ފިނިޕޭޖް

ވަރުގަދަ ޖޯޝަކާއެކު ހަބޭސް މިސްރަށް ފުރައިފި

Sep 17, 2016
1

މިސްރުގައި ބާއްވާ "އިންޓަނޭޝަނަލް ސަމާ ފެސްޓިވަލް ފޮ ސްޕިރިޗުއަލް މިއުޒިކް އެންޑް ޗާންޓިން" ގައި ބައިވެރިވުމަށް ރާއްޖޭގެ މަޝްހޫރު ބޮޑުބެރު ގުރޫޕް، "ހަބޭސް" މިސްރަށް ފުރައިފި އެވެ. މި ފެސްޓިވަލް ކުރިއަށް ދާނީ މި މަހުގެ 20 ވަނަ ދުވަހުން 27 ވަނަ ދުވަހުގެ ނިޔަލަށެވެ.

ފެސްޓިވަލްގައި ބައިވެރިވުމަށް މިއަދު ފުރީ ހަބޭސް ބޮޑުބެރު ގުރޫޕްގެ 12 މެންބަރުން ހިމެނެ އެވެ.

ހަބޭސް އިން ބުނި ގޮތުގައި ފެސްޓިވަލްގައި އެ ގްރޫޕުގެ ތަފާތު ހުށަހެޅުންތަކެއް ދައްކާލާންމެންބަރުން ތިބީ ވަރަށް ޖޯޝުގަ އެވެ.

ވެރިރަށް، ގާހިރާގައި އޮންނަ ފެސްޓިވަލަށް ހަބޭސް ގުރޫޕުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާއިރު، މިއީ މި ގުރޫޕުން ރާއްޖެއިން ބޭރުގައި މިފަދަ ގޮތަކަށް ހުށަހަޅައިދޭ ފުރަތަމަ ހުށަހެޅުމެވެ. މި ފެސްޓިވަލަށް ދިޔުމަށް ހަބޭސްއަށް ފުރުސަތު ލިބުނީ ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) މި ފެސްޓިވަލްގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލީ ގުރޫޕުތަކުގެ ތެރެއިން އެއްވަނަ ހޯދައިގެނެވެ.

ހަބޭސް ބޮޑުބެރު ގުރޫޕްގެ ފޭން ބޭސް އިތުރުވެފައިވާއިރު އެ ގުރޫޕަކީ އެންމެ ގިނަ އަދި ބޮޑެތި ސްޕޮންސާތައް ވެސް ލިބިފައިވާ ގުރޫޕެވެ. ގައުމީ އެއާލައިން، މޯލްޑިވިއަންއިން ހަބޭސްގެ ޓްރެވެލް ޕާޓުނަރުކަން ވެސް ވަނީ ނަގާފަ އެވެ. މީގެ އިތުރުން ވެސް ބޮޑެތި ކުންފުނިތަކަކުން ހަބޭސް ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ހަބޭސް މިއަދު މިސްރަށް ފުރާފައިވާއިރު، މަޝްހޫރު ބޮޑުބެރު ގުރޫޕް "ހަރުބީ" ވެސް ވަނީ ހަމަ މި މަހުގެ ތެރޭގައި މިސްރުގެ ފެސްޓިވަލެއްގައި ޕާފޯމްކޮށްފަ އެވެ. އެއީ، އިންޓަނޭޝަނަލް ފޯކްލޯ މިއުޒިކް ފެސްޓިވަލުގަ އެވެ. އެ ފެސްޓިވަލްގައި ހަރުބީއަށް ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ އެވެ.