ބޭރު ކުޅިވަރު

ރަނގަޅު ފެށުމެއް ލިބުނަސް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވޭނެ: ރަނިއޭރީ

އޭނާގެ ޓީމަށް ޗެމްޕިއަންސް ލީގު ކާމިޔާބު ނުކުރެވޭނެ ކަމަށާއި އެއަށްވުރެ މުބާރާތުގައި މޮޅު ޓީމުތައް ގިނަ ކަމަށް ލެސްޓާ ސިޓީގެ ކޯޗު ކްލައުޑިއޯ ރަނިއޭރީ ބުނެފި އެވެ.

އެންމެން ހައިރާންކޮށްލާފައި މިދިޔަ ސީޒަނުގެ ޕްރެމިއާ ލީގު ކާމިޔާބު ކުރި ނަމަވެސް ރަނިޭނީ ބުނީ އޭނާގެ ޓީމަކީ މުބާރާތުގައި އޮތް އާދައިގެ ޓީމެއް ކަމަށެވެ.

"އެކަމަކު އަހަރެން ކުޅުންތެރިން ގާތު ބުނިން ޗެމްޕިއަންސް ލީގުގެ މިއުޒިކް އަޑުއިވުމާއެކު އެއީ ތަފާތު ކަމެކޭ ބެޓްރީ ބަދަލުކޮށް، ކާމިޔާބު ހޯދަން މަސައްކަތް ކުރާށޭ،" މުބާރާތުގެ ފުރަތަމަ މެޗުގައި ކުލަބު ބްރޫޖް އަތުން ރޭ 3-0އިން މޮޅުވި މެޗަށް ފަހު ކޯޗު ބުންޏެވެ.

އޭނާ ބުނީ ޕްރެމިއާ ލީގުގައި ލިވަަޕޫލް އަތުން ބަލިވުމަށްފަހު ޗެމްޕއަންސް ލީގުގައި ރަނގަޅަށް ފެށުމަލީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

"އަހަރުމެން ވަރަށް ކުރީކޮޅު ގޯލެއް ޖެހިން. ފުރަތަމަ ކޮޅު އަހަރުމެން އެމީހުން ހައިރާންކޮށްލިން. ބުރޫޖް ފަހުން ކޮންޓްރޯލް ހޯދި. އެކަމަކު މެޗުގެ ކޮންޓްރޯލް އޮތީ އަހަރުމެން އަތުގައި. މިއީ ވަަރަށް ރަނގަޅު ފެށުމެއް،" ކޯޗު ބުންޏެވެ.

ރޭގެ މެޗުގައި ލެސްޓާ އަށް ލަނޑު ޖަހައިދިނީ ފަސް ވަނަ މިނިޓްގައި މާކް އަލްބްރައިޓަން އާއި 29 ވަނަ މިނިޓާއި 61 ވަނަ މިނިޓްގައި ރިޔާދް މާރޭޒް އެވެ.