ރާއްޖެ ކުޅިވަރު

ޓީސީ މުހިންމު ތިން ޕޮއިންޓް ގެއްލުވާލުމުން އީގަލްސް ފެއަށް

އީގަލްސް އަތުން މިރޭ 1-0އިން ބަލިވެ، ޓީސީ ގެއްލުވާލި މުހިންމު ތިން ޕޮއިންޓާއެކު އީގަލްސް ހަތަރު ޕޮއިންޓް ފެއަށް ޖެހިލައިފި އެވެ.

މިސުރުގެ އެޓޭކިން މިޑްފީލްޑަރު މުހައްމަދު ސެޑިކް ޖެހި ހަމައެކަނި ލަނޑުން މޮޅުވި އީގަލްސް އަށް މިހާރު ލިބިފައިވަނީ 31 ޕޮއިންޓެވެ. މިއީ އެއްވަނާގައިވާ މާޒިޔާ އަށްވުރެ ހަ ޕޮއިންޓް މަދު އަދަދެކެވެ. މެޗުން މޮޅުވެގެން އީގަލްސްއަށްވުރެ ކުރި ހޯދެން އޮތް ޓީސީ މިވަގުތު އޮތީ 27 ޕޮއިންޓާއެކު ތިން ވަނާގަ އެވެ.

ލީގުގައި ކޮންމެ ޓީމަކަށް ބާކީ ފަސް މެޗު އޮތްއިރު މި ތިން ޓީމާ ވާދަކުރެވޭނެ ބަޔަކު ނެތްއިރު މިރޭގެ މެޗުން ބަލިވުމުން ޓީސީ އަށް ލީގު ޗެމްޕިއަންކަން ހޯދުމުގެ އަމިއްލަ ބާރެއް މިހާރަކު ނެތެވެ. ނަމަވެސް ދެ ވަނަ މަގާމަށް އެ ޓީމަށް އަދިވެސް ޖެހިލެވިދާނެ އެވެ.

އަށް ޓީމު ލީގު އުސޫލުން ތިން ބުރު އެންމެ ފުލަށް ދާ ޓީމު ރެލިގޭޓްވާ މި ލީގުގައި މިއަދު ހަވީރު ބީޖީ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗު 0-0އިންވީ އެއްވަރެވެ. މިހެންވެ މި ދެ ޓީމުގެ މަގާމަށް ޓޭބަލުގައި ބަދަލެއް އައިސްފައިނުވެ އެވެ. ނުވަ ޕޮއިންޓާއެކު ބީޖީ އޮތީ ފުލުގަ އެވެ. ޔުނައިޓެޑް ވިކްޓަރީ އޮތީ 19 ޕޮޮއިންޓާއެކު ފަސް ވަނާގަ އެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ ހަފުތާ ބަންދަށްފަހު ހޯމަ ދުވަހު އެވެ.