ފިނިޕޭޖް

4426 ގެ ފުރަތަމަ ޝޯގެ ޓިކެޓް ހުސްވެއްޖެ

ކާމިޔާބު ފިލްމް ޕްރޮޑިއުސަރު ފާތިމަތު ނަހުލާގެ މުޅިން ތަފާތު ފިލްމެއް ކަމަށްވާ "4426" ގެ ވާހަކައެއް ދައްކަން ފެށީއްސުރެ އެންމެ ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި އެއް ދުވަސް މިއޮތީ އައިސް ޖެހިފަ އެވެ. ފިލްމުގެ ޓިކެޓް އިއްޔެ ވިއްކަން ފަށާފައިވާއިރު ފުރަތަމަ ޝޯގެ ޓިކެޓް މިވަނީ ބުކް ކޮށްފަ އެވެ.

އަންނަ ހަފްތާގެ އަންގާރަ ދުވަހުން ފެށިގެން ޓިކެޓް ވިއްކަން ފަށާނެ ކަމަށް ނަހުލާ ބުންޏެވެ. 4426 ގެ ޕްރޮޑަކްޝަން ޓީމުން ވަނީ އެ ފިލްމުގެ ޓިކެޓް އޮންލައިންކޮށް ބުކް ކުރަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްގެން ވެބްސައިޓެއްވެސް އުފައްދާފަ އެވެ. މި ވެބްސައިޓުން ޓިކެޓް ބުކް ކުރުމުގެ އިތުރުން ފިލްމުގެ ޓީޒާ އަދި ފިލްމުގެ އެހެނިހެން މަންޒަރުތައް ފެންނަ ވީޑިއޯ ކްލިޕްތަކާއި ފިލްމާ ބެހޭ ގިނަ މައުލޫމާތުތަކެއް ލިބެން ހުންނާނެ ކަމަށްވެސް ނަހުލާ ބުންޏެވެ.

އަންނަ މަހު 18 ގައި ފިލްމު އަޅުވާއިރު ފިލްމުގެ ޓީޒާއެއް އަދި ޓްރެއިލާއެއްވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ. އަދި ފިލްމުގެ މަންޒަރުތައް ހިމެނޭ ކުދި ކުދި ވީޑިއޯ ކްލިޕްކޮޅުތަކެއްވެސް މިވަނީ ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.

ލޯބީގެ ވާހަކަތަކެއްވެސް ފެނިގެންދާ މި ފިލްމަކީ އާދަޔާހިލާފަށް ލޭއޮހޮރުވުން ބޮޑު ފިލްމެއް ކަމަށް ބުނެވެ އެވެ. ފިލްމަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ ސެޓެއްގައި ފިލްމު ނަގާފައިވާއިރު މި ފިލްމުން ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، އިބްރާހިމް ޖިހާދު (ޖިމީ)، އަހްމަދު ސައީދު އަދި މުހައްމަދު ފައިސަލް އަދި އަލީ ފާރޫގްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. މީގެއިތުރުން ކުރިއަރަމުން އަންނަ މަރިޔަމް އައްޒަ، އަހްމަދު ޖުމައިހް އަދި މުހައްމަދު ޖުމައްޔިލް ނިމާލްގެ ހުނަރުތައްވެސް މި ފިލްމުން ފެނިގެންދާނެ އެވެ. އަދި ސަޕްރައިޒެއް ގޮތުގައިވެސް އިތުރު ތަރިއަކު ފެނިގެންދާނެ އެވެ.

ފިލްމުގެ ޕްރޮމޯޝަަނަލް ލަވަ ޑރ. އަހްމަދު ޝަމްރާހު ކިޔާއިރު މި ލަވަ މިމަހުގެ 22 ވަނަ ދުވަހު ރިލީޒް ކުރާނެ ކަމަށް ނަހުލާ ބުންޏެވެ. ފިލްމުގެ ޕްރޮމޯޝަނަލް ލަވައެއް މޯލްޑިވިއަން އައިޑޮލްއިން ވިދާލި ތަރިއެއްގެ އަޑުން އިވުމުގެ ފުރުސަތުވެސް އެބައޮތެެވެ.

ނަހުލާގެ 4426 ޕްރިމިއާ ކުރަން ހަމަޖެހިފައިވަނީ އޮކްޓޫބަރު 18 ގަ އެވެ.