ދުނިޔެ

ބަލިތަކުން ދިފާއުވުމުގެ ދިރާސާއަށް ފޭސްބުކްގެ ސީއީއޯ ތިން ބިލިއަން ޑޮލަރު

Sep 22, 2016

ބަލިތަކުން ދިފާއުވުމަށް ފަރުވާ ހޯދުމަށް ކުރިއަށް އޮތް ދިހަ އަހަރަށް ކުރަންޖެހޭ ދިރާސާތައް ހެދުމަށް ތިން ބިލިއަން ޑޮލަރުގެ އެހީ ފޯރުކޮށް ދިނުމަށް ދުނިޔޭގެ އެންމެ މަގުބޫލް ޝޯޝަލް ނެޓްވޯކް ފޭސްބުކްގެގެ ސީއީއޯ މާކް ޒުކާބާގް އާއި އޭނާގެ އަންހެނުން ޕްރިސްސިލާ ޗެން ވައުދުވެ ވަޑައިގެންފިއެވެ.

އެކަން އިއުލާން ކުރުމަށް އެމެރިކާގެ ސެން ފްރެންސިސްކޯގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުން ޒުކާބާގް އާއި ޗެން ބުނީ އެދެމެފިރިންގެ އަމާޒަކީ މިގަރުނު ނިމެންވާއިރަށް ހުރިހާ ބައްޔަކަށް ފަރުވާ ހޯދުން ކަމަށެވެ.

މިފަންޑު ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާނީ މިދިޔަ އހަރު ޑިސެމްބަރު މަހު އެދެމަފިރިން އުފައްދާފައިވާ 'ޗެން ޒުކާބާގް އިނިޝިއޭޓިވް' ދަށުންނެވެ.

ޒްކާބާގް ވިދާޅުވީ ބައްޔަށް ފަރުވާ ދެނެގަތުމަށްވުރެ ބޮޑަށް މިހާރު ދުނިޔޭގެ 50 ގުނަ ފައިސާ ހޭދަ ކުރަނީ ބަލި މީހުންނަށް ފުރުވާ ދިނުމަށް ކަމަށެވެ. އަދި ބައްޔަށް ބޭނުންވާ ހަގީގީ ފަރުވާ ނުހޯދި ދެވޭ ބޭހުން ބަލިމީހާ އިތުރަށް ބަލިވެގެން ދާ ކަމަށާއި އެކަން ބަދަލުކޮށް ބަލީގެ އަސްލު ފަރުވާ ދެނެގަންނަން ޖެހޭ ކަމަށް ޒުކާބާގް ވިދާޅުވިއެވެ.

ޒުކާބާގް ވަނީ އޭނާ އިއުލާން ކުރި މަސައްކަތައް ތިން ޕްރިންސިޕަލް އެއް އެކުލަވާލާފަައި

• ސައިންސް ވެރިންނާއި އިންޖީނިއަރުން އެއްކޮށް މަސައްކަތް ކުރުން

• ހަދަންޖެހޭ ދިރާސާ ހެދުމަށް ބޭނުންވާ ވަސީލަތާއި ޓެކްނޮލޮޖީ މިހާރަށްވުރެ އެޑްވާން ވަސީލަތްތައް އުފެއްދުން

• ދުނިޔޭގެ އެކި ކަންކޮޅުތަކުން ސައިންސް ހޯދުންތައް ހޯދުމަށް ފަންޑު ފޯރުކޮށްދިނުމަށް ޖަމާއަތެއް ހަރަކާތްތެރިވުން

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޗެން ވިދާޅުވީ މިހާރުވެސް އެދެމެފިރިންގެ އިސްނަގައިގެން 'ބަޔޯ ހަބް' ގެ ނަމުގައި އާ ރިސާޗްތައް ކުރުމަށް 600 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް ފައްތާވާފައިވާނެ ކަމަށެވެ.

އަދި 'ބަޔޯ ހަބް' ގައި އިންޖިނިއަރުންނާއި ކޮމްޕިއުޓާ ސައިންސްވެރިންނާއި ބަޔޮލަޖިސްޓުންނާއި ބޭސްވެރިންނާއި އެހެނިހެން އުފެއްދުންތެރިން މަސައްކަތް ކުރާނީ އެއްކޮށް ކަމަށް ޗެން ވިދާލުވިއެވެ.

ޓެކްނޮލީޖީ ލީޑަރުންގެ އިންވެސްޓްމެންޓް ސިއްހީ ދާއިރާއަށް

ފޭސްބްކްގެ އިތުރުން ޓެކޮނޮލީޖީދާއިރާގެ އެންމެ މަތީ ފަންތީގެ ކުންފުނިތަކުން ދަނީ ސިއްހީ ދާއިރާ ކުރިއެރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

މިހަފަތާ ކުރީކޮޅު މައިކްރޯސޮފްޓް ކުންފުނި ބުނީ ކެންސަރު ބައްޔަށް ފަރުވާ ހޯދުމުގެ ގޮތުން އާޓިފިޝަލް ޓޫލެއް ބޭނުންކޮށްގެން ފަރުވާ ދިނުމަށް ބޭނުންވާ ޓެކޮނޮލޮޖީ އުފެއްދުމަށް އެކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

ގޫގުލްގެ 'ފުން ސިކުނޑީ'ގެ ގޮތުގައި މަޝްހޫރުވެފައިވާ ގޫގުލް ކުންފުނީގެ ޔުނިޓުން ބުނީ ޑައިގްނޯސް ބަލިތަކަށް މިހާރަށްވުރެ ބޮޑަށް ކޮމްޕިއުޓާ ޓެކްނޮލަޖީ ތާރަފު ކުރުމަށް އެ ކުންފުނިން މަސައްކަތް ކުރަމުންދާ ކަމަށެވެ.

އައިބީއެމް އާއި އެމްއައިޓީން ބުނީ ދުވަސްވީ މީހުންނަށާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ކްލިނިކަލް ފަރުވާ ދިނުމަށް ފުލް ޓެކްނޮލަޖީ ހިމެނޭ ސިސްޓަމެއް އުފެއްދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މިހަފުތާގައި ވަނީ އިއުލާންކޮށްފައެވެ.