ބޮލީވުޑް

"ޕަދްމާވަތީ"ގެ ރޯލާ ހެދި ޝާހިދާއި ރަންވީރު ކޯޅެނީ!

Sep 18, 2016

މަޝްހޫރު ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ ދެން އުފައްދާ ފިލްމު، "ޕަދްމާވަތީ" ގެ ލީޑް ރޯލުން ފެނިގެންދާނެ ތަރިން އިއުލާން ނުކުރި ނަމަވެސް އެ ތަރިންނަކީ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގް އަދި ޝާހިދު ކަޕޫރު ކަން ވަނީ ޔަގީންވެފަ އެވެ.

އެ ފިލްމުގެ ބަތަލާ އާއި ބަތަލުގެ ރޯލު ކުޅެން ދިޕިކާ އާއި ރަންވީރު ވަރަށް ފަސޭހައިން އެއްބަސްވި ނަމަވެސް ދިޕިކާގެ ފިރިމީހާގެ ރޯލު ކުޅޭނެ އެކްޓަރެއް ހޯދުން ވެގެން ދިޔައީ ބަންސާލީ އަށް ވަރަށް އުނދަގޫ ކަމަކަށެވެ. އެންމެ ފުރަތަމަ އެ ރޯލު ޓީވީ އެކްޓަރަކަށް ހުށަހެޅުމުން ދިޕިކާ ވަނީ އޭނާގެ ފިރިމީހާގެ ރޯލު ހުށަހަޅަން ޖެހޭނީ ބޮޑު އެކްޓަރަކަށް ކަަމަށް ބުނެފަ އެވެ. ދިޕިކާ އެގޮތަށް ޝަރުތު ކުރުމުން އެ ރޯލު ރިތިކް ރޯޝަން އާއި ފަވަދް ޚާން އަދި ޝާހްރުކް ޚާނަށް ވެސް ވަނީ ހުށަހަޅާފަ އެވެ. ނަމަވެސް އެ ތިން ތަރިން އެހެން ފިލްމުތަކުގެ މަސައްކަތުގެ ބިޒީވާތީ ވަނީ އެރޯލަށް ނޫނެކޭ ބުނެފަ އެވެ.

އެންމެ ފަހުން މިރޯލު ޝާހިދު ކަޕޫރަށް ހުށަހަޅައި، އެ ރޯލާ މެދު އޭނާ ގަޔާވި ނަމަވެސް ބަންސާލީގެ ހުށަހެޅުން ޝާހިދު ގަބޫލުކޮށްފައިވަނީ ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެނެސް އޭނާގެ ރޯލަކީ ދިޕިކާ އާއި ރަންވީރުގެ ރޯލެކޭ އެއްގޮތަށް ބޮޑު ރޯލަކަށް ހެދުމަށް ބަންސާލީ އެއްބަސްވުމުންނެވެ.

ބަންސާލީގެ އެންމެ ފެވަރިޓް ދެ ތަރިން ކަމަށްވާ ރަންވީރާއި ދިޕިކާގެ އިތުރުން ޝާހިދު މި ފިލްމުން ފެނިގެންދާނެކަން ޔަގީންވި ނަމަވެސް މަޝްހޫރު ބޮޑު ތިން ތަރިން ހިމަނައިގެން ފިލްމެއް އުފެއްދުމަކީ ވަރަށް ބޮޑު އުނދަގުލެކެވެ. މިތިން ތަރިންގެ ޑިމާންޑްތައް ވެސް ފިލްމަށް ސޮއިކުރުމުގެ ކުރިން ބޮޑުވެ، އެމީހުންގެ ހާސަރުތައް ވެސް ދިގުވެފައިވާއިރު، ފަހަރަކު ތަރިއެއް އަންނަނީ އިތުރު މައްސަލަތައް ކުރިމަތިކުރުވަމުންނެވެ.

