ދުނިޔޭގެ، ދެ ވަނަ އަށް އާބާދީ އެންމެ ބޮޑު ގައުމަކީ އިންޑިއާގެއެވެ. އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ މަގުތަކަކީވެސް ދުނިޔޭގެ އެންމެ ކާރުބާރު ބޮޑު މަގުތައް ހިމެނޭ އެއް ސިޓީއެވެ. އެކަމަކު އިއްޔަ ހެދުނު ނިއުދިއްލިގެ މަގެއްގައި އަންހެނަކަށް ވަރަށް ބޮޑަށް އަނިޔާ ކުރުމަށްފަހު، މީހަކު އޭނާގެ ފުރާނަ ޖަހައިގެން ދިޔައިރު ވެސް އެކަން ބޮޑު މައްސަލައަކަށް ހަދައި، އެކަމަށް ހުރަސް އެޅި މީހަކު ވެސް ނެތެވެ.
މަރުވި އެ އަންހެން މީހާއަކީ ސުކޫލް ޓީޗަރެއް ކަމަށްވާ ކަރުނާ، 22 އެވެ. ކަރުނާ މަރާލި މީހާ ވަނީ އޭނާގެ ބޮލުގައި ގާބުރިއަކުން އެތިފަހަރެއް އަޅުވައިލުމަށް ފަހު ތަކުރާރުކޮށް ވަޅިން ހަމަލާ ދީގެންނެވެ. މަންޒަރު ދުށް ފަރާތްތަކުން ބުނެފައި ވަނީ މަދުވެގެން 30 ފަހަރެއްގެ މަތިން އެ މީހާ އަންހެން މީހާގެ ގަޔަށް "ވަޅި ޖެހި" ކަމަށެވެ.
ސީސީޓީވީ ކެމެރާއަކުން ރެކޮޑްކޮށްފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި އެއަންހެން މީހާއަށް ހަމަލާ ދެމުންދިޔައިރު އެ ސަރހައްދުން އެތައް ބަޔަކު ހުރަސްކުރަމުން ދެއެވެ. އެކަކު އެހީވުމަށް މަސައްކަތް ކުރި ނަމަވެސް ފަހުން އޭނާ ދުރައް ޖެހޭތަން ފެނެއެވެ. ބައެއް މީހުން ދުރުގައި ބަލަން ތިބޭއިރު އެހީވުމަށް ވަނީ "ނުކުޅެދި" ފައެވެ.
ކަރުނާގެ އާއިލާގެ މެންބަރަކު ބުނީ ކަރުނާއަށް އޭނާގެ ގޭތެރެއިން ގެވެށި އަނިޔާ ލިބެމުންދާކަން ފުލުހުންނަށް މީގެ ހަތަރު މަސް ކުރިން ހުށަހަޅާފައިވާނެ ކަމަށެވެ.
އެކަމާ ބެހޭގޮތުން ދިއްލީގެ ފުލހުންގެ ޑެޕިއޔުޓީ ކޮމިޝަނާ މަދޫރު ވެރުމާ ވިދާޅުވީ ކަރުނާގެ އާއިލާއިން މީގެ ފަސް ވަރަކަށް މަސް ކުރިން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް ދެ އާއިލާއިން ވާހަކަ ދައްކައިގެން ކަރުނާއަށް އަނިޔާ ނުކުރުމަށް އޭނާގެ ފިރިމީހާ އެއްބަސްވި ކަމަށެވެ.
ދިއްލީގެ އިންދަޕޫރީ އަވަށުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ 28 އަހަރުގެ އެންހެނަކަށް ބޮޑެތި އަނިޔާ ދިނުމަށްފަހު ވަނީ މަރާލާފައެވެ. އޭނާގެ ގައިގައި 10 ފަހަރަށް ވުރެ ގިނައިން ވަނީ ޖަހާފައެވެ. ހޯމަ ދުވަހުގެ ރޭ މޮންގަލަޕޫރީ އަވަށުގައި 25 އަހަރުގެ އަންހެނަކު އިމާރާތެއްގެ މަތިން ވައްޓާލުމުން ލިބުނު އަނިޔާތަކުގައި ނުރައްކާ ދަރަޖައަށް ގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ލޭބަލްކޮށްފައިވާ އިންޑިއާގައި އަންހެނުންނަށް ނުހައްގުން އަނިޔާ ދިނުމަކީ އާންމުކަމަކަށް ވަނީ ވެފައެވެ. އަންހެނުން ރޭޕް ކުރުމާ ބޮޑެތި އަނިޔާތަކުގެ ޝިކާރައަކަށް އިންޑިއާގެ އަންހެނުން ވަމުން ދިއުމުން ބައިނަލްއަގްވާމީ ދުނިޔޭގައި އެންމެ މުހިންމު މައްސަލައިގެ ގޮތުގައި އެކަން ވަނީ ފާހަގަކޮށްފައެވެ.