ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާގެ ރައީސްކަން ހޯދުން އެންމެގާތީ ސްލޮވީނިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އެލެގްޒެންޑާ ސެފެރިން ކަމަށް މީޑިޔާތަކުން ބުނަން ފަށައިފި އެވެ.
ސެފެރިންގެ ޓީމުން މައުލޫމާތުދޭ ގޮތުގައި އެތެންސްގައި މިއަދު އޮންނަ އިންތިހާބުގައި ވޯޓުލާ 55 ގައުމުގެ ތެރެއިން 40 ގައުމުގެ ވޯޓު އޭނާ އަށް ލިބޭނެ އެވެ.
މިއީ އިންތިހާބު ކާމިޔާބުކުރަން ބޭނުންވާ އަދަދަށްވުރެ 12 ވޯޓު ގިނަ އަދަދެކެވެ. މި އިންތިހާބު ކާމިޔާބު ކުރުމަށް އެންމެ މަދުވެގެން ބޭނުންވާނީ 28 ވޯޓެވެ.
އިންތިހާބުގައި ސެފެރިންއާ ވާދަކުރަނީ ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި ޔޫއޭފާގެ މިހާރުގެ އެއް ނާއިބް ރައީސް މައިކަލް ވްންޕާރާގެވެ. އިނގިރޭސީން ތާއީދު ކުރާ ޕްރާގަކީ ފީފާގެ ރައީސް ކަމަށް ވެސް ވާދަކޮށް ނާކާމިޔާބުވި މީހެކެވެ.
މިއަދުގެ އިންތިހާބުގެ ކުރިން ޔޫއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ މެެމްބަރު ގައުމުތަކާ މުހާތަބްކުރާނެ އެވެ. މި އިންތިހާބަކީ ކޮރަޕްޝަނުގެ ތުހުމަތުގައި ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ހަތަރު އަހަރަށް ފީފާއިން ޕްލެޓިނީ ސަސްޕެންޑްކުރުމުން އާ ރައީސަކު ހޮވަން ބާއްވާ އިންތިހާބެކެވެ. ޕްލެޓިނީ މިއަދުގެ ކޮންގްރެސްގައި ވާހަކަ ދައްކަނީ އެކަމަށް ފީފާއިން ހުއްދަދިނުމުންނެވެ.