ބޮލީވުޑް

ޝާހްރުކް އާއި ރިތިކްގެ "ކްރިޝް 4" ވެސް ކުރިމަތިލުމަކަށް

Sep 16, 2016

މިއަހަރުގެ ފިތުރު އީދާ ދިމާކޮށް ސުޕަސްޓާ ސަލްމާން ޚާންގެ "ސުލްތާން" އާއެކު ޝާހްރުކް ޚާންގެ "ރައީސް" ރިލީޒްކުރަން އޮތް ނަމަވެސް، އެފިލްމާއެކު ކުރިމަތިލުމަކަށް ނުދާންވެގެން ވަނީ އަންނަ އަހަރުގެ ޖެނުއަރީގައި ރިލީޒްކުރާ ގޮތަށް ލަސްކޮށްފަ އެވެ.

ފިލްމު ރިލީޒްކުރާ ދުވަސް ލަސްކުރި ނަމަވެސް އަނެއްކާވެސް ކުރިމަތިލުމަކަށްދާނެ ކަން މިވަނީ ޔަގީންވެފަ އެވެ. ރިތިކް ރޯޝަން އާއި ޔަމީ ގޯތަމް އެކުގައި ފެނިގެންދާ ފިލްމު، "ކާބިލް" ވެސް ޝާހްރުކްގެ "ރައީސް" އާއެކު ރިލީޒްވާނެކަން ޔަގީންވެފައިވާއިރު، ރިތިކްގެ ފިލްމު ރިލީޒްކުރާ ދުވަސް އެހެން ދުވަހަކަށް ބަދަލުކުރަން ޝާހްރުކް އާއި އެފިލްމުގެ ޓީމުން އަންނަނީ މަސައްކަތްކުރަމުންނެވެ.

އެދެފިލްމު ކުރިމަތިލުމަކަށް ނުގޮސް ރިލީޒްކުރެވޭ ގޮތް ހަދަން ކިތަންމެ މަސައްކަތެއް ކުރަންމުން އައި ނަމަވެސް ޝާހްރުކް ޑްވާފެއްގެ ރޯލުކުޅޭ ޑައިރެކްޓަރު އަނަންދަ އެލް ރާއީގެ ފިލްމާއި ރިތިކްގެ ސުޕަހީރޯ ފިލްމު، "ކްރިޝް 4" ވެސް އެއްދުވަހެއްގައި ރިލީޒްކުރުމަށް ހަމަޖެހިފައިވާ ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ.

ޝާހްރުކް އާފިލްމުގެ ޝޫޓިން ފަށާނެ ދުވަހެއް އިއުލާންނުކުރަނީވެސް ވަނީ އެފިލްމު 2018 ވަނަ އަހަރުގެ ޑިސެމްބަރު 21 ވަނަ ދުވަހު ރިލީޒްކުރާނެކަން އިއުލާންކޮށްފަ އެވެ.

"ކްރިޝް" ސިލްސިލާގެ ތިން ވަނަ ފިލްމު ރިލީޒްވިތާ ތިން އަހަރުވެފައިވާއިރު، މިސިލްސިލާގެ ހަތަރު ވަނަ ފިލްމު އުފައްދަން ނިންމާފައިވާކަން އިއުލާންކޮށްފައިވަނީ ރިތިކް ކުރި ޓްވީޓެއްގަ އެވެ. އަންނަ އަހަރުގެ ތެރޭގައި މިފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ ކަަމަށް ފިލްމުގެ ޑައިރެކްޓްރު ރާކޭޝް ރޯޝަން ވެސް ބުނެފައިވާއިރު، މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ޑިސެމްބަރުގައި ކަމަށްވެސް ވަނީ ބުނެފަ އެވެ.

"ކްރިޝް 2" އާއި ތިނެއްގައި ރިތިކްއާ އެކު ބަތަލާގެ ރޯލުން ފެނިގެންގޮސްފައިވަނީ ޕްރިޔަންކާ ޗޯޕްޅާ އެވެ. ނަމަވެސް ހަތަރު ވަނަ ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެންދާނެ ތަރިއަކު އަދި ހާމަކޮށްފައެއްނުވެ އެވެ.

ރިތިކް މިހާރު "ކާބިލް" ގެ މަންޒަރުތައް ނަގަމުން އަންނައިރު، މިފަހުން ވަނީ އެފިލްމު ރިލީޒްކުރާ ދުވަސް ޝާހްރުކް އެދުނު ނަމަވެސް ބަދަލުނުކުރާނެ ކަމަށް ބުނެފަ އެވެ.

އަންނަ އަހަރުގެ ކުރީކޮޅު މިދެތަރިންގެ ކުރިމަތިލުމެއް އޮންނާނެކަން ޔަގީންވެފައިވާއިރު، "ކްރިޝް 4" އާއި ޝާހްރުކްގެ އާފިލްމު ކުރިމަތިލުމަކަށް ދާނެކަން ނުވަތަ ނޫންކަން އިނގޭނީ މިދެފިލްމުގެ ބޮކްސް އޮފީހުގެ ކުރިމަތިލުމަށްފަހު ނަތީޖާ އަންނަ ގޮތަކުންނެވެ.