ވިޔަފާރި

ޑީޓެކުން ގެސްޓް ހައުސްތަކަށް ޖެޓްސްކީގެ އަގު ހެޔޮ ކޮށްލަނީ

  • އަގުން 30 ޕަސެންޓް ހެޔޮ ކޮށްލާނެ
  • ސީޑޫ މަރުކާގެ ޖެޓްސީގެ މުޅިން އާ ރޭންޖެއް
  • ރާއްޖޭގެ ބާޒާރުގައި ސީޑޫގެ މަގުބޫލުކަން ބޮޑު

ގެސްޓް ހައުސް މާކެޓާއި ޓޫރިޒަމް ދާއިރާއަށް ހާއްސަކޮށްގެން ޑީޓެކު ކުންފުނިން، ޖެޓްސްކީ އަގު ހެޔޮކޮށްލަން، ޕްރޮމޯޝަނެއް ފަށަން ތައްޔާރުވެއްޖެ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި ސީޑޫ މަރުކާގެ ޖެޓްސްކީ ރާއްޖޭގައި ވިއްކާ ޑީޓެކް ކުންފުނީގެ އެމްޑީ މަސީހު އިމާދު ވިދާޅުވީ މި މަހުގެ 24 ގައި ބާއްވާ "ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސާ" ދިމާކޮށް ޖެޓްސްކީގެ އަގު ހެޔޮކޮށް، މުޅިންއާ ރޭންޖެއް ވެސް ނެރޭނެ ކަމަށެވެ.

"މި ޕްރޮމޯޝަން އިފެކްޓިވް ވާނީ ގެސްޓް ހައުސް ކޮންފަރެންސް އޮންނަ [މިމަހުގެ 24] ގެ ފަހުން. ޕްރޮމޯޝަންގައި ގާތްގަނޑަކަށް 30 ޕަސެންޓް އަގު ހެޔޮވާނެ،" މަސީހު ވިދާޅުވި އެވެ.

ޖަރުމަނުގެ ބޮންބާޑިއާ ރެކްރިއޭޝަން ޕްރޮޑަކްޓް (ބީރާއުޕީ) ކުންފުނީގެ ސީޑޫ ޖެޓްސްކީގެ ސޯލް ޑިސްރިބިއުޓަރަކީ ޑީޓެކް އެވެ. އެ ކުންފުނިން ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ 80 ޕަސެންޓަށް ސީޑޫ މަރުކާގެ ޖެޓްސްކީ ފޯރުކޮށްދެމުން ގެންދާ ކަމަށް އެމްޑީ މަސީހު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދަރުބާރުގޭގައި މި މަހުގެ 24 ވަނަ ދުވަހު ބާއްވާ ގެސްޓް ހައުސް މޯލްޑިވްސް ކޮންފަރެންސުގައި ސީޑޫ މަރުކާގެ ޖެޓްސީގެ އާ ރޭންޖުވެސް ރާއްޖެއަށް ތައާރަފު ވެގެންދާނެ ކަމަށެވެ.

"[ބީރާއުޕީ] ބޮންބާޑިއާ ރެކްރިއޭޝަން ޕްރޮޑަކްޓް ކުންފުނިން އަބަދުވެސް ބޭނުންވަނީ ތަރައްގީ އެހެންވެ ހުރިހާ ސީޑޫތަކެއް ވެސް ތަރައްގީކޮށް އަގު ހެޔޮވާނެ ގޮތް ބަލާ. އިތުރު ފަންގްޝަންސް ވެސް ހުރޭ،" މަސީހު ވިދާޅުވި އެވެ.

"ސީޑޫ" އިން އަންނަ އަހަރަށް ހާއްސަކޮށްގެން ނެރޭ ޖެޓްސީގެ އާ ރޭންޖުގައި އާއްމުކޮށް ބޭނުންކުރާ ޖެޓްސްކީ ތަކަށް ވުރެ އެޑްވާންސް ސިފަތައް ހިމަނާފައިވެ އެވެ. މިގޮތުން ސްޓަންޓް ހަދާ މީހުންނަށް ހާއްސަ ޖެޓްސްކީތައް ވެސް ހިމެނެ އެވެ.