ބޮލީވުޑް

ޖެކްލީން "ހައުސްފުލް 4" އިން ބޭރުކޮށްލީ ސާޖިދުގެ ސަބަބުން؟

Sep 19, 2016

"ހައުސްފުލް" ސިލްސިލާގެ ތިން ފިލްމަށް ވެސް ބޮޑު ކާމިޔާބީއެއް ލިބިފައިވާއިރު، މިސިލްސިލާގެ ހަތަރު ވަނަ ފިލްމެއް އުފައްދަން މިފިލްމު ޕްރޮޑިއުސްކުރާ ސާޖިދް ނަޑިއަޑްވާލާ ވަނީ ނިންމާފަ އެވެ.

މިސިލްސިލާގެ ފުރަތަމަ ދެފިލްމު ސާޖިދް ޚާން ޑައިރެކްޓްކޮށްފައިވާއިރު، ދެވަނަ ފިލްމުގެ ފަހުން ޑައިރެކްޓަރު ސާޖިދު އާއި ޕްރޮޑިއުސަރު ސާޖިދުގެ ދެމެދުގައި މައްސަލަތަކެއް ޖެހި "ހައުސްފުލް 3" ޑައިރެކްޓްކުރުވާފައިވަނީ ސާޖިދް - ފަރްހާދް ލައްވަ އެވެ.

ދެހާސް ދިހަވަނަ އަހަރު "ހައުސްފުލް" ގެ ފުރަތަމަ ބައި ނެރެފައިވާއިރު، ފުރަތަމަ ފިލްމުގެ ހާއްސަ ރޯލަކުންނާއި ދެވަނަ ފިލްމުގެ ބަތަލާގެ ރޯލު ވަނީ ބޮލީވުޑްގައި ފިޔަ ޖަހަމުން އަންނަ ސްރީލަންކާގެ ބަތަލާ ޖެކްލީން ފާނެންޑޭޒް ފެނިގެން ގޮސްފަ އެވެ.

"ހައުސްފުލް" އާއި "ހައުސްފުލް 2" އިން ޖެކްލީން ފެނިގެންދިއުމުން އޭނާ އާއި ޑައިރެކްޓަރު ސާޖިދް ލޯބީގެ ގޮތުން ގުޅިގެން އުޅުނު ކަމުގެ އަޑުތަކެއް ވަނީ އަރާފަ އެވެ. ދެހާސް ދިހަ ވަނަ އަހަރު ލޯބީގެ ގޮތުން އެދެމީހުން ގުޅުނު ކަމަށްވާއިރު ދެމީހުންގެ ދެމެދުގައި މައްސަލަތަކެއް ޖެހި ރުޅިވެފައިވަނީ 2013 ވަނަ އަހަރުގެ ތެރޭގަ އެވެ.

އޭގެފަހުން އެދެމީހުންގެ ދެމެދުގައި އެއްވެސް ގުޅުމެއް ނެތް ކަމަށްވާއިރު "ހައުސްފުލް 2" 2012 ވަނަ އަހަރު ރިލީޒްކުރި ފަހުން ޕްރޮޑިއުސަރު ސާޖިދް އާއި ޑައިރެކްޓްރު ސާޖިދްއާ ދެމެދު ޖެހުނު މައްސަލަތަކެއްގައި އެސިލްސިލާގެ ފިލްމު އެހެން ދެޑައިރެކްޓަރެއްލައްވާ އުފެއްދި ނަމަވެސް ފުރަތަމަ ދެފިލްމަށް ލިބުނު ވަރުގެ ކާމިޔާބީއެއް ތިން ވަނަ ފިލްމަށް ލިބިފައެއް ނުވެ އެވެ.

ދެސާޖިދުގެ ދެމެދުގައި ޖެހުނު މައްސަލަ ހައްލުކޮށް "ހައުސްފުލް 4" އުފައްދަން ނިންމާފައިވާއިރު، މިފިލްމުގެ ޑައިރެކްޓަރަކީ ސާޖިދެވެ. އަދި ސާޖިދު މިފިލްމުގެ ޑައިރެކްޓަރެއްގެ ގޮތުގައި ހަމަޖެއްސި ހަބަރާއެކު އެންމެ ގަދަޔަށް ދެކެވެމުން އަންނަ ވާހަކައަކީ މިފިލްމު ސާޖިދް ޑައިރެކްކުރާ ނަމަ އެފިލްމުުގެ ބަތަލާގެ ރޯލުން ޖެކްލީން ފެނިގެންނުދާނެ ވާހަކަ އެވެ.

މިހަބަރު ގެނެސްދީފައިވާ ބައެއް ރިޕޯޓްތަކުގައިވާ ގޮތުން ސާޖިދު ޑައިރެކްޓްކުރާ ހަތަރު ވަނަ ފިލްމުގެ ބަތަލާގެ ރޯލު ޖެކްލީން އަށް ހުށަހަޅާކަށް އޭނާ ބޭނުމެއްނުވެ އެވެ.

ޑައރެކްޓަރު ސާޖިދް ބަތަލާގެ ރޯލު ޖެކްލީން އަށް ދޭން ބޭނުން ނުވިޔަސް، ޕްރޮޑިއުސަރު ސާޖިދް އެރޯލު އޭނާ އަށް ދޭން ބޭނުންވާކަން ނުވަތަ އެކުވެރިޔާ ސާޖިދް ނިންމާ ގޮތަށް ޖެކްލީން "ހައުސްފުލް 4" އިން ބޭރުކުރާނެކަން އެނގިގެންދާނީ ހަތަރު ވަނަ ފިލްމުން ފެނިގެންދާ ތަރިން އިއުލާންކުރުމުންނެވެ.

"ހައުސްފުލް 4" އިން ޖެކްއަލީން ބޭރުކޮށްލާނަމަ މިއީ ހަމަޔަގީނުންވެސް އޭނާ އަށް ގެއްލިގެންދާނެ ބޮޑު ފުރުސަތެކެވެ.