ބޭރު ކުޅިވަރު

ޔޫރޮޕާ ލީގަށް އިހްތިރާމްކުރަން، ރޫނީ ތައްޔާރުވާނީ ޕްރެމިއާ ލީގަށް: މޮރީނިއޯ

ޔޫރޮޕާ ލީގަކީ މެންޗެސްޓާ ޔުނައިޓެޑު ކުޅެން ބޭނުންވާ މުބާރާތެއްނޫން ކަމަށާއި ނަމަވެސް އެ މުބާރާތަށް އިހްތިރާމްކުރާ ކަމަށް ކޯޗު ހޯސޭ މޮރީނިއޯ ބުނެފި އެވެ.

މިދިޔަ ސީޒަނުގެ ގަދަ ހަތަރަކުން ބާކީވުމުން ޗެމްޕިއަންސް ލީގުން ކަޓައި ޔޫރޮޕާ ލީގު ކުޅެން ޖެހުނު ޓީމުން ފުރަތަމަ މެޗަށް މިރޭ ނުކުންްނައިރު ކެޕްޓަން ރޫނީ ޓީމުން ވަނީ އުނިކޮށްފަ އެވެ.

"އަހަރެން ބޭނުންވަނީ ރޫނީ ފްރެޝްކޮށް ހުންނަން. އޭނާ ވަނީ ސީޒަން ފެށިގެން މިހާތަނަށް އަހަރުމެން ކުޅުނު ހުރިހާ މެޗެއްގައި ކުޅެފައި. އިނގިރޭސި ގައުމީ ޓީމަށް އޭނާ ފުލްކޮށް ކުޅުނު. އެހެންވީމާ އޭނާ ތައްޔާރުވާނީ ޕްރެމިއާ ލީގަށް ފްރެޝްކޮށް ހުންނަން،" މޮރީނިއޯ ބުންޏެވެ.
ކޯޗު ބުނީ ޔުނައިޓެޑުގައި ގިނަ މަގާމުތަކަަށް ކުޅޭ ކުޅުންތެރިން ގިނަވުމުން ރޫނީ ނެތަސް އޭނާގެ މަގާމު ހައްލުކުރާނެގޮތް ބައިވަރުކަމަށެވެ.
ޔޫރޮޕާ ލީގަކީ މެންޗެސްޓާ ޔުނައިޓެޑް ކާމިޔާބުކުރަން ބޭނުންވާ މުބާރާތެއްކަން ވެސް މޮރީނިއޯ ފާހަގަކުރި އެވެ.

"އަހަރުމެން މި މުބާރާތް ކާމިޔާބު ކުރަންޖެހޭ. އެކަމަކު މިއީ ކުލަބުން ކުޅެން ބޭނުންވާ މުބާރާތެއްނޫން. އަހަރުމެން ކުޅެންޖެހޭ މުބާރާތަކީ ޗެމްޕިއަންސް ލީގު. އެކަމަކު ޔޫރޮޕާ ލީގަށް އަހަރުމެން އިހްތިރާމްކުރަންޖެހޭ. އަހަރުމެން މަސައްކަތްކުރާނީ އެގޮތުގައި،" ރެއާލް މެޑްރިޑާއި އިންޓަމިލާން އަދި ޗެލްސީގެ ކުރީގެ ކޯޗު ބުންޏެވެ.

މޮރީނިއޯ އަކީ ޕޯޓޯ އާއި އިންޓަމިލާނުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ކޯޗެކެވެ.