ހަބަރު

ނާޒިމްގެ އަނބިކަބަލުންގެ މައްޗަށް ކުރި ދައުވާ ގެންގޮސްފި

Feb 25, 2015

ކުރީގެ ޑިފެންސް މިނިސްޓަރު، މުހައްމަދު ނާޒިމްގެ އަނބިކަނބަލުން އަފާފް އަބްދުލް މަޖީދުގެ މައްޗަށް ދައުލަތުން އުފުލި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ދައުވާ އެކަމާނާގެ މައްޗަށް ނުކުރާގޮތަށް ނިންމައި އެ ދައުވާއަނބުރާ ގެންގޮސްފި އެވެ.

އަފާފްގެ މައްޗަށް ދައުވާކުރަން ފޮނުވީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގެ ރޭ ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ހަނގުރާމަވެރި ހަތިޔާރު ފެނުނު ކަމަށް ބުނެ އެވެ. އެ ދައުވާ އަނބުރާ ގެންދަން ނިންމިކަން ދައުލަތުން އިއުލާންކުރީ އެ މައްސަލައިގެ ޝަރީއަތް ފެށުމަށް މިއަދު ބޭއްވި މަޖިލީހުގަ އެވެ.

ދައުވާ އިއްވަން ދައުލަތަށް ފުރުސަތު ދިނުމާ އެކު ދައުލަތުގެ ވަކީލް އާދަމް އާރިފް ވިދާޅުވީ އެ ދައުވާއަށް އިސްލާހު ގެންނަން ބޭނުންވާ ކަމަށް ވިދާޅުވެ، އެކަމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ. އެ ފުރުސަތު ފަނޑިޔާރުން ދެއްވުމުން އާރިފް ވިދާޅުވީ އަފާފްގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ބޭނުންވާ ކަމަށެވެ. އެއީ ނާޒިމްގެ އެޕާޓްމެންޓުން ފެނުނު ކަމަށް ބުނާ ޕެން ޑްރައިވުން ލިބުނު މައުލޫމާތުތަކަށް ބިނާކޮށް ކަމަށް ވެސް އާރިފް ވިދާޅުވި އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލިސް ފެށިއިރު ވެސް އަފާފް ހުންނެވީ ދައުވާލިބޭ މީހެއްގެ ގޮތުގަ އެވެ. އޭނާ ހުންނެވީ ވެސް ދައުވާލިބޭ މީހުން ތިބުމަށް ޚާއްސަކޮށްފައިވާ ކޮށިގަނޑުގެ ތެރޭގައި ނާޒިމާ އެކު އެވެ. ނަމަވެސް ދައުވާ އަނބުރާ ގެންދިއުމާ އެކު އެތަނުން އޭނާ ނެރެ، އަޑުއަހާ މީހުން ތިބޭ ސަރަހައްދަށް އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ދައުވާ އަނބުރާ ގެންދިއުމުން ފަނޑިޔާރުންގެ އެންގެވުމަށް އެ ކޮށިގަނޑުން އަފާފް ނިކުމެގެން ދާން އުޅުމުން ނާޒިމް ވަނީ އަފާފްގެ ގައިގައި ކުޑަކޮށް ބައްދާލައިފަ އެވެ. އޭގެފަހުގައި އަފާފް ގޮސް އިންނެވީ ނާޒިމްގެ އާއިލާގެ ބޭފުޅުންނާ އެކު ޝަރީއަތް އަޑުއެހުމަށެވެ.