ދިވެހި ސިނަމާ

އެންމެ މަގްބޫލީ އަދި އެންމެ ޑިމާންޑްބޮޑީ ވެސް މިހާރު އައްޒަ!

ބަތަލާ މަރިޔަމް އައްޒަ އަކީ ފިލްމީ ދާއިރާގައި ހުރި އެންމެ މޮޅު ބަތަލާ ކަމަށް އަދި ކަށަވަރުނުވިޔަސް، ކަށަވަރުވާ އެއް ކަމެއް އެބައޮތެވެ. އޭނާ އަކީ ޔަގީނަށް ވެސް މި ވަގުތު ފިލްމީ ދާއިރާގައި ހުރި އެންމެ ބިޒީ އަދި އެންމެ ޑިމާންޑްބޮޑު ބަތަލާ އެވެ.

ނަމަވެސް މީގެ ދެ ތިން އަހަރު ކުރިއަށް ބަލައިލާއިރު އައްޒައަކީ ފިލްމީ ދާއިރާގައި މިހާ މުހިންމު ނަމެއް ނޫނެވެ. މަޝްހޫރު ފިލްމީ އާއިލާއަކަށް ނިސްބަތްވިޔަސް، ބެލުންތެރިންގެ މެދުގައި "ޔާރާ" އަކަށް ބަދަލުނުވެ ހުރި ހުނަރުވެރިއެކެވެ. އެއް ބަޔަކު ބުނާ ގޮތުން ނަމަ، ޔާރާ އާއިލާގެ ހިޔަނީގައި ގެއްލިފައިހުރި ހުނަރުވެރިއެކެވެ.

އެހެން ނަމަވެސް މިއަދު އެ ފިލްމު އެއްކޮށް ބަދަލުވެއްޖެ އެވެ. އައްޒަގެ ހިޔާލު ވެސް ބަދަލުވެއްޖެ އެވެ.

"ކުރިން ވެސް ފިލްމުތަކުން ފުރުސަތު ލިބޭ. އެކަމަކު އޭރަކު މިކަންކުރީ އެހާ ސީރިއަސްކަމެއްގެ ގޮތުގައެއް ނޫން. އެކަމަކު މިހާރު ބޭނުންވަނީ ވަރަށް ސީރިއަސްކޮށް މިކަންކުރަން،" އައްޒަ ބުންޏެވެ.

ވަކިން ހާއްސަކޮށް އައްޒަގެ މަގްބޫލުކަން ބޮޑުވެގެން ގޮސްފައި ވަނީ ފާތިމަތު ނަހުލާގެ "4426"ގައި އޭނާ ކުޅެފައިވާ ރޯލެއްގެ އަޑުގަދަވެގެންނެވެ. އެ ފިލްމުގައި އައްޒަ ވަރަށް ތަފާތު ދެ ރޯލަކުން ފެނިގެންދާނެ ކަމަށް ނަހުލާ ބުނެފައިވެ އެވެ.

ފިލްމީ ދާއިރާ އިން މަސައްކަތާއި ތައުރީފު އައްޒަ އަށް އޮހެމުންދާއިރު އާ ތިން ފިލްމަކަށް އޭނާ މިހާރު ސޮއިކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. އެއީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ރޮމޭންޓިކް ކޮމެޑީ، "މިއީ ލޯތްބަކީ" އާއި ޑައިރެކްޓަރު އަބްދުލް ފައްތާހުގެ ފިލްމަކާއި ޔޫސުފް ޝަފީއު ޑައިރެކްޓްކުރާ ފިލްމެކެވެ.

ފިލްމީ ދާއިރާގައި އައްޒަ އަށް އާ ދިރުމެއް ލިބިގެން ގޮސްފައިވާއިރު، އޭނާގެ މަޝްހޫރުކަމާއި މަގްބޫލުކަމުގެ ފައިދާ ވިޔަފާރިތަކަށް ވެސް ދަނީ ކުރަމުންނެވެ. އެގޮތުން ޕިރަމިޑްގެ ބްރޭންޑް އެމްބެސެޑަރަކަށް އައްޒަ ހަމަޖައްސާފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ.

އައްޒަ ބުނީ ގިނަ ފިލްމުތަކެއް ކުޅެން ބޭނުންވި ނަމަވެސް ބިޒީކަމުން ބޭނުންވާހާ ފިލްމުތަކަކަށް ވަގުތެއް ވެސް ނުދެވޭ ކަމަށެވެ. އެގޮތުން މިފަހުން ނެރުނު "ވަފާތެރިކެހިވެރިޔާ" އިން ލިބުނު ރޯލު ގެއްލުނުކަން އައްޒަ ފާހަގަކުރި އެވެ. ޕްރޮޑިއުސަރު އަލީ ޝަފީގުގެ ކޮމެޑީ ފިލްމު "ބައިވެރިޔާ" އިން ލިބުނު ފުރުސަތު ވެސް އައްޒަ ދޫކޮށްލީ އެހެން މަސައްކަތްތަކާ ހެދި ވަގުތު ނުދެވިގެންނެވެ.

