ބޭރު ކުޅިވަރު

ކާންޓޭ އަށް ހޫނު މަރުހަބާއެއް ކިޔަން ލެސްޓާ ތައްޔާރު

Sep 20, 2016

ލެސްޓާސިޓީ ދޫކޮށް، ޗެލްސީ އަށް ބަދަލުވި އެންގޯލޯ ކާންޓޭ ކުރީގެ ޓީމާ ދެކޮޅަށް މިރޭ ކުޅޭ މެޗުގައި އޭނާ އަށް ހޫނު މަރުހަބާއެއް ކިޔަން ލެސްޓާސިޓީގެ ސަޕޯޓަރުންނަށް ކޯޗު ކްލައުޑިއޯ ރަނިއޭރީ ގޮވާލައިފި އެވެ.

ހުސްވި ސީޒަނަށް ފަހު 30 މިލިއަން ޕައުންޑަށް ޗެލްސީއާ ގުޅުނު ފްރާންސްގެ މިޑްފީލްޑަރު ކާންޓޭ އަކީ ޕްރެމިއާ ލީގު ލެސްޓާ އަށް ކާމިޔާބުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

އިނގިރޭސި ލީގު ކަޕުގައި ލެސްޓާ ސިޓީގެ ދަނޑުގައި ޗެލްސީ ކުޅޭ މެޗަކީ ކުލަބުދޫކޮށްދިޔަ ފަހުން ކާންޓޭ ލެސްޓާއާ ދެކޮޅަށް އަދި އެ ޓީމުގެ ދަނޑުގައި ވެސް ކުޅޭ ފުރަތަމަ މެޗެވެ.
ކާންޓޭ އަކީ މިހާރު ޗެލްސީގައި ވެސް މުހިންމު ކުޅުންތެރިއެކެވެ.

"އަހަރެން އެދެނީ ސަޕޯޓަރުން މެޗުގެ ކުރިން އޭނާ އަށް ވަރަށް ހާއްސަ ހޫނު މަރުހަބާއެއްކިޔަން. އަދި މެޗު ނިންމާފައިވެސް އޭނާ އަށް ތައުރީފްކުރަން. އޭނާއަކީ އަހަރުމެން ތަށި ހޯދިއިރު ވަރަށް މުހިންމު ކުޅުންތެރިއެއް،" ރަނިއޭރީ ބުންޏެވެ.

އޭނާ ބުނީ ޗެލްސީއަށްވުރެ ލެސްޓާ އަށް މުހިންމުވާނީ ކާންޓޭ ކަމަށާއި ޗެލްސީއަކީ މޮޅު ކުޅުންތެރިން ގިނަ ޓީމެއް ކަމަށެވެ.