ހަބަރު

ތިން ބޭފުޅުންގެ ސިފަ ކުރެއްވުމަށް މާކްސް ދެއްވާ؟

Feb 25, 2015
13

މިވަގުތު ރާއްޖޭގެ ސިޔާސީ މަސްރަހު މުރަނަ ރޮއްޓެއްހެން އޮތް އިރު އެއްކޮޅުގައި ތިއްބެވީ ކުރީގެ ރައީސް އަދި އެމްޑީޕީގެ ވެސް ރައީސް މުހައްމަދު ނަޝީދެވެ. ދެން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހީމެވެ. އަނެއްކޮޅުގައި އޮތީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާރެވެ. ދެކޮޅުން ވެސް ބުނަނީ ބޮޑު ފަޅިއަކީ ތިމަންނާމެނޭ އެވެ.

އެކަކު އެއްކަމެއް ޔަގީނެވެ. މިހާރު ދެމުން މިދާ ސިޔާސީ ގަދަ އޮއިގެ ތެރޭ ރައީސް ޔާމީން ނަގާފައި ޖޭޕީ އެމްޑީޕީން އުކާ ތީރުތައް ސަރުކާރު ފަޅީން އެންމެ ބޮޑަށް އަމާޒުވާ އެއް ބޭފުޅަކީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބެވެ. އޭނާ ހުންނަވަނީ ވެސް ޖަހާނެ ވަރަކަށް ދުނިޖަހަން މޭ ދެއްވައިގެން އޭނަގެ އާންމު ޕޯސްގައި ހަށަން ބަނދެލައިގެނެވެ.

ގާސިމާއި ނަޝީދުގެ ފަރާތްޕުޅުން އަދީބަށް ބަހުގެ ހަމަމާތައް ދެއްވި ނަމަވެސް އެ ދެބޭފުޅުންގެ ކިބައިން މީގެ ކުރިން ނުފެންނަ ކަމެއް ވަނީ މި ގަދައިގެ ތެރޭގައި ފެނިފައެވެ. އެއީ އެ ދެލީޑަރުންމެ އަދީބު ސިފަކޮށް ވާހަކަފުޅު ދެއްކެވުމެވެ.

ރައީސް މުހައްމަދު ނަޝީދު އަދީބު ސިފަ ކުރައްވަނީ ކިހިނެއް ހެއްޔެވެ؟ ކުޑައިކޮށް އިސްކޭނެއް ކޮށްލަަމާ ހެއްޔެވެ؟  

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެމަނިކުފާނަށް އަދީބު ވައްތަރުވަނީ އެމެރިކާގެ ސަބްވޭތަކުގައި ގިޓާ ހިފައިގެން މިއުޒިކް ކުޅެން އުޅޭ ޒުވާން ހީވާގި ކުއްޖެއްގެ ގޮތުގަ އެވެ. އަދި އެއީ އެމަނިކުފާނު ބައްދަލުކޮށްލާ ހިތްވާ ކުއްޖެއްގެ ގޮތުގައެވެ.

އަނެއްކޮޅުން ގާސިމް އިބްރާހިމް އަދީބު ސިފަ ކޮށްދެއްވުން މިއަށްވުރެ މާ ތަފާތެވެ. ވިދާޅުވަނީ އެއީ އަދީބަކީ މިއަދާ ޖެހެންދެން ކޮފީތައްޓެއް ބޮއެލައި ބިލު ކަނޑައިލެވޭ ވަރުވެސް ނެތް ޒުވާން ކުއްޖެކޭ އެވެ.

މިފަހަރު ބޯޅަ އެއްލަނީ އަދީބެވެ؛ ޕީޕީއެމުން ނެރޭ ޕާޓީ މަޖައްލާ، "ޔަގީން"ގެ މެދުވެރިކޮށެވެ. އެ މަޖައްލާގައި ރައީސް ނަޝީދާ ބެހޭ ގޮތުން އަދީބު ވިދާޅުވަނީ ނަޝީދަކީ ބައެއް އޮކޭޝަންތަކުން ދިމާވެ ސަލާމްކޮށްލައްވާ ބޭފުޅެކޭ އެވެ.  

"އަޅުގަނޑަކަށް ޕާސަނަލީ ރައީސް ނަޝީދެއް ނޭނގޭ. ނަމަވެސް ރައީސަކަށް ހުންނަވައިގެން އެބޭފުޅާ ފަރާތުން އަޅުގަނޑަށް ފެނުނު ޓްރެކް ރިކޯޑް އެހާ ރަނގަޅެއް ނޫން. ފަހަރުގައި އޮޕޮޒިޝަން ލީޑަރަކަށް ހީވަނީ ރަނގަޅުވެދާނެހެން. ނުވަތަ ވެދާނެ އެބޭފުޅާއަކީ ގާތް ރައްޓެހިންނަށް ވަރަށް މަޖާ ގާތް ބޭފުޅެއް ކަމަށް،"

ދެން އޮތީ ގާސިމެވެ؛ އަދީބަށް ގާސިމް ސިފަވަނީ "ވަރަށް ރަނގަޅު ވިޔަފާރިވެރިއެއް" ގެ ގޮތުގައެވެ.  

"[ގާސިމަކީ] ފިލަންޓްރޮޕިސްޓެއް! [އެހީދޭމީހާ] ރާއްޖެއަށް ވަރަށް ގިނަ ކަންތައްތައް ކޮށްދެއްވާފައި ހުންނެވި ބޭފުޅެއް. އެކަމަކު ސިޔާސީ މައިދާނުގައި އަޅުގަނޑަށް ގާސިމް ފާހަގަވަނީ ސްޓެބިލިޓީއެއް [ހަރުދަނާ ކަމެއް ނެތް] ބޭފުޅެއްގެ ގޮތު. ކިތަންމެ އިހުލާސްތެރިކޮށް އެބޭފުޅާއާއެކު މަސައްކަތް ކުރަން ތިއްބަސް އެހެން ބަޔަކަށް ގޮސް ގާސިމްގެ ހިޔާލު ބަދަލުކޮށްލެވޭ ފަސްމިނެޓް ދިހަ މިނެޓުން ވާހަކަ ދައްކާލައިގެން. ދޮގު ވާހަކައެއް ދައްކައި ހިތް ޝައްކެއް އުފައްދައި ވެރިކަން ދޭނަމޭ ބުނެގެން ްވެސް. އެހެންވެއްޖެއްޔާ ހަރުދަނާ ކަމެއް ނެތް ދެއްތޯ." އަދީބު ވިދާޅުވި އެވެ.

ތިން ބޭފުޅުންގެ ސިފަ ކުރެއްވުމަށް އެކަކާ 10 އަކާ ދޭތެރެއިން މާކުސް ދެއްވާށެވެ.