"ވަރަށް މޮޅުވާނެއެކޭ، ތަފާތުވާނެއެކޭ ނުބުނާނަން"

"ވަރަށް މޮޅުވާނެއެކޭ، ތަފާތުވާނެއެކޭ ނުބުނާނަން"

މިއީ "4426" ގައި ކުޅެފައިވާ ރޯލާ މެދު އައްޒަ ބުނެލަން ބޭނުންވާ ވާހަކަ އެކެވެ. އޭނާ ބުނަނީ މީގެ ކުރިން ކުޅެފައިނުވާ ފަދަ ރޯލަކުން އޭނާ އަލަށް ފެނުނު ކަމުގައިވިޔަސް މި ފިލްމުގައި އޭނާ ކުޅެފައިވާ ރޯލާމެދު ބެލުންތެރިން މާ ގިނަ އުއްމީދުތަކެއް ކުރަން ހަގީގަތުގައި ބޭނުން ނުވާ ކަމަށެވެ.

އެކަމަކު ވެސް އައްޒަގެ އެންމެ ބެސްޓް ނެރެ ދިނުމަށް ވަރަށް ބުރަކޮށް މަސައްކަތްކޮށްފައިވާނެ ކަމަށާއި ފިލްމުގައި ކުޅެފައިވާ ރޯލަށް އަމާޒުވާ ހުރިހާ ފާޑުކިޔުމެއް ވެސް އޭނާ އަށް ހަޖަމުވާނެ ކަމަށެވެ.

"ފާޑުކިޔުންތައް އަޅުގަނޑު އުފަލާއެކު ބަލައިގަންނާނަން،" އައްޒަ ބުންޏެވެ.

ނަހުލާގެ ތައުރީފު އައްޒަ އަށް!

އައްޒަގެ މި އާދަޔާހިލާފު "ކަމްބެކް" ގައި ފިލްމުގެ އެއް ޑައިރެކްޓަރު ނަހުލާ އަށް ޝުކުރުއަދާނުކޮށް ނިންމާލެވޭކަށް ނެތެވެ. ހަގީގަތުގައި ގެއްލެމުން ދިޔަ އައްޒަ ސަލާމަތްކޮށް އަލުން ބޮޑު ސްކްރީނަށް ގެނެސްދިން މީހަކީ ނަހުލާ އެވެ.

ނަހުލާ ބުނީ އައްޒަ އަކީ ކޮމިޓްމަންޓް ވަރަށް ރަނގަޅު އެކްޓްރެސްއެއް ކަމަށާއި އޭނާގެ ބޮޑު ފިލްމުގެ ލީޑް ރޯލު އައްޒަ އަށް ދިނީ އޭނާގެ ކެރެކްޓާ ދަސްކުރުމަށް ފަހު ނިކަން އިތުބާރާ އެކުގައި ކަމަށެވެ. ނަހުލާ ބުނީ އައްޒަ އަކީ ގެއްލިފައިވީ ހުނަރުވެރިއެއް ކަމަށެވެ.

"މި ދާއިރާއިން އޭނާ ފެންނަތާ ވަރަށް ދުވަސްވެއްޖެ. އެކަމަކު ހަގީގީ ފުރުސަތުތަކެއް ނުލިބި، ގެއްލިފައި ހުރި ބަތަލާއެއް އައްޒައަކީ. މަސައްކަތެއް ކުރާ ނަމަ ވަރަށް ކަމާކަންވެގެން މަސައްކަތްކުރާ މީހެއް އޭނާ އަކީ. އެގޮތަށް ބަލާފައި އަދި ގެއްލިފަ ހުރި ޓެލެންޓަކަށް ވެސް ފުރުސަތު ދިނުމުގެ ބޭނުމުގައި ފިލްމަށް އައްޒަ ނެގީ،" ނަހުލާ ބުންޏެވެ.

"އައްޒަ އަކީ ރިސްކު ނަގަން ކެރޭ ބަތަލާއެއް. މިގޮތުގައި މި ޑިސިޕްލިންގައި ހިފަހައްޓާލައިފި ނަމަ ރާއްޖޭގެ އެންމެ މޮޅު ބަތަލާއަށް ވުމުގެ ފުރުސަތު އެބައޮތް އޭނާ އަށް. ވަރަށް ފަސޭހައިން ދަސްކުރާ ކުއްޖެއް އޭނާ އަކީ."