ބޮލީވުޑް

"އެމްއެސް ދޯނީ" ގައި ފަވަދް ޚާން ހާއްސަ ރޯލަކުން

Sep 22, 2016

ޕާކިސްތާނުގެ އެކްޓަރު އަދި "ހޫބްސޫރަތް" އިން ބޮލީވުޑަށް ތައާރަފުވި ފަވަދް ޚާންގެ ދެން އެންމެ އަވަހަށް ރިލީޒްވާނެ ފިލްމެއް ކަމަށް ގިނަބަޔަކު އުންމީދުކޮށްގެން ތިބީ އޮކްޓޯބަރު މަހުގެ ފަހުކޮޅު ރިލީޒްވާ ކަރަން ޖޯހަރުގެ "އެއި ދިލްހެ މުޝްކިލް" ކަމަށެވެ.

ނަމަވެސް އެފިލްމުގެ ކުރިން ފަވަދް މިމަމަހުގެ 29 ވަނަ ދުވަހު ރިލީޒްކުރާ "އެމް އެސް ދޯނީ: ދި އަންޓޯލްޑް ސްޓޯރީ" ގެ މުހިންމު ރޯލަކުން ފެނިގެންދާނެ ކަމަށްވެ އެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯސްއިން އިންޑިއާގެ އެންމެ މަޝްހޫރު އެއް ކްރިކެޓްކުޅުންތެރިޔާ މަހެންދްރަ ސިންގް ދޯނީގެ ހާޔާތުގެ މައްޗަށް އުފައްދާފައިވާ މިފިލްމުގައި ވަރަށް ހާއްސަ ރޯލަކުން ފަވަދް ފެނިގެންދާނެ ކަމަށްވާއިރު، މިހާތަނަށްވެސް އޭނާ މިފިލްމުގައި ފެނިގެންދާނެކަން އޮތީ ސިއްރެއްގެ ގޮތުގައި ބާއްވާފަ އެވެ.

ޒުވާން އެކްޓަރު ސުޝާންތް ސިންގް ރާޖްޕުތް ދޯނީގެ ރޯލުން ފެނިގެންދާ މިފިލްމުގައި ފަވަދް ފެނިގެންދާނީ މިހާރު އިންޑިއާގެ ކްރިކެޓް ޓީމގެ އެންމެ އުންމީދީ ކުޅުންތެރިޔާ ވިރާޓް ކޯލީގެ ރޯލުން ކަމަށްވެ އެވެ.

މިހާތަނަށްވެސް މިފިލްމު އުފައްދާ ފަރާތުން ފަވަދް މިފިލްމުން ފެނިގެންދާނެކަން ނުވަތަ ނޫންކަން ޔަގީންކޮށްދީފައެއްނުވެ އެވެ.

ބުނެވޭ ގޮތުގައި މިފިލްމުގައި ފަވަދް ފެނިގެންދާނެކަން ފިލްމުގެ އެއްވެސް ޓީޒާ އަކުންވެސް އަދި ޓްރެއިލާއިން ވެސް ހާމަވެފައިނުވަނީ ޑައިރެކްޓަރު ކަރަން ޖޯހަރުގެ ފިލްމުގެ ކުރިން އެހެން ފިލްމަކުން ފަވަދް ފެނިގެންދާނެކަން އޭނާ އެނގެން ބޭނުންނުވާތީ ކަމަށް ބައެއް ބޮލީވުޑްގެ ހަބަރުތަކުގައިވެ އެވެ.

"އެމް އެސް ދޯނީ" ގައި ދޯނީގެ ހަޔާތުގެ މީހުނަށް ނޭނގޭ ގިނަ ވާހަކަތަކެއް މިފިލްމުން އެނގިގެންދާނެ އިރު، ގިނަބަޔަކަށް ނޭނގޭ އޭނާގެ ވަރަށް އަސަރުގަދަ ލޯބީގެ ވާހަކައެއްވެސް ފިލްމުގައި ފެނިގެންދާނެ އެވެ. އޭނާ ކްރިކެޓްގެ ދުނިޔޭގައި ފިޔަޖަހަން ފެށުމުގެ ކުރިން ރެއިލްވޭ ޓިކެޓް ކަލެކްޓަރެއްގެ ވަޒީފާ އަދާކުރި ގޮތާއި ކްރިކެޓްގައި އެންމެ އުހަށް އެރުމަށް ކުރި ބުރަ މަސައްކަތް މިފިލްމުގައި ފެނިގެންދާނެއިރު، އެދުވަސްވަރު އޭނާއާ އެކު އުޅުނު ކްރިކެޓް ޓީމުގެ ބައެއް ކުޅުންތެރިންގެ ރޯލުތައް ވެސް ފެނިގެންދާނެ އެވެ.

މިފިލްމުގެ ހަރަކާތްތެރިވާ ފަރާތަކުން ފަވަދް ވިރާޓްގެ ރޯލުން ފެނިގެންދާނެކަން ޔަގީންކޮށްދީފައިވާއިރު، މިފިލްމަކީ "އެއި ދިލްހޭ މުޝްކިލް" އަށް ވުރެ ކުރިން ރިލީޒްވާނެ ފަވަދްގެ ފިލްމެކެވެ.