ޝާހިދުގެ އެދުމުގެ މަތިން ފިލްމުގެ ސްކްރިޕްޓަށް ބަންސާލީ ވަނީ ބަދަލުތަކެއް ގެނެސް އަނެއް ދެތަރިންނެކޭ އެއްގޮތަށް ޝާހިދުގެ ރޯލުވެސް ބޮޑު ކޮށްދީފައިވާކަން އެނގުމުން ރަންވީރު އެކަމާ ގުޅިގެން ބަންސާލީ ކުރެން ޝާކުވާކުރުމުން އޭނާ އާއި ބަންސާލީއާ ދެމެދު މައްސަލަތަކެއް ޖެހުނު ކަމުގެ ވާހަކަތަކެއް ވެސް ވަނީ ދެކެވިފަ އެވެ.

މި ފިލްމުގެ ދެވަނަ ބަތަލުގެ ރޯލު ޝާހިދަށް ދިންކަން އެނގުނު ހިސާބުން އޭނާ މިފިލްމު ކުޅެން ރަންވީރު އެހާ ގަޔާނުވާކަމުގެ ވާހަކަތައް އަންނަނީ ދެކެވެމުންނެވެ. އޭނާ އާއި އެއްވަރުގެ ރޯލެއް މިފިލްމުގެ ޝާހިދަށް ދިނުމުން އޭނާ އަށް ވުރެން ޝާހިދުގެ މުހިންމުކަން މާބޮޑު ކަމަށް ދެކެވި މިދެތަރިން ކޯޅޭކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. ޝާހިދާ މެދު ރަންވީރު ހިތްހަމަނުޖެހި ފިލްމުގެ އެއްވެސް ޕޯސްޓަރެއްގައި އޭނާ އާއި ޝާހިދާ އެކުގައި ފެންނަން ބޭނުންނުވާ ކަމަށް ބުނެ ވަނީ ބަންސާލީ އަށް ޝަރުތުކޮށްފަ އެވެ.

މިދެތަރިންނަކީ ވެސް މިފިލްމަށް ވަރަށް މުހިންމު ދެތަރިންނަށްވީއިރު، ޝާހިދުގެ ޝަރުތުތަކަށް އެއްބަސްވީ ގޮތަށް ބަންސާލީ ވަނީ ރަންވީރުގެ ވެސް ޝަރުތު ގަބޫލުކޮށްފަ އެވެ. އެގޮތުން މިފިލްމުގެ ލީޑްރޯލުން ފެނިގެންދާ ތިންތަރިންނަށް ވަކި ވަކި ޕޯސްޓަރުތައް ހަދަން ބަންސާލީ ވަނީ ނިންމާފަ އެވެ.

ބުނެވޭ ގޮތުގައި ރަންވީރު ޝާހިދުއާ މެދު ހިތްހަމަނުޖެހުނީ ބޮޑު ރޯލަކަށްފަހު ބޮޑު އަގަކަށްވެސް ޑިމާންޑްކުރުމުންނެވެ. މިފިލްމު ކުޅެދޭން ޝާހިދު އެއްބަސްވި އަގަކީ 09 ކްރޯޑެެވެ. އެއަގު ބޮޑު ނަމަވެސް މިރޯލު ކުޅެން އެހެން އެކްޓަރަކު ތައްޔާރަށް ނެތުމާއި ފިލްމުގެ ޝޫޓިން އަވަހަށް ފަށަން ބަންސާލީ ބޭނުންވާތީ ވަނީ ޝާހިދުގެ އެޑިމާންޑް ގަބޫލުކުރީ އެވެ.

ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި މިފިލްމުގެ ޝޫޓިން ފަށަން ބަންސާލީ ނިންމާފައިވާއިރު، ފިލްމުގެ ލިޑްތަރިންގެ ދެމެދުގައި ކުރިއަށްދާ ކޯޅުންތަކުގެ ސަބަބުން، ފިލްމުގެ ޝޫޓިން ފަސްވެދާނެ ކަމަށް އަންނަނީ ބުނަމުންނެވެ.