ޔޫރަޕުގެ ފުޓްބޯޅަ ޖަމިއްޔާ ޔޫއޭފާގެ ރައީސްކަން ސްލޮވީނިއާގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އެލެގްޒެންޑާ ސެފެރިން ކާމިޔާބުކޮށްފި އެވެ.
އޭނާ މި މަގާމަށް އިންތިހާބުވީ އެ ޖަމާއަތަށް އާ ރައީސަކު ހޮވަން އެތެންސްގައި މިއަދު ބޭއްވި އިންތިހާބީ ކޮންގްރެސްގައި 55 ގައުމުގެ ތެރެއިން 42 ގައުމުގެ ވޯޓާއެކުގަ އެވެ. އޭނާއާ ވާދަކުރެއްވި ނެދަލޭންޑްސްގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ދި ޔޫއޭފާގެ މިހާރުގެ އެއް ނާއިބް ރައީސް މައިކަލް ވްންޕާރާގަށް ލިބުނީ 13 ވޯޓެވެ. އިނގިރޭސީން ތާއީދު ކުރާ ޕްރާގަކީ ފީފާގެ ރައީސް ކަމަށް ވެސް ވާދަކޮށް ނާކާމިޔާބުވި މީހެކެވެ.
ނަމަވެސް ސެފެރިން، 48، އަކީ އަކީ ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯ ބޭނުންވި ކެނޑިޑޭޓެވެ. ފާޅުގައި ވަކި މީހަކަށް ތާއީދު ނުކުރި ނަމަވެސް އިންފަންޓީނޯގެ އަރިސް ބޭފުޅުން ވަނީ ސެފެރިން އަށް ކެމްޕޭން ކުރައްވާފަ އެވެ.
މިއަދުގެ އިންތިހާބުގެ ކުރިން ޔޫއޭފާގެ ކުރީގެ ރައީސް މިޝޭލް ޕްލެޓިނީ މެެމްބަރު ގައުމުތަކާ މުހާތަބްކުރި އެވެ. މި އިންތިހާބަކީ ކޮރަޕްޝަނުގެ ތުހުމަތުގައި ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ހަތަރު އަހަރަށް ފީފާއިން ޕްލެޓިނީ ސަސްޕެންޑްކުރުމުން އާ ރައީސަކު ހޮވަން ބާއްވާ އިންތިހާބެކެވެ. ޕްލެޓިނީ މިއަދުގެ ކޮންގްރެސްގައި ވާހަކަ ދައްކަނީ އެކަމަށް ފީފާއިން ހުއްދަދިނުމުންނެވެ.