ހަބަރު

ގާކޮށްޓާއި އަރަބިއްޔާ ބިމުގައި ފްލެޓް ހެދުމަށް ފަހުގައި ނޫނީ ކޮމާޝަލް އޭރިއާތައް ނުވިއްކޭނެ: ހައުސިން

Feb 25, 2015

އިންޑިއާގެ ޓާޓާ ކުންފުނީގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެޕެކްސް ރިއަލިޓީއާ ހަވާލުކޮށްގެން، ގާކޮށްޓާއި ކުރީގެ އަރަބިއްޔާ ހުރި ބިމުގައި ހަދާ 500 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމުގެ ކުރިން އެ ތަންތަނުން ކޮމާޝަލް އޭރިތާއް ނުވިއްކޭނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އެ ހައުސިން ޔުނިޓްތަކާ އެކު ކޮމާޝަލް ޔުނިޓްތައް ހެދުމުގެ ހުއްދަ އެޕެކްސް ރިއަލިޓީ އަށް އޮންނާނެ ކަމަށެވެ. އަދި އޭރިއާތަކަށް ޝައުގުވެރިވާ ފަރާތްތައް ހޯދުމާއި ބުކިންސް ހެދުމުގެ ހުއްދަ އެ ފަރާތަށް އޮންނާނެ ކަމަށާއި އެކަމަކު އެ ތަންތަން ވިއްކޭނީ ހައުސިން ޔުނިޓްތަކުގެ މަސައްކަތް ނިންމައި ހައުސިން މިނިސްޓްރީގެ ހުއްދަ ލިބުމުން ކަމަށެވެ.

ޓާޓާގެ 65 ޕަސެންޓާއި "އެސްޖީ 18 ޑިވެލޮޕާސް"ގެ 35 ޕަސެންޓް ހިއްސާވެގެން އުފެއްދި "އެޕެކްސް ރިއަލްޓީ" އަށް ފްލެޓް އަޅަން ސަރުކާރުން ހަތަރު ބިމެއް ހަވާލުކުރީ 2010 ވަނަ އަހަރުގެ މެއި މަހު އެވެ. ޓާޓާ އިން 18.9 މިލިއަން ޑޮލަރު ހަރަދު ކުރާނެ ކަމަށް ބުނެފައިވާ އެ ފްލެޓްތަކުގެ މަސައްކަތް ދެ އަހަރުގެ ތެރޭގައި ނިންމުމަށް އެއްބަސްވެފައި ވިޔަސް އެކި ސަބަބުތަކާ ހެދި އަދިވެސް މަސައްކަތް ނުނިމެ އެވެ.