ހަބަރު

ހަވީރުގެ އެޑިޓަރު މޫސާ ލަތީފްގެ ވަޒީފާގެ އެއްބަސްވުމެއް ނެތް

މިހާރު ހިންގުން ހުއްޓާލާފައިވާ "ހަވީރު" ނޫހުގެ އެޑިޓަރުކަން ކުރެއްވި މޫސާ ލަތީފްގެ ވަޒީފާގެ އެއްބަސްވުމެއް ލިޔުމުން ހަދާފައިވާނުވާ ކަމަށް އޭނާގެ ވަކީލް ހުސްނުއް ސުއޫދު މިއަދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވެއްޖެ އެވެ. މޫސާ ލަތީފް ވަނީ "ހަވީރު" ނޫޙުގެ އެޑިޓަރުކަން ވަރަށް ގިނަ އަހަރުތަކެއްވަންދެން ކުރައްވާފަ އެވެ.

ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުންކުރި އަމުރާ ހިންހަމަނުޖެހި ހަވީރުގައި މަސައްކަތްކުރި ބައެއް މުވައްޒަފުން ހައިކޯޓަށް ވެއްދި މައްސަލާގައި މިއަދު އޮތް އަޑުއެހުމުގައި މައްސަލަ ހުށަހެޅި ހަތް މުވައްޒަފުންގެ ތެރެއިން ތިން މުވައްޒަފެއްގެ ވަޒީފާގެ އެއްބަސްވުން ވަނީ ހުށަހަޅާފަ އެވެ.

މި މައްސަލަ އެންމެ ފުރަތަމަ އިސްތިއުނާފުކުރީ ހަވީރުގައި މަސައްކަތްކުރި 33 މުވައްޒަފެއްގެ ފަރާތުންނެވެ. ނަމަވެސް ބައެއް މުވައްޒަފުން ވަނީ މައްސަލަ އަނބުރާ ގެންގޮސްފަ އެވެ. މައްސަލަ އަނބުރާ ނުގެންގޮސްވަނީ، ހަވީރު ހުއްޓާލުމާ ގުޅިގެން އުފެއްދި މިހާރު ނޫހުގެ އެޑިޓާ އިސްމާއިލް ނަސީރާއި ހަވީރު ނޫހުގެ އެޑިޓާ މޫސާ ލަތީފާއި ހަވީރު ނޫހުގައި ކުރިން މަސައްކަތްކުރި ރިފްއަތު މުހައްމަދާއި އަހުމަދު އަބްދުﷲ ސައީދާއި އަހުމަދު ހަމްދޫނާއި އަބްދުލް ރަޝީދު ހުސައިނާއި ނިއުމަތުﷲ އިދުރީސް އެވެ. މީގެތެރެއިން އެއްބަސްވުން ހުށަހަޅާފައިވަނީ އިސްމާއިލް ނަސީރާއި ނިއުމަތުﷲ އިދުރީސް އަދި އަހުމަދު ހަމްދޫނެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގެ އިސް ފަނޑިޔާރު އަބްދުﷲ ދީދީ އެހެން މުވައްޒަފުންގެ އެއްބަސްވުން ކޮބައިތޯ ސުވާލުކުރެއްވުމުން ސުއޫދު ވިދާޅުވީ، ލިޔެފައިވާ އެއްބަސްވުމެއް އޮތީ ހަމައެކަނި އެ ތިން ފަރާތުގެ ކަމަށެވެ. އެހެން ފަރާތްތަކަކީ އަނގަ ބަހުން އެއްބަސްވެ ވަޒީފާ އަދާކުރަމުން ދިޔަ ފަރާތްތަކެއް ކަމަށެވެ. އެއްބަސްވުން ނުހެދި ސަބަބު ނޭނގޭ ކަމަށް ސުއޫދު ވިދާޅުވި އެވެ.

