވަނަ މިނިޓްގައި ލަޔޮނަލް މެސީ އެވެ. އޭގެ ފަހުން އޭނާ ވަނީ ހެޓްރިކް ހަދާފަ އެވެ. މިއީ ޗެމްޕިއަންސް ލީގުގައި އޭނާ ހެދި ހަ ވަނަ ހެޓްރިކެވެ. މިއާއެކު ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ފަސް ހެޓްރިކާއެކު ދެ ވަނާގަ އެވެ. ލުއިސް ސުއަރޭޒް ދެ ލަނޑު ޖެހއިރު ނޭމާ އާއި އަންދްރޭސް އިނިއެސްޓާ މީހަކަށް ލަނޑެއް ޖެހި އެވެ. މެސީގެ ފުރަތަމަ ގޯލަށް ފަހު ސުން ލަނޑުވާލަން ސެލްޓިކަށް ޕެނަލްޓީ އެއް ލިބުނެވެ. ކީޕަރު މާކް އަންދްރޭ ޓާސްޓެގަން ކުރި ފައުލަށް ރެފްރީ ދިން ޕެނަލްޓީ މޫސާ ޑެމްބޭލޭ ޖެހުމުން ޓާސްޓެގަން ދިފާއުކުރި އެވެ.
މިއީ ސެލްޓިކް އެންމެ ފަހުން ބާސެލޯނާގެ ދަނޑުގައި ކުޅުނު މެޗުން 6-0އިން ބަލިވި ފަހުން އަނެއްކާ ވެސްވި ބޮޑު ބައްޔެކެވެ.
މެޗަށް ފަހު އެ ޓީމުގެ ކޯޗު ބްރެންޑަން ރޮޖާސް ބުނީ ބާސެލޯނާގެ ފޯވަޑް ލައިން މާވަރުގަދަ ކަމަށެވެ.
"އަހަރުމެންގެ ފަސް ކުޅުންްތެރިން ފަހަތުގައިތިބި. އެކަމަކު ވެސް އެމީހުންގެ މޫވްމަންޓްތައް ހަލުވިވީމަ ނުހިފެހުއްޓުނީ. އެމީހުންގެ ކުރި ވަރަށް މޮޅު. ކުރީގައި ތިބި ތިން ކުޅުންތެރިންނަކީ ދުނިޔޭގެ އެންމެ މޮޅު ތިން ކުޅުންތެރިން. އަހަންނަށް އޭގެ ތެރެއިން އެކަކާއެކު ލިވަޕޫލްގައި މަސައްކަތް ކުރަން ފުރުސަތު ލިބުނު. އެއީ ސުއަރޭޒް. އޭނާގެ އެންމެ ފޯމުގައި ހުއްޓާއެއީ،" ރޮޖާސް ބުންޏެވެ.
އޭނާ ބުނީ ޓީމަށް ވަރުބަލިކަމުގެ އަސަރު ވެސް ކުރި ކަމަށެވެ.
"ހާއްސަކޮށް ފަހު ހާފުގައި އެކަން ބޮޑަށް ފެނުނު. ބާސެލޯނާއިން މި މެޗަށް އައީ ލީގު މެޗުގައި އަށް ކުޅުންތެރިން ރެސްޓް ކުރުވާފައި. އެމީހުން ފެނުނީ ވަރަށް ފްރެޝްކޮށް. އެއީ ވެސް އަހަރުމެންނަށް އުނދަގޫވިކަމެއް. ޓެކްޓިކަލީ އަހަރުމެން ހުރިހާ ކަމެއް ކުރިން. އެކަމަކު އެމީހުންގެ ހުނަރު މާމޮޅު،" ރޮޖާސް ބުންޏެވެ.
މި ގްރޫޕުގައި މެންޗެސްޓާ ސިޓީ އާއި ބޮރޫޝިޔާ މޮންޗެންގްލަޑްބަޗް ކުޅެން އޮތް މެޗު ވަނީ ވިއްސާރައިގެ ސަބަބުން މިރެ އަށް ފަސްކޮށްފަ އެވެ.