ބޭރު ކުޅިވަރު

ސިމިއޯނީ އެތްލެޓިކޯ ދޫކޮށްލަނީ

އެތްލެޓިކޯ މެޑްރިޑުގެ ކޯޗު އޭނާގެ ކޮންޓްރެކްޓް ކުރުކޮށްލުމަކީ އެހެން ކުލަބަކަށް ދާން އުޅުން ކަމަށް މީޑިޔާތަކުން ބުނަން ފަށައިފި އެވެ.

ސްޕޭނުގެ ނޫސްތަކުން ބުނާގޮތުގައި އާޖެންޓީނާގެ ކޯޗު އެތްލެޓިކޯ އަށް ފަހު ދިއުން އެންމެ ގާތީ އިޓަލީގެ އިންޓަމިލާނަށެވެ. އަދި މިއީ އިނގިރޭސިވިލާތުގެ އާސެނަލް އަށް ވެސް އޭނާ ގެންދިއުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށް ވެސް ސިފަކޮށްފައިވެ އެވެ.

ސިމިއޯނީ އެތްލެޓިކޯއާއެކު ހަދާފައިވާ ކޮންޓްރެކްޓް ކުރިން ހަމަވާންއޮތީ 2020ގަ އެވެ. ނަމަވެސް ދެ އަހަރު މަދުކޮށްލުމުން އަންނަ އަހަރުގެ ސީޒަނާއެކު އޭނާ މިނިވަންވާނެ އެވެ.

ނަމަވެސް މިހާރުގެ ކޮންޓްރެކްޓްގެ ދަށުން އޭނާ އަަކީ ލަލީގާގެ އެންމެ މުސާރަބޮޑު އެއް ކޯޗަށްވާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އަށް އަހަރަކު ލިބޭ ހަތް މިލިއަން ޔޫރޯއާ ގާތްކުރާ އަދަދެއް ސިމިއޯނީ އަށް ވެސް އެތްލެޓިކޯއިން ދޭނެ އެވެ.

ޔޫރޮޕާ ލީގާއި ސްޕެނިޝް ކަޕް އަދި ސްޕެނިޝް ލީގު ވެސް އެތްލެޓިކޯ އަށް ހޯދާދީފައިވާ ސިމިއޯނީ ވަނީ މިދިޔަ ސީޒަނަށް ފަހު ކުލަބާ ވަކިވާން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާ މިހެން ބުނީ ތިން އަަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ދެ ފަހަރު ކުޅެ ބަލިވުމުންނެވެ.

ނަމަވެސް ކޮންޓްރެކްޓްގެ މުއަދަތު ކުރުކުރުމަށްފަހު މީޑިޔާއާ ވާހަކަ ދައްކަމުން އޭނާ ބުނެފައިވަނީ އެއްވެސް ކަމެއް ބަދަލުނުވާ ކަމަށާއި އެތްލެޓިކޯއިން ބޭނުންވާނަމަ މި ކޮންޓްރެކްޓްގެ މުއަދަތުގައި އާކޮންޓްރެކްޓެއްގައި ސޮއިކުރެވިދާނެ ކަމަށެވެ.