އޭއެފްސީ ކަޕްގެ ގުރޫޕް އެޗްގައި މިއަދު ނިއު ރޭޑިއަންޓް އަތުން 4-1 އިން އަމިއްލަ ދަނޑުގައި އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންގް މޮޅުވެއްޖެ އެވެ.
ޕެރްސިބްގެ ގިނަ އަދަދެއްގެ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ 3-0ގެ ލީޑެއް ނަގައިފަ އެވެ. ފުރަތަމަ ހާފުގައި އެ ޓީމަށް ލަނޑު ޖަހައިދިނީ އަޗްމަދު ޖުފްރިޔަންޓޯ އާއި މާލީގެ މިޑްފީލްޑަރު މަކާން ކޮނާޓޭ އަދި ކެޕްޓަން އަޓްޕެލް ރިޒާއީ އެވެ.
ފުރަތަމަ ހާފުގައި ނިއު އަށް ޕެރްސިބްގެ ގޯލަށް ފޮނުވާލެވުނީ އެންމެ ހަމަލާއެކެވެ. ޕެރްސިބްގެ ޕެނަލްޓީ އޭރިޔާ ބޭރުން ހަމްޒާ މުހައްމަދު (ހަމްޕު) ފޮނުވާލި ޝޮޓް އަމަޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗުގެ 60 ވަނަ މިނިޓުގައި ނިއު އިން ތަފާތު ކުޑަކުރީ ކެޕްޓަން އައްސަދު އަލީ (އަޑުބަރޭ) ޖެހި ލަނޑުންނެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން އަކުރަމް އަބްދުލް ގަނީ ހުރަސްކޮށްލި ބޯޅަ، އަޑުބަރޭ ވަނީ ފަސޭހަކަމާއެކު ގޯލަށް އަމާޒުކޮށްލައިފަ އެވެ.
މެޗު ނިމެން ކައިރިވެފައިވަނިކޮށް، ޕެރްސިބްގެ ހަތަރު ވަނަ ލަނޑު ޖެހީ ޔަންޑީ މުނައްވަރެވެ.
މި ގުރޫޕްގައި ނިއު ކުޅޭ ދެވަނަ މެޗުގައި އަންނަ މަހުގެ 11 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ލާއޮސްގެ ލާއޯ އެފްސީއާ ދެކޮޅަށެވެ.
މި މުބާރާތުގެ ގުރޫޕް އީގައި ވާދަކުރާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުޅުނު ފުރަތަމަ މެޗުގައި ރޭ އިންޑިއާގެ ބެންގަލޫރު އެފްސީ އަތުން ރަށުން ބޭރުގައި ބަލިވީ 2-1 އިންނެވެ.
މާޒިޔާ މުބާރާުތުގައި ކުޅޭ ދެވަނަ މެޗުގައި އަންނަ މަހުގެ 10 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ސިންގަޕޫރުގެ ވޯރިއާސްއާ ދެކޮޅަށެވެ.