އެފްއޭއެމުގައި ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލަށް ބާރެއް ނޯންނަ ކަމަށާއި އެތަން ހިންގަނީ ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒް (މޯހަން) ކަމަށް ދޭހަވާގޮތަށް އިސްތިއުފާ ދެއްވި ފަސް މެމްބަރުން ބުނެފި އެވެ.
ސިޓީ ގާޑަންގައި ފަސް މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ނާއިބް ރައީސް އަލީ އުމަރު ބުނީ އެފްއޭއެމުގެ އަސާސީ ގަވާއިދު ބުނާގޮތުން އެތަން ހިންގަން ދުވަހުން ދުވަހަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރަންޖެހޭނީ ޖެނެރަލް ސެކްރެޓަރީ ކަމަށެވެ.
"އެކަމަކު އޭނާއަށްވުރެ ދަށުން މަސައްކަތްކުރާ މުވައްޒަފަކު ގުޅާފައި މިބުނަނީ މިއަދު މީޓީންއެއް އެބައޮތޭ ޖައްސާލާށޭ. މިލެވެލަށް ދިޔައީމަ ގޯސް. ބައްސާމް މިވަނީ ކޮންމެ ދުވަހު ހެނދުނު ޓައީ އަޅައިގެން ގޮސް އެތާ އިނދެއިނދެފައި އަންނަ މީހަކަށް،" އަލީ އުމަރު ބުންޏެވެ.
މެދުނުކެނޑި 17 އަހަރު އެންމެ މަތީ ފެންވަރުގައި ކުޅުނު ކުރީގެ ފޯވަޑް ބުނީ ރައީސް ކަމަށް ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ގެންނަން ވެސް އެންމެ ބުރަކޮށް މަސައްކަތްކުރި އެކަކީ ބައްސާމް ކަމަށެވެ. މި ގޮތުން އިންތިހާބަށް ނުކުންނަން ތައްޔާރުވެ ހުރި ނޯމަލައިޒޭޝަން ކޮމިޓީގެ ކުރީގެ ރައީސް މުހައްމަދު ޝަވީދާ ވާހަކަ ދައްކައި އޭނާ އިންތިހާބަށް ނުނިކުމެ ޓޮމް އަށް ފުރުސަތުދޭން ޝަވީދަށް ވިސްނައިދިނީ ވެސް ބައްސާމް ކަމަށެވެ.
"(ޝަވީދުގެ ޓީމާއި، ޓޮމްގެ ޓީމު) މި ދެ ޓީމު އެއްޓީމަކަށް ހެދުމުގެ ހިޔާލު ގެނެސް އެއީ ރަނގަޅު ގޮތެއްކަން ޝަވީދަށް ވިސްނައިދިނީ ބައްސާމް. އެއީ ފީފާއިން އޮތީ އެދުވަހު އިންތިހާބު ނުބޭއްވިއްޖެނަމަ ރާއްޖެ ސަސްޕެންޑްކުރަން އިންޒާރުދީފައި. އެހެން އޮއްވާ ޝަވީދު ނުކުތްނަމަ އިންތިހާބު (ވާދަވެރިވެ، ރައީސަކު ނުހޮވި ދިގުލައިގޮސް) ރާއްޖެ ފީފާއިން ސަސްޕެންޑްކުރާނެ. އެކަން އެހެންވެދާނެތީވެ ޓޮމްއާ ވާހަކަ ދައްކައިގެން ދެ ޓީމުން އެއްވެ، ދެ ޓީމުން އެއްބަސްވާ އެކްސްކޯއެއް ހޮވަން މަޝްވަރާދީ މިކަން ކުރީ ބައްސާމް. އޭނާގެ ހިކުމަތްތެރިކަމުން ރާއްޖެ ސަސްޕެންޑްނުވީ. މިހެންވެ ޓޮމް ވެސް ބައްސާމް ޖެނެރަލް ސެކްރެޓަރީއަކަށް ގެނައީ. އެކަމަކު ދެ ހަފުތާ ނުވަނީސް ކަންތައްތައް ކުރީ ތިމަންނަ އިންތިހާބު ކާމިޔާބު ކުރަން ބަޔަކު ގެނަޔަސް ހޮވުނީމަ ހަދާނީ ބޭނުންގޮތެކޭ ބުނާ އުސޫލުން،" އަލީ އުމަރު ބުންޏެވެ.
