ރެފްރީންނަށް ފާޑުކިޔައިގެން އެއް އަހަރަށް ސަސްޕެންޑްކޮށްފައި ހުރި ސާބިއާގެ ކޯޗު ނިކޮލާ ކަވަޒޮވިޗް ގޮނޑިބަރީގައި އިނދެ މިއަދު ވެލެންސިއާ އަތުން 1-0އިން ނިއު މޮޅުކޮށްދީފި އެވެ.
ވަރަށް އާދައިގެ ކުޅުމެއް ފެނުނު މެޗުގައި ނިއުގެ ހަމައެކަނި ލަނޑު ޖެހީ ކެޕްޓަން އަހުމަދު ނިޔާޒެވެ. އޭނަ މި ލަނޑު ޖެހީ ލިބުނު ޕެނަލްޓީ އޭނާ ޖެހުމުން ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ދިފާއު ކުރި ނަމަވެސް ދެ ވަނަ ފަހަރަށް ބޯޅަލިބުމުންނެވެ.
މުޅި މެޗުގައި ވެލެންސިއާއިން ގޯލަށް ނުރައްކާވާގޮތަށް ފޮނުވާލީ އެންމެ ހަމަލާއެކެވެ. އެއީ މެޗު ނިމިނިމި އޮއްވައި ނައިޖީރިއާގެ ފޯވަޑް ހަންސްލޭ އަވީލޭ ޖެހި ބޯޅަ އެވެ. މި ބޯޅަ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު ނިއުގެ ޖަޕާން ކީޕަރު ދިފާއުކުރީ އެވެ. ވަރަށް ފަރުވާކުޑަ ކުޅުމެއް ފެނުނު ވެލެންސިއާގެ ކުޅުންތެރިންގެ ތެރެއިން މެޗުގައި ގޯލަށް ނުރައްކާކުރެވޭތޯ އެންމެ ބޮޑަށް ބެލީ ފަހުހާފުގައި ކުޅެން ނުކުތް އަބުދުއްރަޝީދު މާހިރު (އަބޫ) އެވެ. އޭނާ ދުރުން ޖަހި ދެ ބޯޅަ ވެސް ނިއުގެ ކުޅުންތެރިން ބްލޮކް ކުރީ އެވެ.
މި މެޗުން މޮޅުވުމުން ނިއު އާއި ވެލެންސިއާއާ ދެމެދު އޮތް ފަރަގު ވަނީ ޕޮއިންޓަކަށް ގާތްވެފަ އެވެ. ނިއު އަށް 19 ޕޮއިންޓް ލިބިފައިވާއިރު ވެލެންސިއާ އަށް ލިބިފައިވަނީ 20 ޕޮއިންޓެވެ.
ލީގުގެ އެއްވަނާގައިވަނީ މިރޭ ވިކްޓަރީއާ ދެކޮޅަށް ނުކުންނަ މާޒިޔާ އެވެ. ޖުމުލަ 37 ޕޮއިންޓް ލިބިފައިވާ މާޒިޔާއާ ފަރަގު ކުޑަކުރަން ލިބުނު ފުރުސަތު ދެ ވަނާގައިވާ އީގަލްސް ނަގާލީ އިއްޔެ ހަވީރު އެވެ. އެއީ ޔުނައިޓެޑް ވިކްޓަރީއާ ވާދަކޮށް 0-0އިން އެއްވަރުވުމުންނެވެ. ދެ ވަނަ ބުރާ ހިލާފަށް ތިން ވަނަ ބުރުގައި ނަތީޖާ ރަނގަޅު ކުރަމުން އަންނަ ޔުނައިޓެޑް ވިކްޓަރީ މިހާރު ވަނީ 20 ޕޮއިންޓް ހަމަކޮށްފަ އެވެ. އީގަލްސް އަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. ތިން ވަނާގައިވަނި ރޭ 4-1އިން ބީޖ ބަލިކުރި ޓީސީ އެވެ. އެ ޓީމަށް 30 ޕޮއިންޓް ލިބިފައިވާއިރު ބީޖީ އޮތީ ޓޭބަލުގެ ފުލުގަ އެވެ.