ބޭރު ކުޅިވަރު

ސިޓީގެ ދަނޑު ފަޅަށް، މެސީ އަންނަންވާއިރަށް ދަނޑު ފުރާލަންޖެހޭ: ގާޑިއޯލާ

ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގައި މެންޗެސްޓާ ސިޓީގެ ދަނޑު ފަޅަށް ނުބޭއްވުމަށާއި ބާސެލޯނާއާއެކު ލަޔޮނަލް މެސީ އަންނަންވާއިރަށް މިކަން ބަދަލުކޮށްދިނުމަށް ސިޓީގެ ސަޕޯޓަރުންގެ ކިބައިގެން ކޯޗު ޕެޕް ގާޑިއޯލާ އެދެފި އެވެ.

އޭނާ މިކަމަށް ގޮވާލީ ޗެމްޕިއަންސް ލީގު ފަށަން ރޭ ބޮރޫޝިޔާ މޮންޗެންގްލަޑްބަޗާ ދެކޮޅަށް ކުޅެ 4-0އިން މޮޅުވިއިރު ދަނޑުގެ ބޮޑުބައި ހުސްކޮށް އޮތުމުންނެވެ. ރޭގެ މެޗު ބަލަން ވަނީ ގާތްގަނޑަކަށް 30000 މީހުންނެވެ.

ސިޓީގެ ސަޕޯޓަރުން ޗެމްޕިއަންސް ލީގުގެ ލަވައަށް މަލާމާތްކޮށް، މި މުބާރާތުގެ މެޗުތައް ބަލަން ވަނުން މަދުކޮށްލީ 2012 ވަނަ އަހަރަށް ފަހު އެވެ. ގާޑިއޯލާ ކޯޗުކަމާ ހަވާލުވުމުން ވެސް މިކަން ބަދަލުނުވުމުން އޭނާ ވަނީ މެޗަށް ފަހު ވަރަށް ވަރުގަދަ މެސެޖެއްދީފަ އެވެ.

"އަހަރުމެންގެ ސަޕޯޓަރުންނަށް އެނގޭނެ އަހަރުމެން އެމީހުން ބޭނުންވާކަން. ކުރިން ވީކަމެއް ވިއްޔާ ދޫކޮށްލާފައި ދަނޑަށް އަންނަންވީ. އެމީހުންނާ ނުލައި އަހަރުމެން މިތަނުގައި ތިބުމުގެ ބޭނުމެއްނެތް. އަހަރުމެންގެ މިކުޅެނީ އެމީހުންނަށްޓަކައި. އަހަރުމެން މޮޅުވީ އެމީހުންނަށްޓަކައި. އަހަރުމެންގެ ކުޅުންތެރިންނަށް ހައްގު މި ދަނޑު ފުރޭވަރަށް މީހުން ވަނުން. އަހަރެން އެދެނީ ދެން އަންނަ މެޗެއްގައި މިކަން ބަދަލުވާނެ ކަަމަށް،" ގާޑިއޯލާ ބުންޏެވެ.

އޭނާ އަދި ބުނީ ދުނިޔޭގެ ބޮޑެތި ކުލަބުތަކާ ވާދަކޮށް މޮޅުވާން ބޭނުންނަމަ ސަޕޯޓަރުން ދަނޑަށް އަންނަން ޖެހޭ ކަމަށެވެ.

"ޕްރެމިއާ ލީގު ކުޅޭއިރު އެންމެން އައިސް ތިބެނީ މިތަނުގައި އަހަރުމެންނާއެކު. އަހަރެން އެދެނީ ދުނިޔޭގެ ބޮޑެތި ކުލަބުތަކާ ކުޅޭއިރު ވެސް އެކަން އެގޮތަށްކުރަން. އަހަރުމެން މޮޅުވާނީ ސަޕޯޓަރުންނާ ލައިގެން. ދުނިޔޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީ އެއަންނަނީ ބާސެލޯނާއާއެކު. ލުއިސް ސުއަރޭޒާއި ނޭމާ ވެސް ބާސެލޯނާގައި އެބަހުރި. އެ މެޗުތަކުގައި މި ދަނޑު ފުރާލަންޖެހޭނެ. އެހެންނޫނީ ކާމިޔާބު ހޯދަން ދަތިވާނެ،" ބާސެލޯނާގައި ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިިޔާބުކުރި އެކުލަަބުގެ ކުރީގެ ކެޕްޓަންކަން ކުރި ގާޑިއޯލާ ބުންޏެވެ.