ރާއްޖެ ކުޅިވަރު

ޝަވީދާ ގުޅުން ބާއްވަންޖެހޭ، ޓޮމް އެކަމާ ރުޅިއައުމަކީ ނާގާބިލްކަން: އަލީ އުމަރު

އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދާ ގުޅުން ބާއްވަންޖެހޭ ކަމަށާއި އެފްއޭއެމުގެ ރައީސް އަހުމަދު ތޯރިގް (ޓޮމް) އެކަމާ ރުޅި އައުމަކީ އޭނާގެ ނާގާބިލްކަން ކަމަށް އެފްއޭއެމުން އިސްތިއުފާދެއްވި ފަސް މެމްބަރުން ބުނެފި އެވެ.

ޓޮމްގެ ނާއިބް ރައީސަކަށް ހުންނެވި އަލީ އުމަރު މިހެން ބުނީ އެފްއޭއެމުގައި ކޯޅުން ބޮޑުވެ ފަސް މެމްބަރުން އިސްތިއުފާދިނުމާ ގުޅިގެން އާ އިންތިހާބެއް ބާއްވަން ޖެހުމުން އެކަމާ ސުވާލު ކުރުމުންނެވެ.

"(އަޅުގަނޑުމެން) ޝަވީދާ ގުޅުން ބާއްވަންޖެހޭ. ޝަވީދަކީ (އޭޝިޔާގެ ފުޓްބޯޅަ ޖަމިއްޔާގައި) ރާއްޖެ ތަމްސީލުކުރާ މެމްބަރު. އޭނާގެ ފަރާތުން ބޭރުގެ ފަންޑިންއާ އެއްޗެހި ހޯދަން ފަސޭހަވާނެ ގުޅުން ބޭއްވީމަ. އެކަންކަމާ މަޝްވަރާކުރަންޖެހޭ. ޝަވީދަކީ އަމިއްލަ އަށް ވެސް އެކަންކަން ކުރަން މަޝްވަރާކޮށް ވާހަކަ ދައްކާ މީހެއް. އަނެއްކާ ވަރަށް ކުރިން ފެށިގެން ގާތް ރައްޓެއްސެއް. އޭނާއާ ގުޅުން ބޭއްވީމަ އިތުބާރުނެތްކަމަށް ބުނުމަކީ ހިންގަން ނޭނގުން. ނާގާބިލްކަން އެއިން އެނގެނީ،" އަލީ އުމަރު ބުންޏެވެ.

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ކަމުން ބައްސާމް އަދީލް ޖަލީލް ވަކިކުރީ ޝަވީދާ ގާތްގުޅުމެއް އޮންނާތީވެ ޓޮމް އަށް އިތުބާރު ނުކުރެވިގެންނެވެ. އަލީ އުމަރާއި ބައްސާމް އަދި ޓޮމްގެ އިތުރުން ގައުމީ ޓީމުގެ ޑޮކްޓަރު އަހުމަދު ޝަކީބަކީ ޝަވީދާއެކު ނޯމަލައިޒޭޝަން ކޮމިޓީގައި ހަރަކާތްތެރިވި މެމްބަރުންނެވެ.

"ޝަވީދު ވަނީ ޓޮމް ހޮވުނީމަ އޭނާއާ ފޯނުން ގުޅައިގެން ވެސް ރާއްޖޭން ބޭރުން ފަންޑް ހޯދަން މަސައްކަތް ކުރަން ބުނެފަ. އެކަމަކު ޓޮމް ނައި އެވާހަކަ ދައްކާކަށް. ޝަވީދު ބުނަމުންދިޔައީ ރާއްޖެއިން އެތިއެތިކޮޅު (ފައިސާ) ހޯދުމުގެ ބަދަލުގައި ބޭރުން ރަނގަޅު އެއްޗެއް ހޯދަން މަސައްކަތްކުރަން. އެއިރުން މާފަސޭހަވާނެ އެފްއޭއެމް ހިންގަން. އެކަމަކު އެކަމެއްނުކުރި. އޭގެއިން އެނގެނީ އެހެން ވިސްނުންތަކެއް އޮތްކަން،" އަލީ އުމަރު ބުންޏެވެ.

އިސްތިއުފާ ދެއްވި ފަސް މެމްބަރުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ގައުމީ ޓީމުގެ ކުރީގެ ފޯވަޑް ބުނީ ރާއްޖޭގެ ބޭރުގެ ފަރާތްތަކަށް ޓޮމް ނޭނގޭ ކަމަށާއި ޝަވީދަކީ އެންމެން ދަންނަ ފަރިތަމީހެއް ކަމަށެވެ. މިއީ ވެސް އޭނާއާ ގުޅުން ބާއްވަންޖެހޭ ސަބަބެއް ކަމަށެވެ.

ޝަވީދާ ގުޅުން ބާއްވަންޖެހޭ އެހެން ސަބަބެއް ފާހަގަކުރީ ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބެވެ.

"އަނެއްކާ ޝަވީދަކީ މިހާރުގެ ރައީސުލްޖުމުހޫރިއްޔާ (އަބުދުﷲ ޔާމީން އަބުދުލް ގައްޔޫމް)ގެ ސްޕޯޓްސް އެޑްވައިޒަރު. އެހެންވީމާ ގުޅުން ބާއްވަންޖެހޭނެ. އެއީ މައްސަލައެއްވެސްނޫން. މައްސަލައެއް އޮތިއްޔާ ވާހަކަ ދައްކައިގެން ހައްލުކުރަންވީ. ވާހަކަ ދައްކަންބުނީމަ އެކްސްކޯއަށް ނުކިޔާ ކަންކަން ކުރުމަކީ އެހެން ނިޔަތެއް އޮތްކަން ދޭހަކޮށްދޭ ކަމެއް،" ޝަކީބު ބުންޏެވެ.

އަލީ އުމަރު ބުނީ ޝަވީދު ކުރިން އެފްއޭއެމަށް އަންނަން ޝަައުގުވެރިވި ނަމަވެސް މިހާރު އެވިސްނުން ނުގެންގުޅޭ ކަމަށެވެ.

"ބޭނުންވި ވަގުތު ފުރުސަތުނުދިނީމަ ދެން ކީއްކުރަން އަންނަންވީ. އަޅުގަނޑަކަށް ހިޔެއްނުވޭ ފުޓްބޯޅަ ތެރެއަށް އައުމުގެ ޝައުގުވެރިކަން އޮތްހެން ޝަވީދުގެ. އެކަމަކު ކުލަބުތަކުން ފުރުސަތު ދީފިއްޔާ އަޅުގަނޑު މަސައްކަތްކޮށްދޭނަން،" ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކުރި ޓީމާއި ކުލަބުތަކުގައި ވެސް ޓޮމްއާ އެކު ގިނަ ދުވަސްތަކެއްގައި ކުޅުނު ފޯވަޑް ބުންޏެވެ.

ފަސްމެމްބަރުންގެ ޕްރެސް ކޮންފަރެންސާ ބެހޭ ގޮތުން އެފްއޭއެމުން ވެސް އަދި ޓޮމް ވެސް އަދި ވަކިއެއްޗެއް ނުބުނެ އެވެ. އޭނާގެ ފޯނަށް މިވަގުތު ނުގުޅެ އެވެ.