އޭނާގެ ވާހަކަތަކަށް އެކްސްކޯ މެމްބަރުން ކަމަށްވާ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމުގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި އައިޝަތު ނާޒިމާ އާއި ޓީސީގެ އަހުމަދު އީސާ ވެސް ތާއިދު ކުރި އެވެ.
ޝަކީބު ބުނީ ބައްސާމް ޖެނެރަލް ސެކްރެޓަރީ އަކަށް ގެނައީ ވެސް ޓޮމް ހުށަހެޅުމުން އެކްސްކޯ މެމްބަރުންގެ ތާއީދާއެކުގައި ކަމަށާއި މިހެންވެ ވަކިކުރަން ޖެހެނީ ވެސް އެކްސްކޯގެ ތާއީދާއެކުގައި ކަމަށެވެ. ނަމަވެސް އެކަން އެގޮތަކަށް ނުކުރުމަކީ ފަސް މެމްބަރުން އިސްތިއުފާދޭން ޖެހުނު އެއް ސަބަބެއް ކަމަށެވެ.
"އަޅުގަނޑަކަށް ވެސް އެފްއޭއެމުގެ ވާނުވާއެއްނޭނގޭ. އެެއްވެސް ކަމެއްގެ ވާނުވާ އަންގާނުލާ. ގައުމީ ޓީމަށް ކޯޗެއ ގެނައި އިރު ވެސް އެކަން ވެސް އެނގުނީ ނޫހުން،" ޝަކީބު ބުންޏެވެ.
އަލީ އުމަރު ބުނީ ހުރިހާ ކުލަބުތަކުން ބަލައިގަންނަ މީހަކަށް އެފްއޭއެމުގައި ހުރި ހަމައެކަނި މީހަކީ ބައްސާމް ކަމަށާއި އޭނާގެ ކުޅުނުއިރުގަ އާއި ހިންގުމުގެ ދާއިރާގައި އުޅޭން ފެށީއްސުރެ މިހާތަނަށް ބައްސާމް ވަރުގެ މީހަކު ނުދެކޭ ކަމަށެވެ.
"އޭނާގެ މަޑުމައިތިރިކަމާއި ހިކުމަތްތެރިކަން ބޭނުންކޮށްގެން އެފްއޭއެމް ސަސްޕެންޝަނަކުން ސަލާމަތްކޮށްދިނީ. ހުރިހާ ކުލަބަކުން ބަލައިގަންނަ މީހަކަށް އެފްއޭއެމުގައި ހުރި ހަމައެކަނި މީހަކީ ބައްސާމް. ޒިންމާ އަދާކުރަން ފުރުސަތުނުދީ އަދި ސަބަބެއް ވެސް ނެތި އޭނާ ވަކިކުރުމަކީ އަޅުގަނޑު އިސްތިއުފާދޭން ޖެހުނު ސަބަބު،" ވެލެންސިއާ އާއި ނިއު އަށް ކުޅުނު ފޯވަޑް ބުންޏެވެ.
މޯހަންކަން ދޭހަވާ ގޮތަށް އަލީއުމަރު ބުނީ ގައުމީ ޓީމު މެޗު ކުޅުނުއިރު އެފްއޭއެމުގެ އޮފިޝަލަކު ޗޭންޖިން ރޫމަށް ގޮސް ކޯޗަށް ވަކިކަހަލަ ކަންތައްތަކެއް ކުރަން ވެސް ބުނެފައިވާތީވެ ކުޅުންތެރިންނާއި ކޯޗުގެ ފަރާތުން ވެސް ޝަކުވާ ލިބުނު ކަމަށެވެ. އެކަން ޓޮމް އަށް ހުށަހެޅުމުން ވެސް ބަލައިގަނެފައިނުވާ ކަމަށެވެ.
މިކަމާ ގުޅޭގޮތުން އެފްއޭއެމުން ވެސް އަދި މޯހަން ވެސް ވާހަކަ ދައްކާކަށް ބޭނުމެއްނުވެ އެވެ. އޭނާ މިވަގުތު ހުރީ ނޭޕާލްގަ އެވެ.