ހަބަރު

މުޒާހަރާ ކަވަރުކުރާއިރު ނޫސްވެރިން ފާސް އަޅައިގެން އުޅެން އިލްތިމާސްކޮށްފި

Feb 25, 2015

މުޒާހަރާތައް ކަވަރުކުރުމުގައި ނޫސްވެރިން ހަރަކާތްތެރިވާއިރު، އެކްރެޑިޓް ކޮށްފައިވާ ނޫސްވެރިއެއްކަން އަންގައިދޭ ފާސް އަޅައިގެން އުޅުމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިލްތިމާސްކޮށްފި އެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ ދަށުން ހަދާފައިވާ ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދުގައި ބުނާ ގޮތުން އެކްރެޑިޓެޑް ނޫސްވެރިންނަށް ސަލާމަތީ ބާރުތަކުގެ ހިމާޔަތާއި ހަލަބޮލި ހާލަތްތައް ހިނގާ ސަރަހައްދުތަކަށް ދެވޭ އެކްސެސް އާއި ސަލާމަތީ ބާރުތަކުން މައުލޫމާތު ހޯދުމުގެ ލުއި ފަސޭހަކަން ލިބޭނެ އެވެ.

ނޫސްވެރިން އެކްރެޑިޓް ކުރުމުގެ ގަވާއިދުގެ ދަށުން ރާއްޖޭގެ މީޑިއާ އޮގަނައިޒޭޝަންތަކުގައި މަސައްކަތްކުރާ ނޫސްވެރިންނާއި ބޭރުގެ ނޫސްވެރިންނާއި ފްރީލާންސްގެ ނޫސްވެރިން ވެސް އެކްރެޑިޓްކޮށްދެ އެވެ. ރާއްޖޭގެ މީޑިއާގައި މަސައްކަތްކުރާ ނޫސްވެރިން އެކްރެޑިޓްކޮށްދެނީ އެއް އަހަރަށެވެ. ބޭރުގެ ނޫސްވެރިން ތިން މަހަށެވެ. އަދި ފްރީލާންސް ނޫސްވެރިން ހަ މަހަށެވެ.

ނޫސްވެރިން އެކްރެޑިޓް ކުރުމަށް ހުށަހަޅާ ފޯމް ބްރޯޑްކާސްޓިން ކޮމިޝަންގެ ވެބްސައިޓުން ލިބޭނެ އެވެ. ގަވާއިދުގެ ދަށުން 2013 ވަނަ އަހަރު ވަނީ ނޫސްވެރިން އެކްރެޑިޓް ކުރަން ފަށައިފަ އެވެ.