ބޮލީވުޑް

ރަންބީރާއެކު މަސައްކަތްކުރަން ކެޓްރީނާ ދެކޮޅު

Sep 20, 2016
1

ހައަހަރުވަން ދެން ލޯބީގެ ގޮތުން ގުޅިގެން އުޅެ، މިއަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ރުޅިވި ބޮލީވުޑްގެ މަޝްހޫރު ދެތަރިން ކަމަށްވާ ރަންބީރު ކަޕޫރާއި ކެޓްރީނާ ކައިފް އަކީ މީގެކުރިން ބޮލީވުޑްގެ އެންމެ ނަންހިނގި ޖޯޑެވެ.

ދެތަރިން އެކުގައި ފިލްމުތަކުން ފެނިގެން ގޮސްފައިވީ ނަމަވެސް ދެތަރިންގެ ދެމެދުގައި އޮތް ލޯބީގެ ގުޅުން ނިމުނު ފަހުން އޭރު ކުޅެމުން އައި ފިލްމު "ޖައްގާ ޖާސޫސް" ގެ ޝޫޓިން އަށް ވަނީ ގިނަ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.ރަންބީރާއި ކެޓްރީނާ ރުޅިވުމުން އެފިލްމުގެ ޝޫޓިން ނުނެގި އެތަކެއް ދުވަހެއްވެ ފިލްމު ރިލީޒްކުރަން ކަނޑައެޅިފައި އޮތް ތާރީހަށް ރިލީޒްނުކުރެވި ވަނީ އަންނަ އަހަރުގެ އެޕްރީލްގައި ރިލީޒްކުރާ ގޮތަށް ފަސްކޮށްފަ އެވެ.

މިދެތަރިން ރުޅިވި ނަމަވެސް އެކުގައި ފިލްމުތަކުން ފެނިިގެންދާން ބޭނުންވާ ފަރާތްތަކާއި އެކުގައި ފިލްމުތަކުގައި ހިމަނަން ބޭނުންވާ އެތަކެއް ޑައިރެކްޓަރުންނެއް އެބަ ތިއްބެވެ.

"ޖައްގާ ޖާސޫސް" އަށް ފަހު އިތުރު ފިލްމަކުން މިދެތަރިން ފެނިގެންދާނެކަމާ މެދު ސުވާލު އުފެދޭއިރު، ރޮމޭންޓިކް ޑްރާމާ ފިލްމު "ފުއްޑޫ" ގެ ލަވައެއްގައި ރަންބީރާއި ކެޓްރީނާ އަޑުން ޝާޔަރީތަކެއް ކިޔަން ހަމަޖެހިފައި އޮތް ނަމަވެސް އެންމެފަހު ވަގުތު ކެޓްރީނާ ވަނީ ރަންބީރާ އެކު އިތުރު އެއްވެސް މަސައްކަތެއް ކުރަން ބޭނުނުވާތީ އެފިލްމުގެ ލަވައިގެ ޝާޔަރީތަކަށް އަޑު ނޭޅޭނެ ކަމަށް ބުނެފަ އެވެ.

ސުނިލް ސުބްރަމާނިޔާ ޑައިރެކްޓަރު އަނޫރާގް ބާސޫގެ އިރުޝާދުގެ ދަށުން އުފައްދާ މިފިލްމަށް ޝާޔަރީތައް ކެޓްރީނާ ކިޔައިދޭން ހަަމަޖެހިފައި އޮތްވާ އެކަން ނުވާނެ ކަމަށް އަންގާފައިވަނީ އެންމެ ފަހު ވަގުތު އެވެ.

މިފިލްމުގެ ލަވަޔަށް ބޭނުންވާ ޝާޔަރީތައް ކިޔަން ރަންބީރު ތައްޔާރަށް ހުރި ނަމަވެސް ކެޓްރީނާ އެކަމަށް އިންކާރުކުރުމުން ފިލްމުގެ ޑައިރެކްޓަރު ވަނީ އޭނާ އެކަމަށް އެއްބަސްކުރުވޭތޯ ވަރަށް މަސައްކަތްކޮށްފަ އެވެ. އެހެންނަމަވެސް ކެޓްރީނާ ވަނީ އޭނާ އާއި ރަންބީރު ރުޅިވިފަހުން އެކުގައި މަސައްކަތްކުރަން ފަސޭހަ ނޫން ކަމަށް ބުނެ އެފުރުސަތު ދޫކޮށްލާފަ އެވެ.

މިކަމާ ގުޅިގެން ކެޓްރީނާގެ ސްޕޯކްސްޕާސަން ވަނީ އެފިލްމުގެ ލަވައިގެ ޝާޔަރީތަކަށް ކެޓްރީނާ އަޑު އެޅިތާ ކިތަންމެ ދުވަހެއް ވެއްޖެ ކަމަށާއި އަދި އޭނާ އަށް ދިން ފުރުސަތު ދޫކޮށްނުލާ ކަމަށް ބުނެފަ އެވެ. ނަމަވެސް ކެޓްރީނާގެ ސްޕޯކްސްޕާސަންގެ ވާހަކަތައް ދޮގުކުރަމުން "ފުއްޑޫ" ގެ ޕްރޮޑިއުސަރު ޕަރްދީޕް ގުޕްތާ ވަނީ ކެޓްރީނާ އެމީހުންގެ ހުށަހެޅުމަށް ނޫނެކޭ ބުނެ ދޫކޮށްލާފައިވާ ކަމަށާއި ކެޓްރީނާ އެލަވަޔަށް ގެނެވޭތޯ ވަރަށް މަސައްކަތްކުރި ނަމަވެސް ކާމިޔާބު ނުވި ކަމަށް ބުނެފަ އެވެ.