ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމަށް ކުރާ ޓެރަރިޒަމް ދައުވާގައި ވިލާ ގްރޫޕްގެ ހަރަދުގައި ހަނގުރާމަވެރި ހަތިޔާރު ބޭނުންކޮށްގެން ދައުލަތުގެ އިސްވެރިންތަކަކަށް ހަމަލާ ދޭން ރާވާފައިވާ ކަމަށް ބުނާ ބުނަމަކީ އުފައްދާފައިވާ ވާހަކަތަކެއް ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު ހިންގަމުންދާ ކަންކަމާބެހޭ ގޮތުން ބޭރުގެ މިޝަންތަކަށާއި ހައިކޮމިޝަންތަކަށް ޖޭޕީ އެމްޑީޕީން މައުލޫމަތު ދޭން އެމްޑީޕީގެ މަޖިލިިސް މެންބަރު އަބްދުﷲ ޝާހިދާއެކު މިރޭ ސްރީލަންކާއަށް ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ބައްދަލު ކުރައްވާ ޖޭޕީގެ ލީޑަރު ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް ޣައިރު ގާނޫނީ ކަންކަމަށް އެހީވާނެ ބޭފުޅެއް ނޫން ކަމަށެވެ.
އަދި ވިދާޅުވީ ދައުލަތުން ނާޒިމްގެ މައްޗަށް ކުރި ދައުވާގައި ބުނާ ވާހަކަތަކަކީ ބަޔަކު އަމިއްލައަށް އުފައްދާފައިވާ ސްކްރިޕްޓެއް ކަމަށެވެ.
"އެއީ ބަޔަކު ފުރޭމް ކުރުމަށް ހަދާފައި އުފެއްދުމެއް. [ކުރީގެ ޑިފެންސް މިނިސްޓަރު] ނާޒިމާ ގުޅުވައިގެން އެ ދައްކަވާ ވާހަކައަކީ ދެކޮޅު ނުޖެހޭ ވާހަކަތަކެއްކަން ފުލުހުން ދައްކާ ވާހަކައިން އެންމެނަށް އެނގޭ... ނާޒިމަކީ އެފަދަ ކަމެއް ކުރައްވާނެ މޮޔަ ބޭފުޅެއް ނޫން. ފިސްތޯލަ ހަދާ ސްކްރިޕްޓެއް ލިޔެ ޕެންޑްރައިވްގައި ބާއްވަން،"
ގާސިމް ވިދާޅުވީ ދައުލަތުން ކުރާ ދައުވާގެ ބަޔާނުގައި ހުރި އެއްޗެއް މުޅިން އެނގިވަޑައި ނުގަންނަވާ ކަމަށާއި އެބަޔާންތައް ދައުވާ ލިބޭ ފަރާތަށް ވެސް ނުލިބޭ ކަމަށެވެ.
"އޭގައި އޮތް އެއްވެސް ނޭނގި އެއްޗެއް ދަންނަވަން ވަރަށް އުނދަގޫ އަޅުގަނޑުމެނާ، އަޅުގަނޑުގެ ކުންފނީގެ ބޮލުގައި ބަދުނާމު އަޅުވަންކޮށްފައިވާ ކަމެއް އެއީ އެކަމަކީ ވަރަށް ދެރަ ކަމެއް އަޅުގަނޑެއް އެބާވަތުގެ ކަމަކަށް އަރައެއް ނުގަންނާނަން. މީގެން މި އެނގެނީ ވެރިކަމަށް ކުރިމަތިލާފާނެ ކޮންމެ މީހަކުވެސް ފްރޭމް ކުރާނެކަން،" ގާސިމް ވިދާޅުވި އެވެ.