ސުއޫދު ވިދާޅުވީ، "ހަވީރު" ނޫސް ރަޖިސްޓާކޮށްފައިވާއިރު އެޑިޓަރެއްގެ ގޮތުގައި ބަޔާންކޮށްފައިވަނީ މޫސާ ލަތީފްގެ ނަން ކަމަށެވެ. އަދި އޭނާ އެ މަގާމުގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކުރެއްވި ކަމަށެވެ.

މިކަމާ ގުޅިގެން މައްސަލަ ރައްދުވާ، ހަވީރުގެ ތިން ހިއްސާދާރުން ކަމަށްވާ، އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު އަދި މުހައްމަދު ނައީމްގެ ވަކީލް އަބްދުލް ނަސީރު މުހައްމަދު ވިދާޅުވީ، ވަޒީފާގެ ގާނޫނު ބުނާ ގޮތުންނަމަ ވަޒީފާ ދިން ކަމުގެ އެއްބަސްވުން އޮންނަން ޖެހޭނެ ކަމަށެވެ. މީގެކުރިން ވަކީލް ވަނީ އެއްބަސްވުމެއް ނެތި، އެއީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފުންތަކެއް ނޭނގޭ ކަމަށާއި އިސްތިއުނާފުކުރި ހައިސިއްޔަތެއް ވެސް ނޭނގޭ ކަމަށް ވިދާޅުވެފަ އެވެ. އެއްބަސްވުންތައް ހުށަހަޅަން އެންގީ މި ސަބަބާ ގުޅިގެންނެވެ.

މިއަދުގެ މަޖިލީހުގައި ފަނޑިޔާރު ވަނީ "ހަވީރު"ގެ މުވައްޒަފުންގެ މައްޗަށް ސިވިލް ކޯޓުން ކުރި އަމުރު، އެއްބަސްވުން ނެތް މުވައްޒަފުންގެ މައްޗަށް ހިނގާނެތޯ ވަކީލާ ސުވާލުކުރައްވާފަ އެވެ. ވަކީލް ނަސީރު ވިދާޅުވީ، އެއްބަސްވުން ނެތް ކަމަށްވާނަމަ ނުހިނގާނެ ކަމަށެވެ.

ސުއޫދު ވިދާޅުވީ، އިސްތިއުނާފުކުރި ފަރާތްތަކުން މިހާރު ވަނީ ހަވީރު މީޑިއާ ގުރޫޕުން ކެނޑިފައި ކަމަށާއި އެ "ހަވީރު" ނޫސް ހިންގަމުން ދިޔައީ އެ ކުންފުނިން ކަމަށެވެ.

މިކަމާ ގުޅިގެން ނަސީރު ވިދާޅުވީ، ސިވިލް ކޯޓުގެ އަމުރުގައި "ހަވީރު" ހުއްޓާލުމަށް ނާންގާ ކަމަށާއި "ހަވީރު" ހުއްޓާލީ، އެތަނުގައި އުޅުނު މުވައްޒަފުންނާއި "ހަވީރު"ގެ މަސްއޫލުވެރިޔާ މުހައްމަދު ޒާހިރު ހުސެއިން ގުޅިގެން 75 ޕަސެންޓް ހިއްސާދާރުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމަށެވެ.

މި މައްސަލާގެ ތެރެއަށް ޒާހިރު ވެސް ވައްދާފައިވާއިރު ޒާހިރުގެ ވަކީލަކީ ވެސް މުވައްޒަފުންގެ ވަކީލް ކަމަށްވާ ސުއޫދެވެ. ޒާހިރުގެ ފަރާތުން ސުއޫދު ވިދާޅުވީ، މި އަހަރު ސިވިލް ކޯޓުގައި މައްސަލަ ކުރިއަށްދިޔައިރު، އޮޑިޓަރެއް ކަނޑައަޅައި، ހިއްސާދާރުންނަށް ލިބެންޖެހޭ އެއްޗެއް ބެލުމަށް އޮޑިޓެއް ހެދުމަށް ޝަރީއަތުން މަސައްކަތްކުރި ކަމަށެވެ. އެކަން މިހާރު ހުއްޓިފައިވާއިރު، ސިވިލް ކޯޓުން ނެރުނު އަމުރު ނިސްބަތްވެފައިވަނީ ޒާހިރުގެ މައްޗަށް ނޫން ކަމަށެވެ. ނަމަވެސް މުވައްޒަފުންގެ މައްޗަށް ކަމަށެވެ. ސިވިލް ކޯޓަށް މައްސަލަ ވެއްދީ ޒާހިރާ ދެކޮޅަށެވެ.

