ހަބަރު

އައިހެވަން މަޝްރޫއު ކުރިއަށް ގެންދެވޭނެކަން މިހާރު ވެސް ޔަގީން: ސައީދު

Feb 26, 2015
4

އިގްތިސާދީ ހާއްސަ ސަރަހައްދެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ނިންމާފައިވާ، އިހަވަންދިއްޕޮޅު އައިހެވަން މަޝްރޫއު ކުރިއަށް ގެންދެވޭނެ ކަން މިހާރު ވެސް ޔަގީންވެފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއާ ގުޅޭ މައުލޫމާތު ދެއްވުމަށް އިއްޔެ ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ އައިހެވަންގެ މަޝްރޫއު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުނިތަކުން ޝައުގުވެރިކަން ފާޅުކޮށްފައި ހުރި ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ބަޔަކާ ހަވާލުކޮށްގެން ފެށުމުގެ ކުރިން، އެ މަޝްރޫއުގެ ޓެކްނިކަލް އަދި ފައިނޭންޝަލް ފީސިބިލިޓީ ރިޕޯޓެއް ތައްޔާރު ކުރުމަށް ރައީސް ލަފާދެއްވާފައިވާ ކަމަށެވެ.

ސައީދު ވިދާޅުވީ ފީސިބިލިޓީ ރިޕޯޓް ހެދުމަށް ހަވާލު ކުރި އެމެރިކާގެ ބޮސްޓަން ކޮންސަލްޓިން ގްރޫޕުން އަންނަ މަހު ރާއްޖެ އަންނާނެ ކަމަށެވެ. އެ ގްރޫޕުން ހަދާ ސްޓަޑީޒްގައި ހިމެނޭނެ މައިގަނޑު ބައިތަކަކީ، ސައީދު ވިދާޅުވި ގޮތުގައި ސަރަހައްދުގެ ފުންމިނާއި އެ ތަން އުފެދިފައިވާ ސްޓްރެޓެޖިކަލް ލޮކޭޝަންގެ ފައިދާތަކާއި ގުދުރަތީ ގޮތުން ސަރަހައްދު އުފެދިފައިވާ ގޮތް އަދި އެ މަޝްރޫއުގެ ދަށުން ހިންގަން ނިންމާފައިވާ އިގްތިސާދީ މަސައްކަތްތަކުން ލިބޭނެ ގެއްލުމާއި ފައިދާ ދެނެގަތުމެވެ.

"މިހާރު ވެސް އަޅުގަނޑުމެންނަށް އެ އެޝުއަރެންސް ލިބިފައި ވަނީ. ނަމަވެސް މި ވަރުގެ ތަރައްގީގެ ވަރަށް ބޮޑު މަޝްރޫއެއް ވީމާ، ރައީސް އެބަ ބޭނުންފުޅުވީ އެކަން އިތުރަށް ޔަގީންކޮށްލައްވަން. ހަމައެކަނި އިތުރަށް ކަށަވަރުކޮށްލަން ބައިނަލްއަގުވާމީ ބީސީޖީ ފަދަ ފަރާތަކާ ގުޅިގެން ސްޓަޑީއެއް ހަދާލަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ދިރާސާ ހިނގަމުން އަންނަ އިރު، ހައުސިން މިނިސްޓްރީއާ ގުޅިގެން އެ ސަރަހައްދުގެ ބޮޑުމިން ބަލައި އައިހެވަން މަޝްރޫއަށް ހިއްކޭނީ ކިހާ ބޮޑު މިނެއްގެ ސަރަހައްދެއްތޯ މިނިސްޓްރީން ބަލައި ޔަގީން ކުރާނެ އެވެ.

މިދިޔަ އަހަރު ސިންގަޕޫރުގައި ބޭއްވި އިންވެސްޓްމަންޓް ފޯރަމްގެ އިއުލާން ކުރި އެ ޕްރޮޖެކްޓްގެ ދަށުން، ރިއަލް އެސްޓޭޓް ވިޔަފާރި އާއި އޮފްޝޯ ފައިނޭންސާއި އެކްސްޕޯޓް ޕްރޮސެސިން ޒޯންތަކާއި ވިޔަފާރި ބަނދަރާއި އެއާޕޯޓާއި ޓުއަރިޒަމް އަދި ބަންކަރިންގެ ހިދުމަތް އެ ސަރަހައްދުގައި ފުޅާކުރުމަށް ވަނީ ރާވައިފަ އެވެ. މިއީ ސަރުކާރުގެ އެންމެ ބޮޑު އިގްތިސާދީ ތަސައްވަރު ކަމަށްވާ، އިގްތިސާދީ ހާއްސަ ސަރަހައްދުތައް، އެސްއީޒެޑް ތަރައްގީ ކުރުމުގެ މަޝްރޫއުގެ މައިގަނޑު ޕްރޮޖެކްޓެވެ.