ބޮލީވުޑް

"ޓައިގާ ޒިންދާ ހޭ" ގައި ވެސް ސަލްމާން އާއި ކެޓްރީނާ

Sep 14, 2016

މީގެ ހަތަރު އަހަރުކުރިން ނެރުނު ފިލްމު "އޭކް ތަ ޓައިގާ" ގެ ދެވަނަ ބައި، "ޓައިގާ ޒިންދާ ހޭ" އުފައްދަން ނިންމާފައިވާކަން އެފިލްމު ރިލީޒްކުރިތާ ހަތަރު އަހަރުވީ ދުވަހު ވަނީ އިއުލާންކޮށްފަ އެވެ.

ސަލްމާން ޚާނާއި ކެޓުރީނާ ކައިފް ލީޑްރޯލު ކުޅުނު "އޭކް ތާ ޓައިގާ" ގެ ދެވަނަ ބައި "ޓައިގާ ޒިންދާ ހޭ" ގެ ދެވަނަ ބައިގެ ލީޑްރޯލުން ވެސް ފެނިގެންދާނީ މިދެތަރިންކަމަށް މިފިލްމު އުފައްދާ ޔާޝް ރާޖްސް އިން މިވަނީ ބުނެފަ އެވެ.

އިއްޔެ މިފިލްމު އުފައްދާ ޔާޝް ރާޖްސްއިން ކުރި ޓްވީޓެއްގައި ވަނީ ފިލްމުގެ ފަސްޓް ލުކްގެ ދައްކާލާފަ އެވެ. އަދި ފިލްމު އަންނަ އަހަރުގެ ޑިސެމްބަރު މަހު ކްރިސްމަސްއާ ދިމާކޮށް ރިލީޒްކުރާނެ ކަމަށް ބުނެފަ އެވެ.

އޭގެފަހުން ޓްރޭޑް އެނަލިސްޓް ތަރަން އަދާޝް ކުރި ޓްވީޓެއްގައި ވަނީ މިފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޑިސެމްބަރު 22ގައި ކަމަށް ބުނެފަ އެވެ.

"ޓައިގާ ޒިންދާ ހޭ" އަކީ ސަލްމާންގެ ބްލޮކްބާސްޓާ ފިލްމު "ސުލްތާން" އަށް ފަހު ސަލްމާން ފެނިގެންދާ ފިލްމަކަށް އަލީ އައްބާސް ޑައިރެކްޓްކުރާ ދެވަނަ ފިލްމެވެ.

ދެހާސް ބާރަ ވަނަ އަހަރު ނިކުތް "އޭކް ތަ ޓައިގާ" އަކީ އިންޑިއާގެ ރޯއެޖެންޓާއި ޕާކިސްތާނުގެ އައިއެސްއައި ސްޕައި އެއްގެ ދެމެދުގައި ހިނގާ ލޯބީގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާފައިވާ ފިލްމެކެވެ.

ކަބީރް ޚާން ޑައިރެކްޓްކުރި އެފިލްމު ނިމުނުއިރު، ސަލްމާން (ޓައިގާ) އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާއިރު، ބެލެވޭ ގޮތުގައި ދެވަނަ ބައިގައި އޭނާ ގަދަވެ، ދުޝްމަނުންނާ ކުރިމަތިލާނެ އެވެ.

ފިލްމުގެ ފުރަތަމަ ޕޯސްޓަރުންވެސް އެނގޭ ގޮތުގައި ސަލްމާން އާއި ކެޓްރީނާ ކުރީ ފިލްމެކޭ އެއްގޮތަށް އެމީހުންގެ ދުޝްމަނުންނާ ކުރިމަތިލައި، ސުލްހަ ހޯދާނެ އެވެ.

މިފިލްމަކީ ކުރީގެ ދެލޯބިވެރިން ކަމަށްވާ ސަލްމާން އާއި ކެޓްރީނާ އެކުގައި ފެނިގެންދާ ފަސް ވަނަ ފިލްމެވެ.