ސުއޫދު ވިދާޅުވީ، ސިވިލް ކޯޓުން އެދިގެން އޮޑިޓްތައް ކޮށް، އެކަން ކުރިއަށް ގެންދިޔަނަމަ ހިއްސާދާރުންނަށް ލިބެންޖެހޭ އަދަދު ސާފުވެގެން ދިޔައީސް ކަމަށެވެ.

ތިން ހިއްސާދާރުންގެ ވަކީލް ވިދާޅުވީ، ހަވީރުގެ ވިޔަފާރީތަކުގެ 75 ޕަސެންޓަކީ އެއްވެސް ޝައްކެއް ނެތް ގޮތުގައި އެ ތިން ބޭފުޅުންގެ ހައްގެއް ކަމަށެވެ. އިސްތިއުނާފު ކުރި މުވައްޒަފުންނަށް ވަޒީފާ އަދާކުރުމުގެ ހައްގު ގާނޫނު އަސާސީން ލިބިދީފައިވާ ފަދައިން މަސައްކަތް ކުރުމުގެ ހައްގު ވެސް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މުދާ ހޯދުމާއި މުދަލުން މުއާމަލާތް ކުރުމާއި މުދާ ނިގުޅައިގަނެވިގެން ނުވުމުގެ ހައްގު ވެސް ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އެހެންކަމުން ހިއްސާދާރުންނަށް ލިބިދީފައިވާ މި ހައްގުތައް ވެސް ނިގުޅައިގަނެވިގެން ނުވާނެ ކަމަށް ވަކީލް ވިދާޅުވި އެވެ.

ހަވީރުގެ މިލްކިއްޔާތާ ގުޅޭ ގޮތުން ހަވީރު ނިއުސް އެޖެންސީގެ ތިން ހިއްސާދާރުން އެ ކޯޓަށް ހުށަހެޅި މައްސަލާގައި ހުކުމްގައި ވަނީ ހަވީރުގައި މަސައްކަތްކުރި މުވައްޒަފަކު އެހެން ނޫހެއްގައި ނުވަތަ މީޑިއާއެއްގައި މަސައްކަތްކުރާކަން ފާހަގަވެގެން ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުން ހޯމް މިނިސްޓްރީ ނުވަތަ މޯލްޑިވްސް މީޑިއާ ކައުންސިލަށް ނުވަތަ އެހެން ވެސް ދައުލަތުގެ މުވައްސަސާއަކަށް ހުށަހަޅައިފިނަމަ އެ ހުށަހެޅުމަށް ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަންޖެހޭނެ ކަމަށެވެ.

މުވައްޒަފުންގެ ވަކީލް ސުއޫދު މިއަދު ވަނީ މި މައްސަލަ އަވަހަށް ބަލައި ގޮތެއް ނިންމައިދިނުމަށް އެދިފަ އެވެ. މި މައްސަލާގައި ދެން އަޑުއެހުމެއް ބާއްވާނީ ތިން މުވައްޒަފުންގެ އެއްބަސްވުން ދައުވާލިބޭ ފަރާތުން ދިރާސާކުރުމަށްފަހު އެއާ ގުޅޭ ގޮތުން ވާހަކަ ދެއްކުމަށެވެ. މިއަދު ވަކީލް ނަސީރަށް ތިން އެއްބަސްވުމުގެ ވެސް ކޮޕީއެއް ވަނީ ދީފަ އެވެ.